ޢާއިޝަތު ރަފާޙް ޢަލީ
ކީރިތި ރަސޫލާ ﷺ އަކީ އެކަލޭގެފާނުގެ ތުއްޕުޅުއިރު، ޖިބްރީލްގެފާނު ވަޑައިގެން އެކަލޭގެފާނުގެ މޭފުޅު ފަޅުއްވަވައި ހިތްޕުޅު ނެރުއްވުމަށްފަހު، ނުބައިކަމުގެ އެންމެހާ ކަންކަމުން އެ ހިތްޕުޅު ތާހިރުކުރައްވަވާފައިވާ ބޭކަލެކެވެ. މިފަދަ މަތިވެރިކަމެއްގައި ހުންނެވި ނަމަވެސް، ކީރިތި ރަސޫލާ ﷺ އެންމެ ގިނައިން ކުރެއްވި ދުޢާއަކީ އެކަލޭގެފާނުގެ ހިތްޕުޅުގެ ސާބިތުކަމަށް އެދިވަޑައިގެން ކުރެއްވި ދުޢާއެވެ.
ވީއިރު، އަޅުގަނޑުމެން ފަދަ ނިކަމެތި އިންސާނުންގެ ޙާލަތާ މެދު ބުނާނީ ކީކޭތޯއެވެ؟ މުއުމިނުންގެ ގޮތުގައި އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ، ﷲ ސުބްޙާނަހޫ ވަތަޢާލާދެކެ ވާލޯތްބާ ފުށުއަރާ ކޮންމެ ކަމަކުން އަޅުގަނޑުމެންގެ ހިތްތައް ސާފުކުރުމެވެ. ތިބާގެ ހިތުގައި ﷲ ތަޢާލާއަށް އޮންނަ ލޯތްބާއި ޤަދަރު ބޮޑުވި ވަރަކަށް، ދުޢާކުރާ ހިނދު ހިތް ހާޟިރުކަން އިތުރުވެ، އެކަލާނގެ ރުހިވޮޑިގަންނަވާ މަގަށް ތިބާގެ ނަފްސު އިސްލާހުވުމަށް މަގުފަހިވާނެއެވެ.
ނަމަވެސް، ތިބާގެ ހިތަކީ އަމިއްލަ އެދުމާއި، ދުނިޔޭގެ ޣާފިލުކަމާއި، ނުވަތަ ޙަސަދަވެރިކަމާއި ހިތްބަރުކަމުން ފުރިފައިވާ އެއްޗަކަށް ވެއްޖެނަމަ، ހެޔޮކަންކަން ބަލައިގަތުމުގެ ޤާބިލުކަން އެ ހިތަކުން ފަނޑުވެގެންދާނެއެވެ.
އެހެންކަމުން، ހިތުގެ ސާފުކަމާއި ސާބިތުކަމަށްޓަކައި ކުރަންވީ ދުޢާތަކަށް ބަލާއިރު، ކީރިތި ޤުރުއާނުން ފެންނަން އޮތް އެންމެ ފާހަގަކޮށްލެވޭ އެއް ދުޢާއަކީ މިއެވެ:
އާލް ޢިމްރާން ސޫރަތުގެ 8 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ ﴿٨﴾
މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حق ން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ حضرة ން رحمة އެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެއެވެ. (8)"
މީގެ އިތުރުން، އެހެން މީހުންނާ އޮންނަ ގުޅުންތަކާ ގުޅޭގޮތުން ޤުރުއާނުގައި އައިސްފައިވާ މުހިންމު ދުޢާއަކީ ޙަޝްރު ސޫރަތުގެ 10 ވަނަ އާޔަތުގައި،
رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ﴿١٠﴾
"وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا"
މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން إيمان ވި، އަޅަމެންގެ أخ ންނަށް ފާފަފުއްސަވާނދޭވެ! އަދި إيمان ވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި حسد ވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ. (10)"
މި ދެ ދުޢާއާ މެދު ފުންކޮށް ވިސްނާލާއިރު، ފުރަތަމަ ދުޢާއަކީ ﷲ ތަޢާލާއާއި އަޅާއާ ދެމެދު އޮންނަ ރޫޙާނީ ގުޅުން ހަރުދަނާކުރުމަށްޓަކައި ކުރެވޭ ދުޢާއެކެވެ. ދެވަނަ ދުޢާއަކީ މުޖުތަމަޢުގެ އަފުރާދުންނާއި، މުސްލިމް އަޚުންނާއި އުޚުތުންނާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކޮށް، ހިތްތައް ސާފުކުރުމަށްޓަކައި ކުރެވޭ ދުޢާއެކެވެ.
- ޑރ. ޢުމަރު ސުލައިމާނުގެ ދަރުސަކުން
- މިއަދުނޫސް