މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނާ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނާ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ދިވެހިރާއްޖޭން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފު، ޖަޕާނުގެ އެގްރިކަލްޗަރ، ފޮރެސްޓްރީ އެންޑް ފިޝަރީޒް މިނިސްޓަރު ނޮރިކަޒޫ ސުޒުކީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ސަފީރު މަހުލޫފު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޖަޕާނަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމުގައި ޒަމާނުއްސުރެ ވަރަށް ގާތް އަދި މުހިންމު ބައިވެރިއެއް ކަމަށެވެ. ވަކިން ހާއްސަކޮށް ފަންނީ އެހީތެރިކަމާއި، ދާއިރާގެ މީހުން ބިނާކުރުމާއި، އެކި ގޮތްގޮތުން ވެދީފައިވާ އެހީތެރިކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ލިބުނު ބޮޑު ބާރެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކުރުމުގެ މާ ކުރިންވެސް، ޖަޕާނުގެ މަސްވެރިކަމުގެ މާހިރުން ރާއްޖެއަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ސަފީރުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ. މިއީ އަންނަ އަހަރު ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން