ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްވެގެން ދިއުމަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވިދާޅުވެއްޖެއެވެ.
ބީސީސީއިން ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި ވަކިން ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން، އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތައާރަފްވެގެންދިއުމަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށާއި، އަމިއްލަ އުފެއްދުންތެރިންނަށާއި އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރުތަކަށް ފަސޭހަކަމާއެކު ފުރުސަތު ހޯދުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެއްކަމަށެވެ.
މި ޚިދުމަތުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަސްޓަމަރުންގެ އަތުން ރައްކާތެރިކަމާއެކު ފައިސާ ބަލައިގަނެ، ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ ފެންވަރުގައި މާކެޓްކުރުމުގެ މަގު ފަހިވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ހަރުދަނާކޮށް، ވިޔަފާރިވެރިންނަށް ހުރި ހުރަސްތައް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށާއި، މިކަން ހަޤީގަތަކަށް ހެއްދެވުމަށް އެމަނިކުފާނު ކުރެއްވި އިހްލާސްތެރި މަސައްކަތްޕުޅަށްޓަކައި ބީސީސީއިން ވަނީ ކުދި ވިޔަފާރިތަކުގެ ނަމުގައި ރައީސްއަށް ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން، މި ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފައި ދިވެހި އުފެއްދުންތެރިކަން ދުނިޔޭގެ ބާޒާރަށް ނެރެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ މާލީ ތަނަވަސްކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށް ރާއްޖޭގެ ހުރިހައި ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް ބީސީސީއިން ވަނީ ގޮވާލާފައެވެ.