ﷲ ގެ މަގާ ބީރައްޓެހި ޢަމަލުތައްކުރާ މީހުންނަށްރުހި ތާއީދުކުރުމަކީ ﷲ އަށް އީމާންވާ މީހަކު ކުރާނެ ކަމެއް ނޫން! ވެރިއަކަސް އަމީރަކަސް އޮތީ ދުރުހެލިވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 12މ 11ސ
ﷲ ގެ މަގާ ބީރައްޓެހި ޢަމަލުތައްކުރާ މީހުންނަށްރުހި ތާއީދުކުރުމަކީ ﷲ އަށް އީމާންވާ މީހަކު ކުރާނެ ކަމެއް ނޫން! ވެރިއަކަސް އަމީރަކަސް އޮތީ ދުރުހެލިވުން!

މުސްލިމުންގެ ދުސްތޫރަކީ ޤުރްއާންކަމަށް ބުނެލުމަކުން ނުފެދެއެވެ. ޢަމަލުކުރަންވެސް އެބަޖެހެއެވެ.

ޤުރްޢާނަށް ޢަމަލުކުރުމަކީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވުމާއި އެންމެ މަތިވެރިވަންތަ ފަރާތަކީ ﷲ ތަޢާލާކަން ޔަޤީންކޮށް އެންމެހައި އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންވުމެވެ. އެކަންކަން ކުރެވޭނީ އިސްލާމްދީނާއި ދުރު، ދީނަށް ނަޞްރުނުދޭ މީހުންނާއި ދުރުހެލިވެގެންނެވެ.  

މިއަދުވެސް އަޅުގަނޑުމެންގެ ތެރެއިން މިފެންނަ ބައެއް ކަންކަމަކީ އެންމެ ހިތާމަހުރި ކަންތައްތަކެވެ. އެމީހަކަށް މީސްތަކުންގެ ވެރިކަމާއި އާރާއިބާރު ލިބުމުން އިސްލާމް ދީނަށް ނަޞްރުދިނުމުގެ ބަދަލުގައި އިސްލާމް ދީނަށް ކަނޑައެޅިގެން ގެއްލުންދޭން އެތައް ކަމެއް ކުރުމުންވެސް އެއީ އެއްވެސް ކަމަކަށް ނުހަދާ މީހުން އެބައުޅެއެވެ. އެމީހުންނަށް ރުހި އެމީހުން ބުނާ ކޮންމެ ކަމެއް އެމީހުން ބުނާ ގޮތަށް ކުރަން ބޭނުންވާ ބައަކުވެސް އެބައުޅެއެވެ. އެވަރަކުންވެސް ފުއްދައެއް ނުލައެވެ. އެމީހުންނަކީ އެންމެ ރަނގަޅު މީހުންގެ ގޮތުގައި އެހެން މީހުންނަށް ވިސްނައިދޭންވެސް އެބަ މަސައްކަތްކުރެއެވެ.  

އެފަދަ މީހުން ދަންނާށެވެ! ކުރިއަށް އޮތީ އެމީހަކު ކުޅަ ކޮންމެ ޢަމަލަކަށް ޖަވާބުދާރީވާންޖެހޭނެ ދުވަހެވެ. ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ.  

އެންމެހާ ލޮބުވެތި އަޚުންނޭވެ! ރޯކުފުރަށް ދަޢުވަތު ދެވިއްޖެނަމަ "ނޯ" ބުނާށެވެ. ބިދުޢަތަކަށް ދަޢުވަތު ދެވިއްޖެނަމަ "ނޯ" ބުނާށެވެ. "ނޯ" ބުނުމުގެ "ގަޓް" ލިބިގަންނާށެވެ. ޙަޤީޤީ ފިރިހެނުންނަކީ އެއީއެވެ. ހިތްވަރުހުރި އަންހެނުންނަކީވެސް އެއީއެވެ. ކެރޭ ހިތްވަރުގަދަ މީހުންގެ ގޮތަކީ ތިމާ ނޫނެކޭ ބުނަން ޖެހޭ ވަޤުތުގައި ނޫނެކޭ ބުނާމީހާއެވެ. ހިތްވަރުގަދަ މިދުނިޔެ ދެއްކި ޙަޤީޤީ އަބްތާލުންތަކީ އެއީއެވެ. ﷲގެ ދީނަށްޓަކައި ނަޞްރުދިން ޢިލްމުވެރިންގެ މަގަކީ އެއީއެވެ.

އިމާމު ޢަހުމަދު ބިން ޙަންބަލް އޭރު ވެރިޔަކަށްހުރި ޚަލީފާގެ އަރިހަށް ގެންދެވުނެވެ. އަދި ޤުރުއާނަކީ މަޚުލޫޤެއްކަމަށް ބުނުމަށް މަޖުބޫރުކުރިއެވެ. ނަމަވެސް އެކަލޭގެފާނުގެ ބަހަކަށްވީ ކީކޭކަން ހަނދުމަކުރާށެވެ. ” ތިމަންނާއަށް ނިކަން ޤުރުއާނުން ނުވަތަ ރަސޫލާ ﷺ ގެ ސުންނަތުން އެކަމާ ގުޅޭ ދަލީލެއް ދައްކާށެވެ. އޭރުން ތިމަންނާ ތިއަށް ޖަވާބުދޭނަމެވެ." 

ދެން އެބައިމީހުން ޤުރުއާނާއި ސުންނަތަށް ނިސްބަތްކޮށް މިޒަމާނުގެ މީހުން ބުނާފަދައިން ބުންޏެވެ. އެޔޭ މިޔޭ ނުކިޔާށެވެ. އެކަލޭގެފާނު ޖަވާބުދެއްވަމުން ވިދާޅުވިއެވެ. "އިސްލާމްކަން ބިނާވެގެންވަނީ އެދޭތި ނޫން ދެންފަހެ ކޮންއެއްޗަކަށް ހެއްޔެވެ؟"  އެކަލޭގެފާނުވެސް މި ނުރައްކާތެރި ދަނޑިވަޅުގައި ނޫނެކޭ ނުބުނެ އާނއެކޭ ބުނިނަމަ މިއަދު އެކަލޭގެފާނަށް ލިބިފައިވާ ދަރަޖަ ލިބިގެން ދިޔައީސްތޯއެވެ؟ އޭ މަޑު ގޮނޑިތަކާއި އަބްރަހަމް ލިންކަން ޖެހި ގަނޑުތަކަށް ލޯބިކުރާ ޢިލްމުވެރިންނޭވެ. ފަހެ އިބުރަތެއް ނުލިބޭތޯއެވެ؟ 

ނޫނެކޭ ބުނަން ޖެހޭ ވަޤުތުގައި ނޫނެކޭ ނުބުނެވުމަކީ  ވަރަށްވެސް ނުރައްކާތެރިކަމެކެވެ. ޙާއްޞަކޮށް ދީނުގައި ނޫނެކޭ ބުނަންޖެހޭ ފަދަ ޙާލަތެއް އަތުވެއްޖެ ހިނދުގައި ނޫނެކޭ ނުބުނެވިއްޖެނަމަ އަޅުގަނޑުމެންގެ މިމާތް ދީނުންވެސް ބޭރުވެދާހުއްޓެވެ. މުޅިޢާލާމްތަކަށް ރަހުމަތެއްކަމުގައި ފޮނުއްވި ނަބިއްޔާ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. " ހެއްދެވިފަރާތަށް އުރެދުމެއްވާފަދަ ކަމެއްގައި މަޚުލޫޤަކަށް (ﷲ އުފައްދަވާފައިވާ ހައިވާނަކަށް) ކިޔަމަންތެރިވުމެއްނުވެއެވެ." 

އަދި ކީއްތޯއެވެ. މުސްލިމުންގެ އެއްބައިވުމާއި ތާއީދުކުރުންވަނީ ﷲއާއި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ މައްޗަށެވެ. ތައުހީދުގެ މައްޗަށެވެ. އެއިލާހުގެ ކަލިމަފުޅު މަތިވެރިކޮށް އެއިލާހުގެ ދީން މަތިވެރިކުރުމަށްޓަކައެވެ.  އެއްވެސް ހާލެއްގައި އެނޫންކަމަކަށްޓަކައި އެއްބައިވަންތަވުމެއްނުވެއެވެ. އަދި ދީނާއި ފުށުއަރާ ދީނުގައި ﷲ އަންގަވާފައިވާ ޙުކުމަކާ ފުށުއަރާ ކަމެއްކަމުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވުން ހުއްދަވެގެންނުވެއެވެ. ﷲ ގެ މިބަސްފުޅު ނުފުދޭތޯއެވެ؟ 

وَتَعَاوَنُوا عَلَى الْبِرِّ‌ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ۚ وَاتَّقُوا اللَّـهَ ۖ إِنَّ اللَّـهَ شَدِيدُ الْعِقَابِ ﴿  މާއިދާ ސޫރަތުގެ ދެވަނަ އާޔަތުން﴾

އަދި ހެޔޮކަންތައް ކުޅައުމާއި ﷲއަށް ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެހީވެ ވާގިވެރިވާށެވެ. އަދި ފާފަކުޅައުމާއި ޖަރީމާތައް ހިންގުމުގެ މައްޗަށް އެއްބަޔަކު އަނެއްބަޔަކަށް އެހީވެ ވާގިވެރިނުވާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން ﷲ ސުބުޙަނަހޫ ވަތަޢާލާއީ އަޒާބު ދެއްވުމުގައި ގަދަފަދަ ވެ ވޮޑިގެންވާ އިލާހެވެ. 

