ތިމާ ކުރާ ކޮންމެ ކަމަކީ އަޅުކަމަކަށް ހެދުމުގެ ފުރުޞަތު ކޮންމެ މުސްލިމަކަށްވެސް އެބައޮތް! ނިކަން މިގޮތަށް ޢަމަލުކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ތިމާ ކުރާ ކޮންމެ ކަމަކީ އަޅުކަމަކަށް ހެދުމުގެ
ފުރުޞަތު ކޮންމެ މުސްލިމަކަށްވެސް އެބައޮތް! ނިކަން މިގޮތަށް ޢަމަލުކޮށްބަލަ!

 

ބޭނުންވަނީ އަޅުކަމަކަށް ނުވާނެ އެއްވެސް ޢަމަލެއް ނުކޮށް ހަމައެކަނި ޘަވާބުލިބޭނެ އަޅުކަން ކުރަންކަމަށް ބުނެ އެކަން ކުރެވޭނެ އެއްވެސ މަގެއް އެބަ އޮތްތޯ ކުރާ ސުވާލަށް ޖަވާބަކީ އާނއެކެވެ. އެމަގު މިއޮތީއެވެ! 

ފުރަތަމަ ކަމަކަށް ފާފައެއް ނުކޮށް ހުންނަން އެންމެ ފަސޭހައިން މަގުފަހިވާނެ ގޮތާއިމެދު ވިސްނާލައި ވާހަކަދައްކައިލަމާހެއްޔެވެ!  ފާފައެއް ނުކޮށް ހުންނަން ބޭނުން މީހާއަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަބަދުވެސް ހެޔޮ އަމަލުކުރުންމަތީގައި ދެމިހުރުމެވެ. ފާފައެއް ނުކުރަން ޢަޒުމްކަނޑައަޅައިގެން އެކަމަށް މަސައްކަތްކުރުމެވެ.  

މިހެން ބުނުމުން ފުންމައިގެން ނުދާށެވެ! ހެޔޮ އަމަލު ކުރުން މިތަނުގައި މިބުނަނީ ވަރަށް ފުޅައު މާނައެއްގައެވެ. މިދައްކަނީ ހަމައެކަނި މިސްކިތުގައި ނުވަތަ މުސައްލަމަތީގައި ކުރާ އަޅުކަމުގެ ވާހަކައެއް ނޫނެވެ! ދިރިއުޅުމުގައި ކުރާ ކަންކަންވެސް ﷲ ތަޢާލާ އަނަގަވާފައިވާ ގޮތަށް ކުރުމަށެވެ. ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކަމެއް ނޫނީ ނުކުރުމާއި ކޮންމެ ކަމެއް ކުރަން ފަށަމުންވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން ކުރަންފެށުމެވެ. އެއިރުން އެކުރެވެނީ ހަމަ އަޅުކަމެވެ.  

މިގޮތުގައި ކަންކަން ކުރަމުން ދާނަމަ އެމީހާގެ ފާފަތައް ދާނީ ފޮހެވެމުންނެވެ. ހެޔޮ އަމަލުތައް ގިނަވެ ތިލަފަތުގައި ހެޔޮ އަމަލުތަކުގެ ކޮޅަށް ބަރުވަމުންނެވެ. ވީމާ ތިމާއަށް ކުރެވިފައިވާ ފާތަކުން ތައުބާވުމަށް އެދޭމީހާ މިބުނި މޭރުމުން ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރުން ކިތަންމެހައިވެސް މުހިންމެވެ.

 

އަދިވެސް ބުނަން ހެއްޔެވެ؟ ކީރިތި ޤްރްއާން ކިޔަވަނަ ފަށަމުންވެސް މިސްކިތަށް ދިއުމަށް ހިނގައި ގަންނަމުންވެސް ފާފަތައް ފުއްސަވައި ދެއްވުމަށް އެދޭށެވެ. ކުރާ ކޮންމެ ހެޔޮ އަމަލެއް ކުރަން ފަށަމުންވެސްމެއެވެ. އެގޮތަށް އަމަލުކުރަން ފެށުމުން އިސާހިތަކު ހިތށް ލުއިކަމާއި ފިނިކަން ލިބެން ފަށާނެއެވެ. ތިބާގެ ފާފަތައް ފޮހެވެމުންދާކަމުގެ އިޙްޞާޞްތައް ކުރެވެން ފަށާނެއެވެ.

 

ތިބާއަށް ފާފަތަކެއް ކުރެވިފައިވަނީ ހެއްޔެވެ؟ އެއްވެސް ވަރަކަށް ކަންބޮޑުވުމެއް ނެތެވެ. ވުޟޫކޮށްލައިގެން 2 ރަކްޢަތް ނަމާދެއްކޮށްލާށެވެ! އެއަށްފަހު ދެއަތް އުފުލާފައި ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! އަދި އެދޭ ކަންތައްތައް ފުއްދަވައި ދެއްވެވުން އެދިވެސް ދުޢާކުރާށެވެ! ތިބާގެ އެދުންތައް ދާނީ ޙާޞިލުވަމުންނެވެ.

ތައުބާނުވެ އިސްތިޣްފާރު ކުރުމަކީ ފޫނެތް ފައަކަށް

ފެން ފުރުން ފަދަ ކަމެކެވެ. އެހެނީ ފުރަތަމަ ކަމަކީ ތައުބާވުމެވެ. ތައުބާ ނުވެ އިސްތިޣްފާރު ކުރުމަކީ އެކަން ކުރަން އޮތްގޮތެއް ނޫނެވެ.

މިގޮތަށް ނިކަން ވިސްނައިލަބަލާށެވެ. ތިބާ އޮފީހުގައި މަސައްކަތް ކުރަން ޖެހެނީ ނުވަތަ އޮފީހަށް ދާން ޖެހެނީ ޔުނިފޯމެއް އަޅައިގެންނެވެ. ޔުނިފޯމް ނާޅައި ދިއުމުން އޮފީހަށް ވައްދާނެ ހެއްޔެވެ؟ ވެއްދި ނަމަވެސް މަސައްކަތްކުރިއަ ދޭނެ ހެއްޔެވެ؟ ހަމަ މި ވިސްނުމުން ބަލައިފިނަމަ އިސްލާމް ދީނަކީ ވެސް ޔުނިފޯމެކެވެ. އެ ޔުނިފޯމުގައި ހުންނަ މީހަކު ކުރަންޖެހޭ ކަންތައްތަކާއި ކުރަން ނުޖެހޭ ކަންތައްތައް ﷲ ތަޢާލާ އަހަރެމެންނަށް ވަނީ އަނގަވައިފައެވެ. ﷲ ތަޢާލާ އަނގަވާފައިވަނީ ވަކި ގޮތަކަށް އުޅުމަށެވެ. ވަކި ގޮތަކަށް އަމަލު ކުރުމަށެވެ. ވަކި ކަންތައްތަކެއް ކުރުމަށާއި އަނެއްބައި ކަންތައްތައް ނުކުރުމަށެވެ.

ﷲ އަހަރެމެން ކަމަކަށް އެދެން މިއުޅެނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ފާފަތައް ފުއްސަވައި ދެއްވެވުމަށެވެ. ނުފުދި ހުރި ބޭނުންތައް ފުއްދަވައި ދެއްވެވުމަށެވެ. ﷲ ތަޢާލާ އަންގަވަނީ ފުރަތަމަ ތައުބާވުމަށެވެ. އެއަށްވުރެ ފަހުގައި ކަންކަމަށް އެދިދެންނެވުމަށެވެ. އެހެންކަމަށްވާއިރު ތައުބާ ނުވެހުރެ ކަންކަމަށް އެދި ދަންނަވާނީ ކިހިނަކުން ހެއްޔެވެ؟ ފުރަތަމަ ތައުބާވާން ޖެހެނީ އެ ސަބަބަށްޓަކައެވެ. އަބަދުވެސް ތައުބާވުންމަތީގައި ހުންނަން ޖެހެނީ އެ ސަބަބަށްޓަކައެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން