ނަމާދުގައި އެންމެ މުހިންމުކަމަކީ
ނަމާދުދިގުކުރުމެއް ނޫނެވެ. ޚުޝޫޢަތްތެރިވުމެވެ. ވީމާ ނަމާދުދިގުކުރަންވާނީ އެކަމަށް ވިސްނައިގެންނެވެ.
ދިގު ސޫރަތްތައް ކިޔަވައި ނަމާދުގެ ރަކްޢަތްތައް ދިގުކުރުމުގައި ވިސްނަންޖެހޭނީ މިބުނި މަގުންނެވެ. ޚުޝޫޢަތްތެރިކަމާއިއެކު ގިނަ ވަޤުތު ނަމާދުގައި ހުރެވޭނެނަމަ ދިގުކުރަންވީއެވެ. ނޫންނަމަ ކުރު ސޫރަތް ކިޔައިގެންވެސް އޮތީ ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރުމެވެ.
މިވެނި މީހަކު ނަމާދުގައި ދިގު ސޫރަތް ކިޔަވާތީ
ތިމާވެސް ކިޔަވަން ނުވިސްނާށެވެ! އޭނާ ނަމާދުގައި ޚުޝޫޢަތްތެރިވާ މިންވަރު އެހެން މީހަކަށް ނުއެނގޭނެއެވެ. އެމީހަކަށް އެނގޭނީ އެމީހަކަށް ޚުޝޫޢަތްތެރިވެވޭ މިންވަރެވެ.
ޚުޝޫޢަތްތެރި ނުވެވި ކުރާ ނަމާދަކުން ކުރާނެ ފައިދާއެއް ނެތެވެ. ވީމާ އެންމެ ބޮޑަށް ސަމާލުކަންދޭންވީ ނަމާދުގައިޚުޝޫޢަތްތެރިވުމަށެވެ. އެކަން ޙާޞިލުކުރެވޭނީ އެކަން އެދިގެން ވަރަށް ބޮޑަށް މަސައްކަތްކޮށްގެންނެވެ. ޚުޝޫޢަތްތެރިވާން ކުރެވިދާނެ ކަންކަން ޢިލްމުވެރިން ގެންދަވަނީ ބަޔާންކުރައްވަވަމުންނެވެ. އަޑުއަހާށެވެ! ކިޔާށެވެ! ދަސްކުރާށެވެ!
ފުރުޟު ނަމާދެއް ނުވަތަ ސުންނަތް ނަމާދެއް ނަމަވެސް
ކޮންމެ ނަމާދަކަށް ފަށާއިރުވެސް، ޚުޝޫޢަތްތެރިވާން ޢަޒުމްކަނޑައަޅަންވާނެއެވެ. ޚުޝޫޢަތްތެރިކަން ދެއްވެވުން އެދިގެން ދުޢާކުރަންވާނެއެވެ. އެކަމަށް މަސައްކަތްކުރަންވާނެއެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން