ދުނިޔޭގެ ނަން މަޝްހޫރު އިތުރު ޕްލެޓްފޯމްތަކާއި ޓެކްނޮލޮޖީތައް ކުރިއަށްއޮތްތަނުގައި ދިވެހި ޒުވާނުންނަށް މި ސަރުކާރުން ގެނެސްދޭނެކަމުގެ ޔަގީންކަން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދެއްވައިފިއެވެ.
ވަޒީރު މިހެން ވިދާޅުވީ "ޕޭޕަލް" ގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމާ ގުޅިގެން "ޕޭޕަލްގެ ޚިދުމަތް ދިވެހިންނަށް" މި ނަމުގައި ބޭއްވި މަޢުލޫމާތު ހިއްސާކުރުމުގެ ޚާއްޞަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން، ޕޭޕަލް ފަދަ ދުނިޔޭގެ މަގުބޫލު އެހެން ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޕޭޕަލްގެ ޚިދުމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، "މިހާރު ޕޭޕަލް ރާއްޖެއަށް ތަޢާރަފްވެގެން މިދިޔައީ. އެހެންވީމަ ރާއްޖޭގެ ފްލެގް އިންނާނެ ޕޭޕާލްގައި. އަދި ޕޭޕަލްގެ ފްލެގް ރާއްޖޭގެ އިކޮނޮމީގައި ބިންވަޅު ނެގިގެން އެދިޔައީ. ޕޭމަންޓްސް ރިސީވްވާނެ. ރިއަލްޓައިމް ސީމްލެސްކޮށް މަސައްކަތްވެސް ކުރާނެ. ވަރަށް ބޮޑު ކުރިއެރުމެއް ހަޤީގަތުގައި ފަހިވެގެން މިދިޔައީ."
ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަލިއަޅުވާލައްވަމުން ސަޢީދު ވިދާޅުވީ، އިޤްތިޞާދު ކުރިއަރުވަން ބޭނުންވާނަމަ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބެވެން ނެތް ކަމަށެވެ. އަދި ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގައި ކުރިއަރާފައިވާ ބޮޑެތި ކުންފުނިތަކުން މިހާރު ރާއްޖެއަށް ވަރަށް ބޮޑަށް އިޙްތިރާމްކުރާ ކަމަށާއި، އެ ފަރާތްތަކުގެ އިތުބާރު ރާއްޖެއަށް ލިބިފައިވާކަމީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި ވަޒީރު ވިދާޅުވިއެވެ.
މި ފަދަ ޒަމާނީ ވަޞީލަތްތައް ރާއްޖެއަށް ތަޢާރަފްވުމަކީ، އަމިއްލަ މަސައްކަތްކުރާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި ފައިސާގެ މުޢާމަލާތްތައް ހިންގުމަށް ހުޅުވިގެންދާ ވަރަށް ބޮޑު ދޮރެއްކަން ސަރުކާރުން ފާހަގަކުރެއެވެ.