އެއީ ޒުވާނެކެވެ. ތަނަވަސް އަންހެނެއްގެ ކާރު ޑްރައިވަރެކެވެ. އޭނާގެ ވަޒީފާ ވަރަށް ފުރިހަމައަށް އަދާކުރެއެވެ. ނަމަވެސް އިތުރު މަސައްކަތެއްކުރަން މެޑަމް ބުނެފިނަމަ ދެކޮޅު ހަދައެވެ. ބުނަނީ ކުރާނީ ހަމައެކަނި ވަޒިފާ ބަޔާނުގައި ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ މަސައްކަތް ކަމަށެވެ. މެޑަމް އެންމެ ޙައިރާންވާ ކަމަކީ އިތުރަށް ފައިސާދޭނެ ކަމަށްބުނިނަމަވެސް ޤަބޫލުނުކުރާތީއެވެ.
އެހެންވެ ވަޒިފާއިން ވަކިކުރަންވެސް ވިސްނެއެވެ. އެކަމަކު ވަޒިފާއިން ވަކިނުކުރަނީ އޭނާގެ ޝަޚްޞިއްޔަތުގައި ހުރީ ހަރުދަނާ ސިފަތަކެއް ކަމަށް ޤަބޫލުކުރެވޭތީއެވެ.
މެޑަމްގެ އުފަންދުވަހެވެ. ހޮޓަލެއްގައި ބޮޑު ހަފްލާއެއް ބޭއްވިއެވެ. ޙަފްލާ ނިމުނުއިރުވެސް މެޑަމްގެ ލޯބިވެރިޔާ ނައުމުން އޭނާއަށްވީގޮތެއް ބަލަން ފޯނުކުރުމުގެ ބަދަލުގައި ދިއައީ އެގެއަށެވެ. އޭނާއުޅޭ ފްލެޓަށެވެ. ބެލްޖެހުމުން ދޮރުހުޅުވީ ހުސްގަޔާ ހުރެއެވެ. ފަހަތުގައި ހުރީ ނިވާކަންކުޑަ ހެދުމެއް ލައިގެންހުރި އަންހެނެކެވެ. މެޑަމް ޒުވާބުކުރާކަށް ނުހަދައެވެ. ހަމައެކަނި އަހައިލީ ލޯބިވުން ދުރުގައި ބާއްވާފައި ކަލެއަށް ދެވުނު ފައިސާތަކަށް އަދާކުރި އަގަކީ މިއީދޯއެވެ!
އޭނާގެ ކުރިމަތީގައި ބާރަށް ފައި ޖަހަމުން އައިސް ކާރަށް އެރި ނަމަވެސް ކާރަށް އަރައި އިށީނދެވުމާއިއެކު ރޮވެން ފަށައިފިއެވެ. ޑްރައިވަރު ކާރު ދުއްވައިލިއެވެ. ގެއަށް ދިއުމުގެ ބަދަލުގައި ދުއްވަންފެށުމުން ތިއަދަނީ ކޮންތަނަކަށްތޯ މެދަމް ސުވާލުކުރީމާ ބުނީ މިއުޅެނީ ފްލައިޓުގެ އިންޖީނުގައި ރޯވެގެން ކަމަށާއި ފްލައިޓު ގޮވުމުގެ ކުރިން އިންޖީނުތަކުން ތެޔޮ ހުސްކުރަނީ ކަމަށެވެ. ފްލައިޓް ވެއްޓުނަސް އަލިފާންރޯނުވާނީ އެއިރުންވީމާ ކަމަށެވެ.
ޑްރައިވަރު އެދެއްކި ޥާހަކަ މެޑަމްއަށް ވިސްނުމުން ސުވާލުކުރިއެވެ. "ކިތަންމެ އިރަކު ދުއްވިއްޔާ އިންޖީނުން ތެޔޮ ހުސްކުރެވޭނެ ހެއްޔެވެ؟ އެއީ ކުރެވޭނެ ކަމެއް ހެއްޔެވެ؟" ޖަވާބުގައި ޑްރައިވަރު ބުނީ މިހާރުވެސް ހުސްވުމަކާއި ވަރަށް ކައިރިވެއްޖެކަމަށެވެ.
މެޑަމް އެދުނީ ހުޅުމާލެއަށް ދިއުމަށެވެ. ހުޅުމާލެއަސް ދެވުމުން ބުނީ އަތިރިމަތީގައި ޕާކުކުރުމަށެވެ. ޕާކުކުރުމުން ފައިބައިފައި ބުނީ ޑްރައިވެރު އޭނާއާއިއެކު އައުމަށެވެ. ދެމީހުން އެކުގައި ގޮސް އަތިރިމައްޗަށް ފައިބައިފައި މެޑަމް ބުންޏެވެ. "ފުރަތަމަ ފަހަރަށް ނަމަވެސް ތިއަކުރީ ވަޒިފާ ބަޔާނުގައި ނެތް ކަމެކެވެ. އަހަރެންނާއިއެކު ގޮނޑުދޮށަށް ފައިބާކަށް ބަޔާނަކު ނެތެއް ނޫންހެއްޔެވެ؟" ޑްރައިވަރު ބުނީ މިހާރު އޭނާއަކީ ޑޮކްޓަރުކަމަށާއި ބަލިމީހާގެ ޙާލު ބޮޑުވުމުން ޑޮކްޓަރަށް ކުރަންޖެހޭނެ ފުރަތަމަ ކަމަކީ "ބަލިމިހާ ވެންޓިލޭޓަރަށް ނުލައިވޭތޯ މަސައްކަތްކުރުން ކަމަށެވެ." އެހެން ބުނުމުން މެދަމްގެ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ބުންޏެވެ. "ކަލޭ ވާހަކަދައްކަން ދަސްކޮށްގެން ތިހުރީ އާދައިގެ ގޮތަކަށް ނޫނެވެ."
