ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ހާހަކަށްވުރެ ގިނަ ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ކަސްޓަމްސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ކަސްޓަމްސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިއީ ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެ ކަމަށް ޝައްކުކުރެވިގެން ހިންގުނު އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި ޝިޕްމަންޓުގެ ތެރޭގައި ހުރި ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވައިގެން ވޭޕް އެތެރެކުރަން މަސައްކަތް ކޮށްފައިވާކަން ކަސްޓަމްސްއިން ފާހަގަކުރެއެވެ.
މިގޮތުން ފާސްކުރި ފާސްކުރުމުން ޖުމްލަ 1،108 ވޭޕް ކާޓްރިޖާއި، ވޭޕް ކުރަން ބޭނުންކުރާ 27 ޑިވައިސް ފެނިފައިވެއެވެ. މި ހުރިހާ ތަކެއްޗެއް މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ކަސްޓަމްސްއިން އިތުރަށް ވިދާޅުވީ، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާ ދަނޑިވަޅެއްގައި، މިފަދަ ތަކެތި ވަގަށް އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.