ޢާއިޝަތު ރަފާޙް ޢަލީ
އެއްވެސް މީހަކު އެންމެ ފުރަތަމަ ކުރާނީ އެންމެ ބޮޑެތި ވައްކަމެއް ނޫނެވެ. އެކަން ފެށޭނީ ވަރަށް ކުދިކުދި އެއްޗެތިންނެވެ. މަންމަގެ ދަބަހަކުންވެސް ނޫނެވެ. ދުރުގައި ބަހައްޓާފައި ހުންނަ ވަކިލާރިކޮޅުންނެވެ. އެއަށް އެއްވެސް މީހަކު ސަމާލުކަން ނުދޭނެތީއެވެ. ވީމާ ބަލަންވީ ސިއްރުން ނެގީ ވަކިލާރިއެއްތޯ ނޫނީ އެތައް ލައްކަ ލައްކަ ރުފިޔާތޯއެއް ނޫނެވެ. ބަލަންޖެހޭނީ ވައްކަންކުރިތޯއެވެ!
ވައްކަން ކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަން:
· އެންމެ ފުރަތަމަ ކަމަކަށް ވައްކަން ކުރުން ހުއްޓުވުމަށް މައިންބަފައިން ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަން ވަނީ ކުށެއް ނެތް މަޢުޞޫމް ކުއްޖެއްގެ ގޮތުގައެވެ. އެހެންކަމުން އެދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށްޓަކައި މައިންބަފައިންގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އޮވެއެވެ.
ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
كلُّ مولودٍ يولَدُ على الفطرةِ فأبواه يُهوِّدانِه أو يُنصِّرانِه أو يُمجِّسانِه
މާނައީ: ދުނިޔެއަށް އުފަންވާ ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަން މަތީގައެވެ. އެއަށްފަހު އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞްރާނީއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީވެސް އެކުއްޖާގެ މައިންބަފައިންނެވެ."
މައިންބަފައިން، ދަރީންނަށް، އެކުދީން އެންމެ ކުޑައިރުއްސުރެ ވައްކަމާއި، އަދި އެފަދަ މީހުންގެ ޙައްޤުތަކަށް އަރައިގަންނަ ފަދަ ނުބައި އާދަތަކާއި އަޚްލާޤީ ގޮތުން ގޯސް ކަންކަން އަންގައިދޭން ޖެހެއެވެ. އޭގެ ސަބަބުން އެކުދީން އެފަދަ ނުބައި އާދަތަކުން ރައްކާތެރިވުމަށް ފަސޭހަވެގެންދެއެވެ.
މީގެ އިތުރުން ދަރީންނަކީ ރަނގަޅު ޞާލިޙް ބައެއް ގޮތުގައި ލެއްވުން އެދި އަބަދުވެސް ދުޢާ ކުރަން ވާނެއެވެ. އެގޮތުން ފުރްޤާން ސޫރަތުގައި ވާ ދުޢާ ގިނަގިނައިން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
﴿رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا﴾
މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ޙަޔާތުގެ ބައިވެރިންގެ (އެބަހީ؛ އަނބިންނާއި ފިރިންގެ) ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!"