އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް އިބުތިދާއީ އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް، ދާއިމީ ސުލްޙައެއް ޤާއިމުވެދާނެކަމާމެދު އީރާނުގެ ރައްޔިތުންގެ މެދުގައި ވަނީ ޝައްކު އުފެދިފައެވެ. ޕާކިސްތާނުގެ މެދުވެރިވުމާއެކު ޖެނީވާގައި ސޮއިކުރާ މި އެއްބަސްވުމުގެ ދަށުން، ހުރުމުޒް ކަނޑުއޮޅި ހުޅުވައިލުމަށާއި، އީރާނަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ޙިޞާރު އުވައިލުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އީރާނުގެ ހިފަހައްޓާފައިވާ 25 ބިލިޔަން ޑޮލަރު ދޫކޮށްލުމަށާއި، ގަލްފުގެ ޤައުމުތަކުގެ އެހީގައި އީރާން އާރާސްތުކުރުމުގެ ފަންޑެއް އުފެއްދުމަށް ވެސް ވަނީ ނިންމާފައެވެ. ނަމަވެސް ނިއުކްލިޔަރ މައްސަލަ ފަދަ ނާޒުކު ކަންކަމުގައި ދާއިމީ ޙައްލެއް ނުފެންނާތީ، އެއްބަސްވުން ބާޠިލުވެދާނެކަމުގެ ބިރު އެބައޮތެވެ.
އެއްބަސްވުމުގެ މުހިންމު ނުކުތާތައްމި އެއްބަސްވުމުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އިޤްތިޞާދީ އަދި އަސްކަރީ ޙިޞާރުތައް އުވައިލުމަށެވެ. އެގޮތުން، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ޙިއްޞާކުރާ ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމާއި، އީރާނުގެ ދެކުނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައި އޮތް ކަނޑުގެ ޙިޞާރު އުވައިލުން ހިމެނެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އިތުރު އައު ފިޔަވަޅެއް ނާޅައި، އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ 25 ބިލިޔަން ޑޮލަރު ދޫކޮށްލުމަށާއި، ގަލްފުގެ ޤައުމުތަކުގެ އެހީގައި އީރާން އާރާސްތުކުރުމަށް 300 މިލިޔަން ޑޮލަރުގެ ފަންޑެއް އުފެއްދުމަށް ވެސް ވަނީ ހުށަހެޅިފައެވެ.
އެމެރިކާއާއި އީރާނުގެ ސަރުކާރާ ދެމެދު ސުލްޙައިގެ އަތެއް ދިއްކުރި ނަމަވެސް، އީރާނުގެ ގިނަ ރައްޔިތުންނަށް މިއީ "މޫނުމަތީގައި ޖެހި އެތިފަހަރެއް" ފަދަ ކަމެކެވެ. ޚާއްސަކޮށް ބޭރު ޤައުމުތަކުގައި ދިރިއުޅޭ އީރާނުގެ ދަރިކޮޅުގެ މީހުން ދެކޭގޮތުގައި، މި އެއްބަސްވުމަކީ އީރާނުގެ މިހާރުގެ ވެރިކަމުގެ ނިޒާމަށް ލިބުނު އާ ފުރާނައެކެވެ. ހަނގުރާމައިގެ ތެރޭގައި އެތައް ހާސް ބަޔަކު ޝަހީދުވެ، އިޤްތިސާދު އިނދަޖެހިފައިވާއިރު، ނިޒާމަށް ބަދަލެއް ނައިސް ސުލްޙަވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އެފަރާތްތަކުން ބުނެއެވެ.
ނިއުޒިލޭންޑްގައި ދިރިއުޅޭ އީރާނުގެ ރައްޔިތެއް ކަމަށްވާ މެހެރުދާދު ސޮލްތާނީފަރު ބުނި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އީރާނުގެ ރައްޔިތުން މިނިވަންކަމަށް ކުރާ މަސައްކަތަށް ހުރަސްއެޅިގެންދާނެއެވެ. އަދި ހަނގުރާމައިގެ ހާާލަތުގެ ނާޖާއިޒު ފައިދާ ނަގައި، އީރާނުގެ ސަރުކާރުން ގެންދަނީ ދާޚިލީ ގޮތުން އިދިކޮޅު ފަރާތްތަކަށް އަނިޔާކޮށް، މަރުގެ އަދަބު ދިނުން އިތުރުކުރަމުންނެވެ. އެމްނެސްޓީ އިންޓަރނޭޝަނަލުން ހާމަކޮށްފައިވާ ގޮތުގައި ހަނގުރާމައިގެ ތެރޭގައި 6,000 އަށްވުރެ ގިނަ މީހުން ވަނީ ޣައިރުޤާނޫނީ ގޮތުން ހައްޔަރުކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި އެއްބަސްވުމާ މެދު ވަރަށް ސާފު ޝަރުޠުތަކެއް ކުރިމަތިކުރައްވާފައެވެ. އޭގެ ތެރޭގައި އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުން ހުއްޓައިލުމާއި، ލުބްނާނުގެ ޙިޒްބުالله ފަދަ ޖަމާޢަތްތަކަށް ވާގިވެރިވުން ހުއްޓައިލުން ހިމެނެއެވެ. ނަމަވެސް، މި އެއްބަސްވުމާ މެދު އެންމެ ބޮޑަށް ނުރުހުން ފާޅުކުރަނީ ޞަހްޔޫނީ އިޒްރޭލުންނެވެ. ބޮޑުވަޒީރު ނަތަންޔާހޫއާއި ދިފާޢީ ވަޒީރު އިޒްރައެލް ކަޓްޒް ވަނީ ލުބްނާނާއި، ސޫރިޔާ އަދި ޣައްޒާގެ އިސްތިޢުމާރުކޮށްފައިވާ ބިންތަކުން ފޭބުމަށް އިންކާރުކޮށްފައެވެ. މިކަމުގެ ސަބަބުން، ތެހްރާނާއި ވޮޝިންގޓަނުގެ އެއްބަސްވުމަކީ ސަހްޔޫނީންނަށް ލިބުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
މި އެއްބަސްވުމާ މެދު އުފެދިފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ހަނގުރާމައިގެ ނިވާފަތްގަނޑުގައި އީރާނުގެ ސަރުކާރުން އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކެވެ. ބައިނަލްއަޤްވާމީ އިންސާނީ ހައްްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ފާހަގަކުރާ ގޮތުގައި ހަނގުރާމައިގެ "ހާއްސަ ހާލަތު" ބޭނުންކޮށްގެން، ސަރުކާރާ ދެކޮޅަށް ޚިޔާލުފާޅުކުރާ 6,000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ސިޔާސީ މަޤްޞަދުތަކުގައި މަރުގެ އަދަބު ދިނުން ވަނީ އިތުރުކޮށްފައެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ފައިސާގެ އަގު ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު އިންތިހާއަށް ދަށަށް ގޮސް، ޒަރޫރީ ތަކެތީގެ އަގު ވަނީ އަތްނުފޯރާ ފަށަށް އުފުލިފައެވެ.
ހަމައެއާއެކު ބޭރުގައި ދިރިއުޅޭ އީރާނުގެ ދަރިކޮޅުގެ މީހުން ދެކޭގޮތުގައި، އެމެރިކާއިން އިސްވެ އީރާނުގެ އިސްވެރިންތަކެއް މަރާލި ނަމަވެސް، އީރާނުގެ ސިޔާސީ އޮނިގަނޑަށް އެދެވޭ ބަދަލެއް ނާދެއެވެ. އޭގެ ބަދަލުގައި، ވެރިކަމުގެ ތެރޭގައި ތިބި ހަރުކަށި ފިކުރުގެ މީހުންގެ ބާރު ކުރިއަށްވުރެ ގަދަވެފައިވާ ކަމަށް އެފަރާތްތަކުން ތުހުމަތުކުރެއެވެ.
މިހާރު އެކުލަވައިލި އެއްބަސްވުމަކީ ހަމައެކަނި 60 ދުވަހުގެ މުހުލަތަކަށް ވާތީ، އެ މުއްދަތުގެ ތެރޭގައި ނިއުކްލިޔަރ މަޝްރޫޢާއި އެހެނިހެން ނާޒުކު މައްސަލަތަކަށް ދާއިމީ ޙައްލެއް ނުހޯދިއްޖެ ނަމަ، އަނެއްކާވެސް އީރާނުގެ ރައްޔިތުން ކުރިމަތިލާންޖެހޭނީ ބިރުވެރި ވައިގެ ޙަމަލާތަކާއި ހަނގުރާމައިގެ ތަދުމަޑުކަމާއެވެ.
އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވާ ގޮތުގައި، މިއީ ހަނގުރާމަ ހުއްޓައިލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ނަމަވެސް، ދާއިމީ ސުލްޙައެއްގެ ސިފަ އަދި ސާފެއް ނޫނެވެ. އެމެރިކާއާއި ޔަހޫދީން ގުޅިގެން ހިންގި މި ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގައި 7,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އީރާނުގެ ރައްޔިތުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ކުރިއަށް އޮތް 60 ދުވަހުގެ މަޝްވަރާތަކުގައި ނިއުކްލިޔަރ މައްސަލައާއި ސަރަޙައްދީ ރައްކާތެރިކަމާ މެދު ގޮތެއް ނުނިންމިއްޖެ ނަމަ، މި އެއްބަސްވުން ބާޠިލުވެ، އަލުން ބޮޑު ހަނގުރާމައަކަށް މަގުފަހިވެގެން ދިޔުމުގެ ބިރު އެބައޮތެވެ. އެހެންކަމުން، ޖެނީވާގައި ކުރެވޭ ސޮޔަކީ ހަމައެކަނި ވަގުތީ ހަމަހިމޭންކަމެއްތޯ ނުވަތަ ޙަޤީޤީ ބަދަލެއްގެ ފެށުންތޯ ނިންމާނީ ކުރިއަށް އޮތް ދުވަސްތަކުގެ އަމަލީ ނަތީޖާއިންނެވެ.