ނަމާދަށް ފަރުވާކުޑަކުރެވެނީ މިކަންކަން ނޭނގޭތީ ކަމަށްވެދާނެ! ވިދާޅުވެލައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 11މ 56ސ
ނަމާދަށް ފަރުވާކުޑަކުރެވެނީ މިކަންކަން ނޭނގޭތީ ކަމަށްވެދާނެ! ވިދާޅުވެލައްވާ!

އެއްވެސް ބިރެއް ނެތި ގިނަ ބައަކު ނަމާދުނުކޮށް ތިބޭއިރު އެމީހުން ބުނަނީ ތިމަންމެންނަކީވެސް ހަމަ ﷲ ތަޢާލާއަށް އީމާންވެގެން ތިބި މުސްލިމުން ކަމަށެވެ. އެގޮތަށް އެބުނަނީ ނަމާދާއިމެދު ލިބިފައިވާ މައުލޫމާތު މަދުކަމުން ކަމަށްވެދާނެއެވެ.  

އެހެންކަމުން މިގެނެސްދެނީ ނަމާދާއިބެހޭ ވަރަށް ގިނަ މައުލޫމާތުތައް އެކުލެވިގެންވާ ލިޔުމެކެވެ. މިފަދަ ލިޔުންތައް ގިނަގިނައިން ގެނެސްދޭން މަސައްކަތްކުރަނީ މިފަދަ ކަންކަމަށް ހޭލުންތެރިވެވިގެން ނޫނީ އާޚިރަތް ދުވަހު ސަލާމަތްކަމެއް ނެތުމުންނެވެ.  

الحَمْدُ للهِ الَّذِي فَرَضَ الصَّلاَةَ عَلَى عِباَدِهِ، وَأَمَرَهُمْ بِإِقاَمَتِهاَ وَحُسْنِ أَدَائِهاَ، وَعَلَّقَ النَّجاَحَ وَالفَلاَحَ بِالخُشُوعِ فِيهاَ، وَجَعَلَهاَ فُرْقاَناً بَيْنَ الإِيماَنِ وَالكُفْرِ، وَناَهِيَةً عَنِ الفَحْشاَءِ وَالمُنْكَرِ. وَالصَّلاَةُ والسَّلاَمُ عَلَى نَبِيِّناَ مُحَمَّدٍ وَعَلَى آلِهِ وَأَصْحاَبِهِ الأَتْقِياَءِ البَرَرَةِ وَعَلَى مَنْ حَذَا حَذْوَهُمْ وَسَلَكَ سَبِيْلَهُمْ إِلَى يَوْمِ الدِّيْنِ. أَماَّ بَعْدُ: 

ﷲ ތަޢާލާއަށް އީމާންވުމުގެ ނިޢުމަތަށް ވުރެ ބޮޑު ނިޢުމަތެއް މުއުމިނުންނަށް ނުވެއެވެ. އީމާންކަމުގެ މަތިވެރި ނިޢުމަތާއި ވިދިގެން ﷲ ތަޢާލާ މުއުމިނުންނަށް ދެއްވެވި އެންމެ މަތިވެރި ނިޢުމަތަކީ ފަރުޟު ފަސްނަމާދުގެ ނިޢުމަތެވެ. އެ ނަމާދު ފަރުޟުކުރެވުނީ އެއިލާހުގެ ޖަލާލަތްތެރިކަމުގެ ކުރިމަތީގައި ކިޔަމަންވުމަށްޓަކައި، އަދި އެއިލާހުގެ ޢަޒަމަތްތެރިކަމުގެ ކުރިމަތީގައި ޚުޝޫޢަތްތެރިވުމަށްޓަކައި، އަދި އެއިލާހުގެ ކިބްރިޔާއުވަންތަކަމާއި ޖައްބާރުވަންތަކަމުގެ ކުރިމަތީގައި ތަވާޟުޢުވެރިވުމަށްޓަކައެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް އީމާންވުމާއި ނަބީންނާއި ރަސޫލުންގެ ރިސާލަތު ތެދުކުރުމަށްފަހު މުއުމިނުންގެ މައްޗަށްވާ އެންމެ ބޮޑު ފަރުޟަކީ ނަމާދެވެ. ނަމާދަކީ އިސްވެދިޔަ އެންމެހާ ރަސޫލުންނާއި ނަބިއްޔުންގެ މައްޗަށް ﷲ ތަޢާލާ ފަރުޟުކުރެއްވި އަޅުކަމެކެވެ. 

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:  

﴿لَمْ يَكُنِ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ الْبَيِّنَةُ﴾*﴿رَسُولٌ مِّنَ اللَّـهِ يَتْلُو صُحُفًا مُّطَهَّرَةً ﴾* ﴿فِيهَا كُتُبٌ قَيِّمَةٌ ﴾* ﴿وَمَا تَفَرَّقَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِن بَعْدِ مَا جَاءَتْهُمُ الْبَيِّنَةُ ﴾ *﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَٰلِكَ دِينُ الْقَيِّمَةِ ﴾ [البينة 1-5]  

