ލޯބިވެގެން ދުވަސްތަކެއްވަންދެން އެކުގަ އުޅެފަ ނުވަތަ އުޅެމުންވެސް އެހެން މީހަކާއި ކައިވެނިކުރާ މައްސލައަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އެހެންވެ މިގެނެސްދެނީ ވިސްނައިލުމުން ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ
މިޘާލެއް ބުނެލާނަމެވެ. ވަރަށް ރީތި އަދި ތަނަވަސް އަންހެނަކާއި އެފެންވަރު ނެތް ފިރިހެނަކާއިދެމެދުގައި ލޯބީގެ ގުޅުން އޮވެދާނެއެވެ. 4، 5 އަހަރުވެސް ފާއިތުވެދާނެއެވެ. އެހިސާބުން ދެމީހުން ވަކިވެދާނެއެވެ. އެއިގެ ދުވަސްކޮޅެއްފަހުން އެ ފިރިހެން މީހާ ސިފަ އެހައި ރީތި ނޫން އަދި ތަނަވަސްކަން ނެތް އަންހެނަކާއި ކައިވެނިކޮށްފާނެއެވެ.
ހަމަމިގޮތް އަންހެނެނަކަށްވެސް ކުރިމަތިވެދާނެއެވެ. ވަރަށް ރީތި އަދި ތަނަވަސް ފިރިހެނަކާއި އެފެންވަރު ނެތް އަންހެނަކާއިދެމެދުގައި ލޯބީގެ ގުޅުން އޮވެދާނެއެވެ. 4، 5 އަަހރުވެސް ފާއިތުވެދާނެއެވެ. އެހިސާބުން ދެމީހުން ވަކިވެދާނެއެވެ. އެއިގެ ދުވަސްކޮޅެއްފަހުން އެ އަންހެން މީހާ ސިފަ އެހައި ރީތި ނޫން އަދި ތަނަވަސްކަން ނެތް ފިރިހެނަކާއި ކައިވެނިކޮށްފާނެއެވެ.
ސުވާލަކީ މިވަނީ ކިހިނެއްހެއްޔެވެ؟ އަހުރެންގެ ވިސްނުމުން ޖަވާބުދޭނަމެވެ.
މިކަން މިދިމާވާ ސަބަބަކީ ކައިވެނި ކުރަން ތައްޔާރުނުވެ ލޯބިވާކަމެވެ. ކައިވެނި ނުކުރެވި ދުވަސްތައް ދިގުލައި ދިއުމުން ކައިވެނިކުރެވޭނެ ކަމުގެ އުންމީދުގައި ހުންނަ މީހާ ފޫހިވެ ކޮންމެ މީހަކާއި ނަމަވެސް ކައިވެނިކުރަން ބޭނުންވަނީއެވެ. ދެމީހުން އެކުގައި ޒަވާޖީ ޙަޔާތެއް ފަށަން ބޭނުންވަނީއެވެ.
ވީމާ އަހުރެން ބުނާނީ ރީތިވެފައި ތަނަވަސްކަން ހުރީތީ އަނެކާ ތިމާއަށް ކިތަންމެ ދިގު މުއްދަތެއްގައިވެސް އިންތިޒާރުކުރާނެ ކަމަށް ނުދެކޭށެވެ! ކައިވެނިކުރަން ތައްޔާރުނުވެހުރެ ލޯބިވެރިން ނުހޯދާށެވެ! އެކަމުގެ ސަބަބުން ތިމާ ގިނަވުން ނޫންކަމެއް ނުވާނެއެވެ.
ލޯބިވުމަކީވެސް އަދި ކައިވެނިކުރުމަކީވެސް ކުޅޭ ކުޅިވަރަކަށް ނުހަދާށެވެ. ލޯބިވާންވާނީ ކައިވެނިކުރުމަށް ގޮތް ނިންމައިގެންނެވެ. ކައިވެނިކުރާނެ މުއްދަތުވެސް ކަނޑައަޅައިގެންނެވެ. އެމުއްދަތުގައި ކައިވެނިކުރަންވާނެއެވެ. މުއްދަތުގައި ކައިވެނިކުރަން އަނެކާ ދެކޮޅުހަދާނަމަ އެއީ މައްސަލައެކެވެ. އަވަހަށް އެމީހަކާއި ވަކިވާށެވެ. އަދުނޫން މާދަމާގައި ޢުމުރުގެ އަގުހުރި ދުވަސްތައް ބޭކާރުކޮށްނުލާށެވެ!
މިއީ މިކަމުގައި ޢިލްމްވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކުގެ މައްޗަށް އެކުލަވައިލި ލިޔުމެކެވެ.
--އަލަފް / މިއަދުނޫސް