"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުޅުވާލި ފުރުސަތުގައި ފްލެޓާއި ގޯއްޗަށް 58،505 އެޕްލިކޭޝަން ހުށައަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުޅުވާލި ފުރުސަތުގައި ފްލެޓާއި ގޯއްޗަށް 58،505 އެޕްލިކޭޝަން ހުށައަޅައިފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުޅުވާލި ފުރުސަތުގައި ފްލެޓާއި ގޯއްޗަށް އެދި ޖުމްލަ 58،505 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" ޕްރޮގްރާމާ ގުޅޭ ތަފާސްހިސާބުތައް އާންމުކުރަމުން އެ ވުޒާރާއިން ބުނީ، މިހާތަނަށް ލިބިފައިވާ އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހަޅާފައިވާ 35،930 އެޕްލިކޭޝަނާއި، ގޯއްޗަށް އެދި ހުށަހަޅާފައިވާ 22،575 އެޕްލިކޭޝަން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިއުލާނު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މި ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި އަލަށް ހިއްކާ ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި، މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރާނެ އުސޫލުތައްވެސް މިހާރު ވަނީ އާންމުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު މި ޕްރޮގްރާމްގެ ތެރެއިން ހައްލެއް ހޯދައިދިނުމެވެ.

މިއަދު އޮންލައިން