ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް މިހާރު ވނީ ފަށައިގަނެވިފަ: ވަޒީރު އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް މިހާރު ވނީ ފަށައިގަނެވިފަ: ވަޒީރު އިޙްސާން

ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް މިހާރު ފަށައިގަނެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން، އެކި ކޯސްތައް ފުރިހަމަކުރި ޤައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ދުވަސްތަކަކަށްފަހު ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް މިހާރު ފަށައިގަނެވިފައިވާ ކަމަށެވެ.

ދެ އަހަރު ދުވަހެއްގެ ތެރޭގައި މިހާރު ކުރިމަތިވަމުންދާ ޖާގައިގެ ދަތިކަމާއި އިންފްރާސްޓްރަކްޗަރގެ މައްސަލަތަކަށްވެސް ޙައްލެއް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެ ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހެއް، އެ ޤައިދީއެއްގެ ޖަލު ޙުކުމުން އުނިވާ ދުވަހެއްގެ ގޮތުގައި ހެދުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްކުރިއަށްދާކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، ޖަލުގައި ޤައިދުކޮށްގެން މީހުން ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅެންޖެހޭއިރު، އެ ތަނުގެ މަގްސަދަކަށް ވާންޖެހޭނީ މީހުން ގެންގުޅެފައި ތިބިގޮތަށް ދޫކޮށްލުން ނޫން. ވަޒީރު

ވަޒީރު ވިދާޅުވީ ޖަލަށް އަންނަ ކޮންމެ ލޮބުވެތި ރައްޔިތަކީ ޖަލުން ނިކުމެގެން ދާއިރުގައި މުޖްތަމަޢުއަށް ބޭނުންތެރި، މުޖްތަމަޢުއިން އެމީހަކަށް އިޙްތިރާމްކުރާ އަދި އެމީހުންގެ ޢާއިލާތަކުން ބަލައިގަންނަ މީހަކަށްވާން ވާނެ ކަމަށެވެ.

މުޖްތަމަޢުގައި ޢާމްދަނީއެއް ހޯދައިގެން އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ އަދި ދެން އަނބުރާ މިފަދަ ފެސިލިޓީއަކަށް ނާންނާނެ ކަމުގެ ފުރިހަމަ އަޒުމާއެކުގައި ނިކުންނަ މީހެއް ކަމުގައިވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވަޒރު ވަނީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އަލަށް ތަޢާރަފްކުރި “ސެޓްފިކެޓް 1 އިން ޤިރާތު” އިފްތިތާހުކޮށްދެއްވާފައެވެ.

އަދި މި ކޯހުގެ ދެ ބެޗްގައި ޖުމްލަ 67 ޤައިދީން ވަނީ ބައިވެރިވެފައެވެ. މިއީ އައިކޯސްޓްއިން ޤިރާތު ކޯސް އެހެން އިންސްޓިޓިއުޓެއްގެ އެހީތެރިކަމާ ނުލާ ހިންގާ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، އައިކޯސްޓްއިން ކުރިއަށް ހިންގުމަށް ރޭވިފައިވާ ކޯސްތައްވެސް ވަޒީރު އިފްތިތާޙުކޮށްދެއްވިއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން