ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، އެ ޤައުމުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ޔަހޫދީ އިޒްރޭލުން ފުރިހަމައަށް ބޯލަނބާކަން ކަށަވަރުކުރުމަށާއި، ކުށްތަކަށް އަދަބެއް ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ ދައުރު އަދާކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިފަދައިން ގޮވާލާފައިވަނީ ޖެނީވާގައި މިހާރު ކުރިއަށްދާ އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ބައްދަލުވުމެއްގައި އިއްވި ބަޔާނުގައެވެ. ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އިއްވެވި މި ބަޔާނުގައި، ޔަހޫދީންގެ އަސްކަރީ ބާރުތަކުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅުން ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.
މީގެ އިތުރުން، ފަލަސްޠީނުގެ އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށް ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ މުޖުތަމައަށް ބާރު އަޅާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނުން ބޭރުކުރުން ހުއްޓުވުމަށާއި، އަނިޔާ ލިބެމުންދާ އާންމުންނަށް ބޭނުންވާ އެހީތެރިކަމާއި އަދުލުވެރި ބަދަލު ހޯދައިދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް ރާއްޖޭގެ ބަޔާނުގައި ގޮވާލާފައިވެއެވެ.
ރާއްޖޭގެ މަންދޫބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށާއި، އަމިއްލަ މިނިވަންކަން ކަނޑައެޅުމުގެ ޙައްޤަށް ފުރިހަމައަށް އިޙްތިރާމްކުރަން ޖެހެއެވެ. އަދި މި މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި އަދި ސުލްޙަވެރި ޙައްލެއް ހޯދުމަށް ބޭނުންވާ މާޙައުލެއް ޤާއިމުކުރުމުގެ މުހިންމުކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގެ ބަޔާން ނިންމާލާފައި ވަނީ ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން ހިންގާ ޣައިރު ޤާނޫނީ އިސްތިޢުމާރު ވަގުތުން ނިމުމަކަށް ގެނައުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ތަކުރާރުކޮށް ހާމަކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަބަދުވެސް ވަކާލާތު ކުރަމުންދަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށެވެ.