ސައުތު އީސްޓް އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޕޭޕަލްގެ ޚިދުމަތް ލިބެނީ އަތުން ގުނާލެވޭފަދަ މަދު ގައުމަކަށް ކަމަށާއި، އޭގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒް ވިދާޅުވެއްޖެއެވެ.
ޕޭޕަލްގެ ޚިދުމަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ، ސަރަޙައްދީ ފެންވަރުގައި ބަލާއިރުވެސް މި ޚިދުމަތް ރާއްޖެއަށް ލިބިގެންދިއުމަކީ ފާހަގަކޮށްލަންޖެހޭ ކުރިއެރުމެއް ކަމަށެވެ.
ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ބޭނުންކުރުމުގައި އުރީދޫގެ "އެމްފައިސާ" މުހިންމު ދައުރެއް އަދާކުރާނެކަން ފާހަގަކުރައްވަމުން ނިޔާޒް ވިދާޅުވީ، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ހޯދޭނީ އެމްފައިސާ މެދުވެރިކޮށް ކަމަށެވެ. އަދި އަލަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެމްފައިސާގެ ތެރެއިން އެ ފުރުޞަތު ފަހިވެފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޕޭޕަލް އެޕެއް ލޯންޗެއް ނުކުރަން ރާއްޖެއަކު. އަޅުގަނޑުމެން ފައިސާ މިދެނީ އެމްފައިސާ މެދުވެރިކޮށް. އަލަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ބޭފުޅަކުވެސް އެމްފައިސާ މެދުވެރިކޮށް އޭގެތެރޭގައި އިންނަ ޕޭޕަލް ކާޑަށް ފިއްތާލީމަ ރަޖިސްޓަރވެސް ކޮށްލެވޭނެ. ކޮންމެހެން ޕޭޕަލް އެޕް އަޅާކަށް ނުޖެހޭނެ އެކަން ކުރާކަށް،" ނިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. ޚާއްޞަކޮށް ގޭގައި ތިބެގެން މަސައްކަތްކުރާ އަމިއްލަ ފަރާތްތަކަށް ޕޭޕަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި، ވިޔަފާރި ކުރާ ފަރާތްތަކުން ޕޭމަންޓު ހެދުމަށް ޕޭޕަލް އައިޑީ ފޮނުވާލުމުން، ވަގުތުން ފައިސާ ލިބޭނެއެވެ. އަދި ވިއްކާ ފަރާތަށް އެ ފައިސާ ލިބޭނީ ޑޮލަރުން ކަމަށްވުމީ ވިޔަފާރިވެރިންނަށް ލިބޭނެ އިތުރު ހިތްހަމަޖެހުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދީ އަދި ޑިޖިޓަލް މުޢާމަލާތްތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އުރީދޫއިން ދެކެއެވެ.