މެޑަމް ޑްރައިވަރުގެ އަތުގައި ބާރަށް ހިފައިލިއެވެ. މޭގައި ބޯޖައްސައިލުމަށްފަހު އަނެއްކާވެސް ރޯން ފެށިއެވެ. "ބުނަންތަ؟ އަހުރެން މިހާރު މިރޮނީ ދެރަވެގެނެއް ނޫން! އުފަލުން! އެންމެ ޙާލުބޮޑުވި ވަޤުތު ފަރުވަދޭން އެނގޭ ޑޮކްޓަރެއްގެ ގާތުގަ ހުރެވުނީތީ!" ބޭއިޚްތިޔާރުގައި ނަމަވެސް ޑްރައިވަރަށް މެޑަމްގެ ބުރަކަށިގައި ފިރުމައިލެވުނެވެ.
އަނެއް ދުވަހެވެ. އޮފީހަސް ދިއުމަށްފަހު ޑްރައިވަރުގެ ގާތުގައި ބުނީ ކާރު ޕާކުކޮށްފައި އޭނާގެ އޮފީހަށް އައުމަށެވެ. ވަޒީފާ ބަޔާނަށް ބަދަލުތަކެއް ގެންނަންޖެހޭތީ ކަމަށެވެ. އެދުވަހުގެ ގިނަ ވަޤުތުތައް ހޭދަކުރީ ވަޒީފާބަޔާން ބަދަލުކުރުމަށެވެ.
އެބަދަލުތައް ގެނެސް ނިމުނީ 3 ދުވަހުންނެވެ. ކައިވެނީގެ އިޤުރާރުގައި ދެމީހުންނަށް ސޮއިކުރެވުމުންނެވެ. އެރޭ ޑްރައިވަރު ބުންޏެވެ. "މެޑަމް ބުނާ އަމިއްލަ ކަންކަން ކުރަން ދެކޮޅުހެދީ މެޑަމް ފެނުނީމާ ހިތް ކޮޅުކޮޅަށް ދުވާތީ ކޮންޓްރޯލުން ނެއްޓޭތީ ކުރެވޭކަމަކުން ވަޒިފާ ގެއްލިދާނެތީއެވެ. ވަޒިފާ ގެއްލިއްޖެނަމަ މެޑަމް ނުވެސް ފެންނާނެތީއެވެ." މެޑަމް ސުވާލުކުރިއެވެ. "އަދިވެސް މިއީ މެޑަމް ހެއްޔެވެ؟" ޖަވާބުގައި ގުންޏެވެ. "ތިއައީ މެޑަމް ނޫންކަމަސް ޔަޤީންކުރެވޭނީ އިރުއެރީމައެވެ" އަނެއކާވެސް އެބުނެލީ މާނަފުން ބަހެކެވެ.
މިއީ ނިމިގެންދިއަ މެއިމަހު ހިނގާފައިވާ ކަމެކެވެ. މެޑަމަކީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއެވެ. އަޅުގަނޑު ބުނެލަން ބޭނުންވާ ހަމައެކަނި ވާހަކައަކީ ލޯބިވެ ތަވެގެން ނުއުޅުނަސް ދިމާވާ ގޮތަކުންވެސް، ކަމަކުންވެސް ލޯބި އުފެދިދާނެއެވެ. ވަޤުތު ޖެހުމުން ތަނަވަސްކަމާއި ޢިއްޒަތާއި ޤަދަރަކަށްވެސް އެއްވެސް ޙައިޞިއްޔަތެއް ނުއޮވެއެވެ.
ފަހުން އެނގުނު ގޮތުގައި އެޑްރައިވަރަކީ އެކަނިވެރިމައަކު ވަރަށް ނިކަމެތި ޙާލުގައި ގެންގުޅެ ބޮޑުކުރި ދަރިއެކެވެ. މޮޅަސް ކިޔަވައިނުދެވުނީވެސް ނިކަމެތިކަމުންނެވެ. އަދި އެދަރިފުޅަކީ މަންމަދެކެ ވަރަށް ލޯބިވާ ދަރިއެކެވެ. މަންމަ އަބަދުހެން އިންނަނީ ދަރިފުޅަށްޓަކައި ހެޔޮދުޢާކުރުންމަތީގައެވެ.
- ޝިފްޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް