މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން މަތީ ތައުލީމު ހާސިލްކުރުމަށް ބޭނުންވާ ފަރާތްތަކަށް ސްކޮލަރޝިޕްގެ ފުރުސަތުތަކެއް މިއަދު ހުޅުވާލައިފިއެވެ. މި ފުރުސަތުތަކުގެ ދަށުން ބެޗްލާސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެމްއެމްއޭއިން ހުޅުވާލާފައިވާ ސްކޮލަރޝިޕްތަކުގެ ތެރޭގައި މެލޭޝިޔާގެ މަޝްހޫރު ޔުނިވަރސިޓީތަކުން ކިޔެވުމުގެ ފުރުސަތު ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބެޗްލަރ އޮފް އެކައުންޓިންގ: ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ، މާސްޓަރ އޮފް ލޯސް: އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ، މާސްޓަރ އޮފް އިކޮނޮމިކްސް: އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ އަދި ޕީއެޗްޑީ ފުރުސަތުތައް (އިންސީފް ޔުނިވަރސިޓީ): އިސްލާމިކް ފައިނޭންސް ނުވަތަ އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް) ދާއިރާއިން ނެވެ.
މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކަށް ކޯހުގެ ޓިއުޝަން ފީއާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ހުރިހާ ޚަރަދުތަކެއް އެމްއެމްއޭއިން ހަމަޖައްސައިދޭނެއެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 30 ޖޫން ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. އެމްއެމްއޭއިން ވިދާޅުވި ގޮތުގައި، ކޯސް ފުރިހަމަކުރުމަށްފަހު ކިޔެވި ފަރާތްތަކުން މަދުވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.