ޒަވާޖީހަޔާތުގަ ޖެހޭ މައްސަލަތަކަށް ޙައްލުހޯދަން މަޝްވަރާކުރަން އޮތީ އެކުވެރިކަމަށް ބަލައިގެނެއް ނޫން! ބަލަންޖެހޭނީ އޭނާގެ ދިރިއުޅުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ޒަވާޖީހަޔާތުގަ ޖެހޭ މައްސަލަތަކަށް ޙައްލުހޯދަން
މަޝްވަރާކުރަން އޮތީ އެކުވެރިކަމަށް ބަލައިގެނެއް ނޫން! ބަލަންޖެހޭނީ އޭނާގެ
ދިރިއުޅުމަށް!


އެއީ ޒުވާން ދެމަފިރިންނެވެ. އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. އެހެންކަމާއިއެކުވެސް އަބަދުވެސް އޮންނަނީ ކޮންމެވެސް މައްސަލައެއް ޖެހިފައެވެ. މައްސލައެއް ޖެހޭއިރަށް އަނބިމީހާ ދުވެގޮސް އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ލަފާ ހޯދައި އޭނާބުނާގޮތަށް ކަންކަންކުރެއެވެ. އެކަމަކު އެއްވެސް ކަމެއް ޙައްލެއް ނުކުރެވެއެވެ.  

އެންމެ ފަހުން އެވާހަކަތައް މަންމައަށް ކިޔައިދިނުމުން މަންމަ ބުންޏެވެ. "ދަރިފުޅު މަޝްވަރާ ތިއަކުރަނީ އަބަދުކޯޅޭ އަންތބަކާއެވެ. އެދެމަފިރިން ޒުވާބުނުކުރާ ދުވަހެއް މަދުވާނެއެވެ. މަންމައަށް ކިޔައިދޭން އުދަގުލިއްޔާ ނިކަން ބޮޑުދައިތައަށް ކިޔައިދީބަލާށެވެ. އެދެމަފިރިންގެ ދިރިއުޅުން މަންމައަށްވުރެވެސް މާކާމިޔާބެވެ! މާއުފާވެރިއެވެ!

މަންމަ އެދިނީ ވަރަށް އަގުހުރި ނަޞީހަތެކެވެ. ކަންކަން ޙައްލުކުރަން އޮތް ރަނގަޅު ގޮތް ބުނެދެވޭނީ ކަންކަން ޙައްލުކޮށްގެން އުޅޭ މީހަކަށެވެ. ނޫނީ ވާނީ އަލިފާނަށް ތެޔޮއުކުމުން ވާނެގޮތެވެ. ހައްތާވެސް ހުޅުގަނޑު ބޮޑުވާނީއެވެ.  

ޒަވާޖީޙަޔާތުގައި ކުރިމަތިވާ މައްސަލަތައް ޙައްލުކޮށް އުފަލުގައި ދިރިއުޅުމަށްޓަކައި އެހެން މީހުންގެ ލަފާ ބޭނުންވާނެ ޙާލަތުތައްވެސް ކުރިމަތިވާނެއެވެ. ސުވާލަކީ ލަފާހޯދަންވީ ކޮންބައެއްގެ ކިބައިން ހެއްޔެވެ؟ ޖަވާބަކީ ލަފާދޭން އެނގޭ އިޚްލާޞްތެރި މީހުންގެ ކިބައިންނެވެ.

ދެން އުފެދޭނެ ސުވާލަކީ އެއީ ކޮންބައެއް ހެއްޔެވެ؟ ޖަވާބަށް ދިއުމުގެ ކުރިން ބުނެލާނަމެވެ. ދިރިއުޅުމުގައި ޖެހޭ މައްސަލަތައް ޙައްލުނުކުރެވި ކަންބޮޑުވުމުގައި އުޅެމުން އަންނަ މީހުންގެ ކިބައިން ލަފާ ނުހޯދާށެވެ! އަދި ކައިވެނީގައި އެކަށީގެންވާ މުއްދަތެއް ހޭދަނުކުރެވޭ މީހުންގެ ކިބައިންވެސް ލަފާނުހޯދާށެވެ!  

ދެން މިބުނަނީ ލަފާހޯދަންވީ ކޮންބައެއްގެ ކިބައިން ކަމެވެ. ލަފާ ހޯދަންވީ ޖެހޭ މައްސަލަތައް ކާމިޔާބުކަމާއިއެކު ޙައްލުކޮށް އުފަލުގައި ދިރިއުޅެމުން އަންނަ މީހުންގެ ކިބައިންނެވެ. ކައިވެނީގައި ދިގުމުއްދަތެއް އުފަލުގައި ހޭދަކޮށްފައިވާ ޟީހުންގެ ކިބައިންނެވެ.

ހަމައެއާއިއެކު އިތުބާރުކުރެވޭ، ހެޔޮލަފާ އެކަކުގެ ކިބައިން ލަފާހޯދާށެވެ. ދަންނަ އެންމެންނާއި ކަންކަން ޙިއްޞާނުކުރާށެވެ. އެހެން ގޮތެއް ނެތިގެން އެކުވެރިންގެ ތެރޭގައި ހުންނަ އެންމެ އިތުރުބާރުކުރެވޭ އެކަކަށް ކަންކަން ޙިއްޞާކޮށް އެކެއްގެ ކިބައިން ލަފާހޯދުމުންވެސް މައްސަލަތައް އެބަކުރިމަތިވެއެވެ.  

އެހެންކަމަށްވާއިރު ކިތަންމެ ބޮޑަށް އިތުބާރުކުރެވޭ ކަމަށްބަލައިގެން ނަމަވެސް ގިނަ ބައަކާއި ކަންކަން ޙިއްޞާކުރުމުން ކަންކަން މެދުވެރިވަމުން އަންނަނީ ވަރަށް ހިތާމަކުރަން ޖެހޭ ގޮތަށްކަން އޮންނަނީ ތަޖުރިބާކުރަން ޖެހިފައެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ.  

--ހީނާ ޚާން މުޚްތާރުގެ ބަސްފުޅަކުން

މިއަދު އޮންލައިން