ޙައިޟްވުމަކީ ދުޢާކުރަން އޮތް ހުރަހެއް ނޫން! އެއީ ދުޢާކުރުން ގިނަކުރަންވާ ވާޤުތެއް!: ޝައިޚް ޢަޒީޒް ބިން ފަރްޙާން

ކިޔުމަށް ހޭދަވާނީ 3މ 5ސ
ޙައިޟްވުމަކީ ދުޢާކުރަން އޮތް ހުރަހެއް ނޫން! އެއީ ދުޢާކުރުން ގިނަކުރަންވާ ވާޤުތެއް!: ޝައިޚް ޢަޒީޒް ބިން ފަރްޙާން

ޢާއިޝަތު ރަފާޙް ޢަލީ

 

ސޫދާނުން ރީމް ނަމަކަށް ކިޔާ އުޚްތަކު (ﷲ އޭނާއަށް ބަރަކާތް ލައްވާށި) ސުވާލުކޮށްފައިވަނީ: "އަހަރެން ބައެއް ފަހަރު ވަރަށް ބޮޑަށް ހާސްވެ، ކަންބޮޑުވެ، ދެރަވާ ހާލަތްތައް އާދެއެވެ. އެފަދަ ވަގުތުތަކުގައި ރޭގަނޑުގެ ފަހު ތިންބައިގާ ތެދުވެ، އަހަރެންގެ ހިތުގެ އުދާސްތައް ﷲ އަށް ދަންނަވައި ހިތްހަމަޖެހުން ހޯދަން ބޭނުންވެއެވެ. ނަމަވެސް ބައެއް ފަހަރު ހުންނަނީ (ޙައިޟުގެ ސަބަބުން) ނޭވާލާން އުނދަގޫވާ ފަދަ ނުތަނަވަސް ހާލަތެއްގައެވެ (ނުތާހިރު ހާލަތެއްގައެވެ). ވީމާ، އެ ހާލަތުގައި އަހަންނަށް ﷲ އަށް ދުޢާކުރެވިދާނެތޯއެވެ؟ އަދި ދުޢާކުރާއިރު ޤިބްލައަށް ކުރިމަތިލުން ހުއްދަވާނެތޯއެވެ؟" 

އުޚްތު ރީމް އެވެ! ﷲ ކަމަނާއަށް ބަރަކާތް ލައްވައި، ހިތްތަނަވަސްކޮށްދެއްވައި، ދިރިއުޅުމުގައި ބަރަކާތް ލައްވާށިއެވެ. އަދި ކަމަނާގެ އަޅުކަން ޤަބޫލުކުރައްވައި، ދަތިތައް ފިލުއްވައި، ކަންކަން ފަސޭހަކޮށްދެއްވާށިއެވެ. 

މާތް އުޚްތާއެވެ! ދުޢާކުރުމަކީ އޭގެ ޒާތުގައި ކުޑަ ޙަދަޘްވެރިކަމެއް (ވުޟޫނެތުން) ނުވަތަ ބޮޑު ޙަދަޘްވެރިކަމެއް (ޙައިޟުން ތާހިރުނުވުން) ހުރިކަމުގައިވިޔަސް ކުރެވޭނެ ކަމެކެވެ. ދުޢާކުރުމަށް ތާހިރުވުމަކީ ޝަރުޠެއް ނޫނެވެ. 

އެހެންކަމުން، ޙައިޟުގެ ދުވަސްވަރުވެސް ނުވަތަ ނޭވާލާން އުނދަގޫވާ ފަދަ ބަލިމަޑުކަމެއްގެ ހާލަތުގައިވެސް ދުޢާކުރެވޭނެއެވެ. ކަމަނާ ތިޔަ ވިދާޅުވަނީ ހާސްކަމާއި ދެރަވުމުގެ ސަބަބުން ރޭގަނޑުގެ ފަހު ތިންބައިގާ ދުޢާކުރަން ބޭނުންވާ ވާހަކައެވެ. ޙައިޟުގެ ހާލަތުގައި މަނާވެގެންވަނީ ނަމާދުކުރުމެވެ. ދުޢާކުރުން މަނައެއް ނޫނެވެ. އެހެންކަމުން ރޭގަނޑު ތެދުވެ، މާތް ﷲ އަށް ދުޢާ ދަންނަވާށެވެ.

މިއީ ހުރިހާ އަންހެން ކަނބަލުންނަށް، (ޚާއްޞަކޮށް ޙައިޟުގެ ދުވަސްވަރު ނުވަތަ ބަލިވެއުޅޭ ވަގުތުތަކުގައި) ދެވޭ މެސެޖެކެވެ. ދުޢާކުރުން ހުއްޓާނުލާށެވެ. ހިތާމައަކީ، ބައެއް އުޚްތުންނާއި، ދަރިންނާއި، މައިންގެ މެދުގައި ނުބައި ވިސްނުމެއް އުފެދިފައި އޮވެއެވެ. އެއީ ނަމާދު ނުކުރެވޭ ހާލަތެއްގައި ނުވަތަ ޤުރުއާން ނުކިޔެވޭ ހާލަތެއްގައި، ﷲ ހަނދުމަކޮށް ދުޢާވެސް ނުކުރެވޭނެ ކަމަށް ހީކުރުމެވެ. މިއީ މުޅިން ކުށް ހީއެކެވެ. 

އަހަރެން އަބަދުވެސް އުޚްތުންނަށާއި ދަރިންނަށް ނަޞޭޙަތްތެރިވަނީ، ޙައިޟުގެ ދުވަސްވަރު ދުޢާކުރުމާއި ޛިކުރުކުރުން ގިނަކުރުމަށެވެ. އެހެނީ އެ ހާލަތަކީ އިންސާނާ އެންމެ ބޮޑަށް ހިތްވަރު ބޭނުންވާނެ ވަގުތެވެ. އެ ވަގުތު ނަމާދެއް ނުކުރެވެއެވެ، އަދި (ހިތުދަސް ވެފައިވާ މިންވަރެއް މެނުވީ) ޤުރުއާނެއްވެސް ނުކިޔެވެއެވެ. ވީމާ، އެހެން ވަގުތުތަކަށްވުރެ ބޮޑަށް އެ ހާލަތުގައި ﷲ ގެ ރަޙްމަތަށް އެދި ދުޢާކުރުން އިތުރުކުރަންޖެހެއެވެ.  

މަޤްޞަދަކީ، ރޭގަނޑުގެ ފަހު ތިންބައިގާ ތެދުވެ ﷲ އަށް ދުޢާ ދެންނެވުމެވެ. ބައެއް އަންހެން ކަނބަލުންނަށް ދިރިއުޅުމުގައި ބޮޑެތި ކަންކަމާ ދިމާވުމުން ރޭގަނޑު ތެދުވެއެވެ. އެ ތެދުވުމަކީ ނަމާދުކުރުމުގެ ތެދުވުމެއް ނޫނެވެ، އެއީ ދުޢާކުރުމުގެ ތެދުވުމެކެވެ. ފަހު ތިންބައިގާ ތެދުވަނީ އެ ވަގުތަކީ މާތް ﷲ ބިމުގެ އުޑަށް ރަޙްމަތްފުޅު ބާލައްވާ ވަގުތުކަމަށްވާތީއެވެ.

ޞަޙީޙް ޙަދީޘްގައިވެއެވެ: 

ކޮންމެ ރެއެއްގެވެސް ފަހު ތިންބައިގާ އަޅުގަނޑުމެންގެ ވެރި ރައްބު، އެކަލާނގެ މަތިވެރިކަމަށް އެކަށީގެންވާ ގޮތަށް ދުނިޔޭގެ އުޑަށް ބާލާލައްވައި ވަޙީކުރައްވައެވެ: "ތިމަންރަސްކަލާނގެއަށް ދުޢާކުރަނީ ކާކުހެއްޔެވެ؟ އެމީހެއްގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަކުރައްވާހުއްޓެވެ. ތިމަންރަސްކަލާނގެއަށް ދަންނަވަނީ ކާކުހެއްޔެވެ؟ އެމީހަކަށް ތިމަންރަސްކަލާނގެ ދެއްވާހުއްޓެވެ. ފާފަފުއްސެވުމަށް އެދެނީ ކާކުހެއްޔެވެ؟ އެމީހެއްގެ ފާފަ ތިމަންރަސްކަލާނގެ ފުއްސަވާހުއްޓެވެ."

މި ޙަދީޘްގައި "ނަމާދުކުރަނީ ކާކުތޯ" އެކަލާނގެ ސުވާލެއް ނުކުރައްވައެވެ. ވަޙީކުރައްވަނީ ދުޢާކުރަނީ، ދަންނަވަނީ، އަދި ފާފަފުއްސެވުމަށް އެދެނީ ކާކުތޯއެވެ. އެހެންކަމުން ރޭގަނޑު ތެދުވެ ﷲ އަށް ދުޢާ ދަންނަވާށެވެ. 

ﷲ ކަމަނާއަށް ބަރަކާތް ލައްވައި، ކަމަނާއަށް ރުއްސުންލައްވާށިއެވެ. 

ޝައިޚް ޢަޒީޒް ބިން ފަރްޙާންގެ ދަރުސަކުން

 

- މިއަދުނޫސް

 

 

މިއަދު އޮންލައިން