ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެފައިވާކަން އައި.އެމް.އެފް އިން ފާހަގަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 38ސ
ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެފައިވާކަން އައި.އެމް.އެފް އިން ފާހަގަކޮށްފި

ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައި، ބޭރުގެ ޤައުމުތަކުން ލިބުނު މާލީ އެހީތެރިކަމާއެކު، ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޭރުގެ މާލީ ފިއްތުންތައް ކުޑަވެ، ރަސްމީ ރިޒާވް އިތުރުވެފައިވާކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ބުނެފިއެވެ.

އައި.އެމް.އެފް އިން މިކަން ފާހަގަކޮށްފައިވަނީ 2026 ވަނަ އަހަރުގެ އާރޓިކަލް IV މިޝަންގެ ދަށުން ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދިރާސާކުރުމަށްފަހު އެކުލަވައިލި ވަގުތީ ރިޕޯޓުގައެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި، ފާއިތުވި އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ބޮޑު ޑިމާންޑްއާއިއެކު އެ ދާއިރާ ވަނީ ބޮޑުތަނުން ކުރިއަރާފައެވެ. މީގެ އިތުރުން ބޭރުގެ ޤައުމުތަކުން ލިބުނު ރަސްމީ އެހީތެރިކަމުގެ ސަބަބުން، ރާއްޖޭގެ މާލީ ދާއިރާއަށް ކުރިމަތިވި ބައެއް ގޮންޖެހުންތަކުން އަރައިގަނެ، ރަސްމީ ރިޒާވް އިތުރުކުރުމަށް މަގުފަހިވިކަން އައި.އެމް.އެފް އިން ފާހަގަކުރިއެވެ.

ބޭރު ފައިސާ ލިބުން ފަސޭހަކުރުމަށްޓަކައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ކުރިއެރުންވެސް އެ އިދާރާއިން ބަލައިގަނެއެވެ. ޚާއްޞަކޮށް ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ސަބަބުން ބޭރު ފައިސާގެ ދަތިކަން ކުޑަވެ، ރިޒާވް ވަރުގަދަކުރުމަށް އެހީތެރިވެދިންކަމަށް ބަޔާނުގައިވެއެވެ.

އައި.އެމް.އެފް އިން ބުނި ގޮތުގައި މި ކުރިއެރުންތައް ރާއްޖެއަށް ލިބިފައިވަނީ މުޅި ދުނިޔޭގެ އިޤްތިޞާދީ އަދި މާލީ ދާއިރާގައި ގޮންޖެހުންތަކެއް ހުރި ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމުގައި ރާއްޖެއިން ދަމަހައްޓަމުންދާ އުޞޫލުތައް ފާހަގަކޮށް، ދާދި ފަހުން ދަރަނި އަދާކުރުމުގެ ސަބަބުން މާލީ ގޮތުން ދިމާވެދާނެ ކުއްލި ނުރައްކަލުގެ ބިރު ކުޑަވެފައިވާކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

އެހޭނަމަވެސް، މުދާ އިމްޕޯޓުކުރުމުގެ އަގު އުފުލުމާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތަށް އަތުވެދާނެ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް އަދިވެސް ބޭރުގެ މާލީ ނުރައްކާތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތްކަން އައި.އެމް.އެފް އިން ފާހަގަކުރިއެވެ.

އައި.އެމް.އެފް އިން ބުނި ގޮތުގައި، އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށާއި އިޤްތިޞާދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި، އިޤްތިޞާދީ މުހިންމު ބަދަލުތަކެއް ގެނައުން ކޮންމެހެން ބޭނުންތެރިއެވެ. އެގޮތުން، އިޤްތިޞާދީ ނުތަނަވަސްކަން ހައްލުކުރުމަށާއި، ދަރަނި ދަށްކުރުމަށާއި، މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް އަމާޒުކޮށް ސިޔާސަތުތައް ބައްޓަންކުރުމަށް އެ އިދާރާއިން ލަފާދީފައިވެއެވެ.

މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފެށުމަށް ނިންމި ނިންމުމަށް އައި.އެމް.އެފް އިން ވަނީ މަރުޙަބާ ކިޔާފައެވެ. އެ އިދާރާއިން ބުނީ، މަނިޓަރީ ސިޔާސަތު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި މި އޮޕަރޭޝަންތައް ކުރިއަށް ގެންދަންޖެހޭނެ ކަމަށެވެ.

އައި.އެމް.އެފްގެ މި މިޝަންގެ މަންދޫބުން ޖޫން މަހުގެ 4 އިން 14 އަށް މާލެއަށް ކުރެއްވި ޒިޔާރަތުގައި، ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު، އެމް.އެމް.އޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު، ސަރުކާރުގެ އިސް އޮފިޝަލުން، އަމިއްލަ ދާއިރާގެ މަންދޫބުން އަދި ތަރައްޤީގެ ބައިވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން