ކުރިމަތިވާ ކަންކަން ގިނަވެ ސަލާމަތްނުވެވޭނަމަ ފުރަތަމަ ޗެކްކޮށްލަންޖެހޭ ކަންތައް!: ޝައިޚް ސުލައިމާން އަލް-ރުޙައިލީ

ކިޔުމަށް ހޭދަވާނީ 3މ 26ސ
ކުރިމަތިވާ ކަންކަން ގިނަވެ ސަލާމަތްނުވެވޭނަމަ ފުރަތަމަ ޗެކްކޮށްލަންޖެހޭ ކަންތައް!: ޝައިޚް ސުލައިމާން އަލް-ރުޙައިލީ

ޢާއިޝަތު ރަފާޙް ޢަލީ 

ﷲ ގަންދީ ބުނަމެވެ، މި ދުނިޔޭގައި (ﷲއަށް އުރެދިގެން ލިބޭ) އެއްވެސް އުފަލަކީ ދާއިމީ ނުވަތަ ހަގީގީ އުފަލެއް ނޫނެވެ. ދުވަހަކުވެސް އެހެންނެއް ނުވާނެއެވެ. ވީމާ، ﷲއަށް ނުކިޔަމަންތެރިވުމުން (ފާފަކުރުމުން) ލިބޭ ފައިދާއަކީ ކޮބައި ހެއްޔެވެ؟ ތިބާއަށް އެލިބެނީ އެންމެ މިނެޓެއްގެ އުފާ ހެއްޔެވެ؟ ގަޑިއިރެއްގެ ހެއްޔެވެ؟ ނުވަތަ ދުވަހެއްގެ އުފާ ހެއްޔެވެ؟ އެއަށްފަހު ދެންވާނީ ކިހިނެއް ހެއްޔެވެ؟ 

ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އިޢުލާން ކުރެއްވި ބަސްފުޅު ހަނދުމަކުރާށެވެ: އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.  

وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ‎﴿٧﴾‏

މާނައީ: އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ. (7)"

އޭ އަޚުންނޭވެ! މި ދުނިޔެއަކީ ކޮން އެއްޗެއް ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ، މިއީ ވަރަށް ކުޑަކުޑަ އެއްޗެކެވެ. އަދި މި ދުނިޔޭގައިވާ، ﷲގެ ރުހުން ފިޔަވައި އެހެން ކޮންމެ އެއްޗަކީ ފަނާވެދަނިވި ކުޑަކުޑަ އެއްޗެކެވެ. މި ދުނިޔޭގައިވާ ކޮންމެ އެއްޗަކީވެސް ހިނގާދާނެ އެއްޗެކެވެ. އޭގެ ފޮނިކަންވެސް ހިނގާދާނެއެވެ. އަދި އޭގެ ހިތިކަންވެސް ހިނގާދާނެއެވެ.

ﷲ ގަންދީ ބުނަމެވެ، މި ދުނިޔޭގައި (ފާފަކޮށްގެން ލިބޭ) އެއްވެސް ހަގީގީ އުފަލެއް ނުވެއެވެ. ދުވަހަކުވެސް ނުވެއެވެ. ވީމާ، ފާފަކުރުމުގެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ ތިބާއަށް އެލިބެނީ މިނެޓެއްގެ، ގަޑިއިރެއްގެ ނުވަތަ ދުވަހެއްގެ މަޖަލެއް ހެއްޔެވެ؟ އެއަށްފަހު ދެންވާނީ ކިހިނެއް ހެއްޔެވެ؟ ކަޢުބަތުﷲ ގެ ވެރިރަސްކަލާނގެ ގަންދީ ބުނަމެވެ، އެ (ވަގުތީ) އުފާ ފިލައިދާނެއެވެ. ނަމަވެސް، އޭގެ ސަބަބުން މި ދުނިޔޭގައި ހިތަށް ލިބުނު ހިތިކަން ހިތުގައި ބާކީ ހުންނާނެއެވެ. 

އަދި އޭގެ ނުބައި އަސަރުތައް މި ދުނިޔޭގައި ދެމިއޮންނާނެއެވެ. ކީރިތި ޤުރުއާން ކިޔަވަން ބޭނުންވިޔަސް އެކަން ނުކުރެވޭ ކިތައް މުސްލިމުން އެބައުޅޭ ހެއްޔެވެ؟ މުޞްޙަފް ހުޅުވާލާ ކޮންމެ ފަހަރަކު، ދެ އާޔަތް ކިޔަވާއިރަށް އެކަން ހުއްޓާލަން ޖެހެއެވެ. ކުރިއަށް ނުގެންދެވެއެވެ. އެއީ އޭނާގެ ފާފަތަކުގެ އަސަރެވެ. ރޭގަނޑުގެ އަޅުކަމުގައި (ދަމު ނަމާދަށް) ތެދުވަން ބޭނުންވިޔަސް ނުތެދުވެވޭ ކިތައް މީހުން އެބައުޅޭ ހެއްޔެވެ؟ އެއީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ފާފަތައް އޭނާއަށް ހުރަސްއެޅީއެވެ. އެއަށްފަހު ދެން އޮތީ ކޮންކަމެއް ހެއްޔެވެ؟ ދެން އޮތީ ޤިޔާމަތް ދުވަހުގެ އަޒާބުގެ އިންޒާރެވެ.

ވީމާ ތިބާއަށް ކުރީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއް ގަޑިއިރުގެ ނުވަތަ އެއް ދުވަހުގެ ވަގުތީ އުފަލަކުންނެވެ. އެއީ ލިބުނު ކަމުގައި ވިޔަސްމެއެވެ. ﷲ ގަންދީ ބުނަމެވެ، އެ އުފާ ފިލައި ހިނގައްޖެއެވެ. ބާކީ އޮތީ ހިތިކަމެވެ. އެއަށްފަހު އޮތީ ޢަޛާބުގެ އިންޒާރެވެ. 

އެންމެ ފުރަތަމަ އަހަރެމެންގެ އަމިއްލަ ނަފްސަށް މިކަން ހަނދާންކޮށްދޭން ޖެހެއެވެ. އަދި އަހަރެމެންގެ އަޚުންނަށްވެސްމެއެވެ. އަދި ޙައްޤު މަގުގައި ސާބިތުވެ، ކެތްތެރިވާންޖެހެއެވެ. ފާފަތަކުން ދުރުހެލިވުމަށް ނަފްސު ކޮންޓްރޯލްކުރުމުގައި ކެތްތެރިވާންޖެހެއެވެ. ގިޔާމަތް ދުވަހު، ﷲއަށް އުރެދި ފާފަކުރި މީހުންނަށް ހުރީ ހުރިހާ ގޮތަކުންވެސް ނިކަމެތިކަމާއި އިހާނެތިކަމެވެ.

 

- ޝައިޚް ސުލައިމާން އަލް-ރުޙައިލީގެ ދަރުސަކުން

 

 

މިއަދު އޮންލައިން