މާނައީ: "ފޮތުގެ އަހުލު ވެރިންނާއި، މުޝްރިކުންގެ ތެރެއިން ކާފިރުވިމީހުން، ފާޅުވެގެންވާ ދަލީލު އެއުރެންގެ ގާތަށް އަތުވެއްޖައުމަށްދާނދެން އެއުރެން ތިބިގޮތް ދޫކޮށްލާނޭ ބަޔަކުކަމުގައި ނުވެތެވެ. (އެ ދަލީލަކީ) ﷲގެ ޙަޟްރަތުން ފޮނުއްވެވި ރަސޫލެކެވެ. ޠާހިރު ކުރެވިގެންވާ ފަތްފުށްތަކެއް އެރަސޫލާ ކިޔަވައިދެއްވަތެވެ. ސީދާވެގެންވާ ޙުކުމްތައް، އެ ފަތްފުށްތަކުގައި ވެއެވެ. އަދި ފާޅުވެގެންވާ ދަލީލު، އެއުރެންގެ ގާތަށް އައުމަށްފަހުގައި މެނުވީ، ފޮތް ލިބުނު މީހުން ބައިބައިވެގެން ނުދެތެވެ. ބާޠިލު މަގުން އެއްކިބާވެތިބެ، ﷲއަށް އަޅުކަން ޚާލިޞްކުރާ ޙާލު، ﷲއަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމް ކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުވެވިގެން ނުވެތެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ". 

ފަހެ އިސްވެދިޔަ އާޔަތުގައި ﷲ ތަޢާލާ އެއިލާހަށް އަޅުކަންތަކުގައި އިޚްލާޞްތެރިވުމަށް އަހުލުކިތާބީންނަށް އަމުރުކުރެއްވުމާއި ވިދިގެން އެންމެ ފުރަތަމަ ކަމަކަށް އެބައިމީހުންނަށް އަމުރު މިކުރައްވަނީ ނަމާދު ޤާއިމްކުރުމަށެވެ. 

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.  

﴿فَإِذَا انسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْـمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ إِنَّ اللَّـهَ غَفُورٌ رَّحِيمٌ ﴾ [التوبة5]  

މާނައީ: "ޙުރުމަތްތެރި މައްސަރުތައް ވޭތުވުމުން، ފަހެ، ތިޔަބައިމީހުންނަށް މުޝްރިކުން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެއުރެން ޤަތުލު ކުރާށެވެ! އަދި ތިޔަބައިމީހުން އެއުރެން ހިފާށެވެ! އަދި އެއުރެން ޙިޞާރު ކުރާށެވެ! އަދި (އެއުރެން އަތުލައިގަނެވޭނެ) ކޮންމެތަނެއްގައި އެއުރެން އަތުލައިގަތުމަށްޓަކައި، ހުޝިޔާރުވެ ފިލައިތިބޭށެވެ! ފަހެ، އެއުރެން ތައުބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ އުޅެފިނަމަ، ދެން އެއުރެން މިނިވަންކަމާއެކު ދޫކޮށްލާށެވެ! ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ފާފަފުއްސަވާ އޯގާވަންތަ ރަސްކަލާނގެއެވެ".

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.  

﴿ فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ ﴾ [التوبة11]  

މާނައީ: "ފަހެ، އެއުރެން ތައުބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތް ދީފިނަމަ، ފަހެ، އެއުރެންނަކީ، ދީނުގައި ތިޔަބައިމީހުންގެ އަޚުންނެވެ". 

އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.  

((أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لَا إِلَهَ إِلَّا الله، وَأَنَّ مُحَمَّدًا رَسُولُ اللهِ، وَيُقِيمُوا الصَّلَاةَ، وَيُؤْتُوا الزَّكَاةَ، فَإِنْ فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إِلَّا بِحَقِّ الْإِسْلَامِ، وَحِسَابُهُمْ عَلَى اللهِ)) [رواه البخاري ومسلم] 

މާނައީ: "ﷲ ތަޢާލާ ފިޔަވައި (ޙައްޤުގޮތުގައި އަޅުކަންވެވޭ) އެހެން އިލާހަކު ނުވާކަމަށް ހެކިވުމާއި، މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމާއި ނަމާދުޤާއިމްކޮށް ޒަކާތްދީފުމަށް ދާންދެން މީސްތަކުންނާ ހަނގުރާމަ ކުރުމަށް ތިމަންކަލޭގެފާނަށް އަމުރުވެވިގެންވެއެވެ. ފަހެ މީސްތަކުން އެ ކަންތައް ކޮށްފިނަމަ، އެބައިމީހުންގެ ލެއާއި މުދާ ތިމަންކަލޭގެފާނުގެ ފަރާތުން ޙިމާޔަތް ލިބިގެންވެއެވެ. އިސްލާމްދީނުގެ ޙައްޤުގައި މެނުވީއެވެ. އަދި އެބައިމީހުންގެ ޙިސާބުވަނީ ﷲ ތަޢާލާއަށެވެ". 

އިސްވެދިޔަ އާޔަތްތަކާއި ޙަދީޘުން އިރުޝާދު ދެނީ ﷲ އެއްކައުވަންތަކަމަށް އީމާންވެ ނަމާދު ޤާއިމްކޮއްފިނަމަ މީސްތަކުންގެ ލެއާއި މުދާ މުސްލިމުންގެ މައްޗަށް ޙަރާމްވެގެންދާނެ ކަމެވެ. އަދި ދީނުގެ އަޚްވަންތަކަންވެސް ގުޅިލާމެހިފައިވަނީ ނަމާދުޤާއިމްކުރުމުގެ މައްޗަށްކަމެވެ. މިކަންކަމުން އަންގައިދެނީ އިސްލާމްދީނުގައި ނަމާދަށް ދެވިފައިވާ އަހައްމިއްޔަތުކަމެވެ. އަދި ނަމާދަކީ އިސްލާމްދީނުގެ އެންމެ މައި ތަބުކަމެވެ.

(ނުނިމޭ)

 

- ޝައިޚް އަޙްމަދު ރިމާޒް

 

މިއަދު އޮންލައިން