ވަޤުތުގެ މައްސަލައަކީ ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެ ކަމެކެވެ. ނަމާދު ނިމި ސަލާމްދެވުމާއިއެކު ތެދުވަންޖެހޭ ޙާލަތެއްވެސް ކުރިމަތިވެދާނެއެވެ. އަދި ޛިކުރުތައް ކިޔައި ސުންނަތް ކުރާނެ ވަޤުތު ނެތުމުން އެތަނުން އެއްކަމެއް އިޚްތިޔާރުކުރަންޖެހޭ ފަހަރެއްވެސް ދިމާވެދާނެއެވެ. އެހެންވެ މިގެނެސްދެނީ ދެކަންތައް ކުރާޢަމަލުކުރަން އެންމެ ފައިދާހުރި ގޮތެވެ. އިން ޝާ ﷲ
އެއީ މިސްކިތުގެ އަހުލުވެރިއެކެވެ. ނަމާދުތަކަށް އާދަވެގެން ގޮސްއުޅޭ މީހެކެވެ. އެއްރޭގެ މަޣްރިބްނަމާދު ނިމުނީމާ ފުންމައިގެން ތެދުވެ ފަހު ސުންނަތް ކޮށްލާފައި ނުކުމެގެން ދިއައީއެވެ.
އަނެއް ދުވަހު ދިމާވެގެން ސުވާލުކޮށްލުމުން ބުނީ ތަންކޮޅެއް އަވަހަށް ދާންޖެހުމުން އެގޮތަށް ކަންތައްކުރެވުނީ ކަމަށެވެ. އަހުރެން އޭނާއަށް ވިސްނައިދިނީމެވެ. "ދަރިފުޅާއެވެ! އަވަހަށް ފައިބަންޖެހުނަސް ޛިކުރުތައް ކިޔައިލާށެވެ! އެއީ އެކަމުގެ ވަޤުތު ގެއްލުވައި ނުލުމަށެވެ. ފަހު ސުންނަތުގެ ވަޤުތު ޢިޝާނަމާދާއި ހަމައަށް ދެމިގެންވެއެވެ. އަދި ގޭގައިވެސް ކުރެވޭނެއެވެ."
މިއީ އަންހެނުންވެސް ސަމާލުކަންދޭން އޮތް ކަމެކެވެ. ސަލާމްދިނުމަށްފަހު އަވަހަށް ތެދުވަންޖެހިއްޖެނަމަ ޛިކުރުތައް ކިޔާށެވެ. ސުންނަތް ފަހުން ކުރާނީއެވެ. ސަބަބު ކުރިން މިބަޔާންކުރީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން