ކައްވަޅުގެ ޢަޛާބާ ޘަވާބު ވަނީ އަހުރެމެންނަށް ފަރުދާކުރައްވަވާފަ! އޮތީ ސަލާމަތްކަމަށް އެދިގެން މަސައްކަތްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 9ސ
ކައްވަޅުގެ ޢަޛާބާ ޘަވާބު ވަނީ އަހުރެމެންނަށް ފަރުދާކުރައްވަވާފަ! އޮތީ ސަލާމަތްކަމަށް އެދިގެން މަސައްކަތްކުރުން!

ކަށްވަޅުގެ حَالة އާބެހޭގޮތުން މީހުން ކޮށްއުޅޭ سُؤَالُ ތަކުގެ ތެރެއިން ބައެއް سُؤَالُ ތަކާއި، އެ سُؤَالُ  ތަކުގެ إِجْمَالِى جَوَاب.

_______________________________________

އެއްވަނަ سُـــــــــؤَالُ

·               ކަށްވަޅުގެ ثَوَاب ނުވަތަ عَذَاب އަކީ، ދިރި  ތިބި މީހުންނަށް إِحْسَاس ކުރެވިދާނެ ކަމެއްހޭ؟

جَــــــــــوَاب: 

ކަށްވަޅުގެ ثَوَابُ ނުވަތަ عَذَاب އަކީ، ދުނިޔޭގައި ދިރިތިބި މީހުންނަށް عَامُّ ގޮތެއްގައި إِحْسَاس ކުރެވޭނެ ކަމެއް ނޫނެވެ. غَيْبُ ގައިވާ މިފަދަ ކަންތައް އެނގޭހުށީ އަރަހުށި މާތް ﷲ ގެ حضرة ން ކީރިތި رَسُوْل އާ އަންގަވާ އެންގެވުންތަކުންނެވެ. ބުއްދީގެ ذَرِيْعَة އިން މިބާވަތުގެ ކަންތައް ހޯދައެއް ނުގަނެވޭނެ އެވެ. ﷲ ގެ رَسُول އާ بَيَان. ކޮށްދެއްވާފައިވާ غَيْبُ ގެ ވާހަކަތައް قَبُوْلُ ކުރުމަކީ، إِيْمَان ކަމުގެ ތެރެއިންވާ ކަމެކެވެ. ﷲ ގެ رَحْمَة ފުޅުގެ ބޮޑުކަމުން ބައެއް ކަންތައް ވަނީ إِنْسَان ންގެ ކިބައިން ފަރުދާ ކުރައްވައި، ނިވާކުރައްވާފައެވެ. ކަށްވަޅުގެ ثَوَاب ނުވަތަ عَذَاب އަކީ މިގޮތުން ފަރުދާ ކުރައްވާފައިވާ ކަންކަމެވެ. ވުމާއެކު، ކަށްވަޅުގެ ކައިރީގައި حَاضِر ވެތިބޭ މީހުންނަށް، ނުވަތަ ވަޅުލުމަށްފަހު ކަށްވަޅު ކޮނެ مَيت އާ ދެކޭމީހުންނަށްވެސް ކަށްވަޅުގައި ހަމަ އެވަގުތު ހިނގަމުންދާ ކަމެއްގެ އެއްވެސް ކަހަލަ إِحْسَاس ވުމެއް، ނުވަތަ ފެނުމެއް ނުވެއެވެ.  

ކަށްވަޅުގެ ثَوَاب ނުވަތަ عَذَاب ދެއްވަނީ ފުރާނަ ހަށިގަނޑާ ގުޅުއްވާފައިވާ حَال އެއްގައިކަން صَحَّ حَدِيْثُ ން ثَابِت ވެއެވެ. މަރުވުމަށްފަހު مَيِّت އާ އަންދައި އަޅިޔަށް ހަދާފައި އެއަޅިތައް جَوُّ ގެ ތެރެއަށާއި، ކޯރުކޯރާއި ކަނޑުކަނޑަށް ވިހުރުވާލައި ބުރުއްސާލިޔަސް ، ފުރާނަ ހަށިގަނޑާ ގުޅުއްވުމަށްފަހު، ކަށްވަޅުގެ سُؤَالُ އަދި ކަށްވަޅުގެ ثَوَاب ނުވަތަ ކަށްވަޅުގެ عَذَاب އެއަށް ހުށަހަޅުއްވާނެ ކަން صَحَّ حَدِيْثُ ން ثَابِت (1) ވެއެވެ. 

ކަށްވަޅަކީ އަނދައަނދާ ހުރި އަލިފާނުގެ ވަޅުގަނޑެއް(2) ކަމުގައި ލައްވައިފި ނަމަ، އެއަލިފާނަކީ ދުނިޔޭގައި މިވާ އަލިފާނާ ތަފާތު އަލިފާނެއް ކަން ހަނދުމަފުޅު ކުރެއްވުން ހުއްޓެވެ. އެ އަލިފާނަކީ، ދުނިޔޭގައި މިވާ އަލިފާނަށްވުރެ މާހޫނުގަދަ އަލިފާނެއް ކަމަށް ވުމާއެކު ވެސް، އަދި ކަށްވަޅުގެ ހިލަތަކާއި ވެލި  ތައް އެއަލިފާނުން ހޫނުވެ ދޮންވެގެންވުމާ އެކުވެސް، ދުނިޔޭގައި ދިރިތިބި މީހުންކުރެ މީހަކު އޭގައި ބީހުނަސް ހޫނުކަމުގެ إِحْسَاس އެއް ނުވާނެއެވެ.   

بَرْزَخ ގެ عَالَم ގެ حَالَة އަކީ، ދުނިޔޭގެ حَالَة އާ މުޅިން ތަފާތު حَالَة އެކެވެ، ﷲ އެދިވޮޑިގެންފިނަމަ، އެދި ވޮޑިގެންފި އަޅަކަށް بَرْزَخُ ގެ ބައެއް ކަންތައްތައް ފާޅު ކޮށް ދެއްވައެވެ. އަދި، އަނެކުންގެ ކިބައިން އެކަންތައް حِجَاب ކުރައްވައެވެ. رَسُوْلُ الله صلَّى الله

عَلَيْهِ وَسَلَّم  އަށް بَرْزَخُ ގެ عَالَم ގެ ބައެއް ކަންތައް ދައްކަވާފައިވާކަން ثَابت ވެއެވެ. އެންމެހައި މީސްތަކުންނަށް އެކަންތައް ދައްކަވައި ފާޅު ކުރައްވާނަމަ، غَيْب އަށް إِيْمَان ވުމުގެ تَكْلِيْف ގެ حِكْمَة ފިލައިދާ ހުއްޓެވެ. بَرْزَخُ ގެ عَالَم ގެ ކަންތައް އެކަލާނގެ އަޅުތަކުންނަށް عَامُّ ގޮތެއްގައި ފާޅުގައި ދައްކަވާ ކަމުގައި ނުވާކަމީ، ﷲ ގެ އޯގާވަންތަ ކަމާއި، رَحْمَة ވަންތަކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. رَسُوْلُ الله  صلَّى الله عَلَيْهِ وَسَلَّمَ حَدِيث   ކުރެއްވިއެވެ. ( ތިޔަބައިމީހުން ގަންނަ ބިރެއްގެ ސަބަބުން) ތިޔަބައި މީހުންގެ مَيِّت ން ވަޅުލުން ދޫކޮށްލާފާނޭ ކަމުގެ ބިރު ހީފުޅުނުވާނަމަ، ކަށްވަޅުގެ عَذَاب ދެއްވާ އަޑު ތިޔަބައިމީހުންނަށް އިއްވެވުމަށް އެދި، ﷲ އަށް دُعَاء ކުރެއްވީމުހެވެ. (1) މިއެވެ.

__________________________________

(1)          ބައްލަވާ : سُنَنُ النَّسَائِى: 4/113

(2)          ބައްލަވާ:  شَرْحُ العَقِيْدَة الطَّحَاوِيَّة ص : 452

(1)ބައްލަވާ: ص: 33 

 

- އަލްއުސްތާޛް އާދަމްނަސީމު  ހ. ޕޫނަމް (ބިއޭ ނަސީމް) ލިޔުއްވާފައިވާ މަރުވުމަށްފަހު ވާނީ ކިހިނެއް! (ބަރުޒަޚްގެ ޢާލަމް) ފޮތުން-

 

މިއަދު އޮންލައިން