އެސްޑީއެފަށް ޖަމާކުރި ފައިސާގެ އަދަދު 1 ބިލިޔަނަށްވުރެ އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
އެސްޑީއެފަށް ޖަމާކުރި ފައިސާގެ އަދަދު 1 ބިލިޔަނަށްވުރެ އިތުރުވެއްޖެ

މިއަހަރުގެ މިހާތަނަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު 1 ބިލިޔަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައެވެ.

މާލީ ވުޒާރާގެ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފަށް މުޅި ޖުމްލަ 1 ބިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި 934 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ.

ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރި މިންވަރު އިތުރުވެފައިވާއިރު، ދައުލަތުގެ ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ މި މުއްދަތުގައި ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ލޯނުތައް އަނބުރާ ދެއްކުމަށް 8.7 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކުރި 3.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 178 އިންސައްތަ އިތުރު އަދަދެކެވެ.

ސަރުކާރުން މި އަހަރު ދެއްކި 500 މިލިޔަން ޑޮލަރުގެ ލޯނު ދެއްކުމުގައިވެސް އެސްޑީއެފްގެ ބޭނުން ހިފާފައިވެއެވެ. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ކުއްލި ހާލަތްތަކުގައި ދިމާވާ ކަންކަމަށާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގެ އިތުރުން، އިޤްތިޞާދީ ލޮޅުންތަކުން ލިބޭ ގެއްލުން ފޫބެއްދުމަށް އުފައްދާފައިވާ ފަންޑެކެވެ.

މާލީ ވުޒާރާއިން ފާހަގަކޮށްފައިވާ ގޮތުގައި، މި ފަންޑަކީ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ރިޒާވްއާ މުޅިން ތަފާތު، ވަކި މަޤްޞަދެއްގައި ބަލަހައްޓަމުންދާ ފަންޑެކެވެ.

މިއަދު އޮންލައިން