އާނއެކެވެ. މިދީނަށް ވަދެވުމަކީ އަދި މިދީނުގައި ދާއިމަށް މިދީނުގެ މެމްބަރޝިޕް ލިބުމެއްނޫނެވެ. ނަމަވެސް އޭނާގެ އަމަލުތަކާއި އަޤީދާއާއި ބުނުމާއި އުޅުމާއި ދީނުގައި އުޅެން އަންގަވާފައިވާ ހުދޫދެއް ނުފެތޭނަމަ އެމީހަކު މި ދީނުގެ މެމްބަރުޝިޕް އޭގެ ޒާތުގައި ގެއްލޭ ކަންކަން ހުރެއެވެ. އެގޮތުން މިލިޔުމުގައި މިއަލިއަޅުވާލަނީ ވެރިންނަށާއި ދީނީ ޢިލްމުވެރިންނަށް ކިޔަމަންތެރިކަން އަދާކުރުމުގައި ދީނުން ބޭރުވެދާފަދަ ޝިރުކާއި ބެހޭގޮތުންނެވެ. 

ބޮޑެތި ޝިރުކުގެ ތެރެއިން ކިޔަމަންތެރިކަން އަދާކުރުމުގައި ދީނުން ބޭރުވާ ގޮތް

ތަޢުބާ ސޫރަތުގެ 31 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. 

اتَّخَذُوا أَحْبَارَ‌هُمْ وَرُ‌هْبَانَهُمْ أَرْ‌بَابًا مِّن دُونِ اللَّـهِ وَالْمَسِيحَ ابْنَ مَرْ‌يَمَ وَمَا أُمِرُ‌وا إِلَّا لِيَعْبُدُوا إِلَـٰهًا وَاحِدًا ۖ لَّا إِلَـٰهَ إِلَّا هُوَ ۚ سُبْحَانَهُ عَمَّا يُشْرِ‌كُونَ 

މާނައިގެ ތަރުޖަމާއީ: އެބައިމީހުން (ޔަހޫދީންނާއި ނަޞާރާއިން) އެބައިމީހުންގެ އަޙްބާރުން(ޔަހޫދީންގެ ޢިލްމުވެރިން)ނާއި އަދި ފާދިރީން(ނަޞާރާ ދީނުގެ ޢިލްމުވެރިން)ނާއި އަދި މަރިޔަމް ޢަލައިހިއްސަލާމްގެ ދަރިކަލުން ޢީސާގެފާނަކީ އެބައިމީހުން ﷲ ފިޔަވައި އަޅުކަންކުރާ އިލާހުންތަކެއް ކަމުގައިހެދިއެވެ. ނަމަވެސް އެބައިމީހުންނަށް(ޔަހޫދީންނާއި ނަޞާރާއިންނަށް) އެންމެ އިލާހަކަށް މެނުވީ އަޅުކަންކުރުމަށް އަމުރުވެވިގެންނުވެއެވެ. އެހެނީ ހައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައިނުވެއެވެ. އެބައިމީހުން އެ ޝަރީކުކުރާ ތަކެތީގެ މައްޗަށް އެއިލާހު މަތިވެރިވޮޑިގެންވާ ހާލު ހުސްތާހިރުވަންތަވޮޑިގެންވެއެވެ. 

މިއާޔަތާއި ބެހޭގޮތުން ސުންނަތް ޖަމާޢާތުގެ ބޮޑެތި ދަންނަބޭކަލުން ވިދާޅުވެފައިވާ ބަސްފުޅުތަކަށް ބަލާލަމާތޯއެވެ.  

އަލްހާފިޡު އަލްމުފައްސިރު އަލްއިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ތަޢާލާ އެކަލޭގެފާނުގެ ތަފްސީރުގައި ގެންނަވާފައިވެއެވެ.

ޙުޒައިފަތު ބިނިލް ޔަމާންއާއި އަދި ޢަބްދުﷲ ބިން ޢައްބާސް ރިޟުވާނުﷲ އަލައިހިމް (ތިރީގައި މިވާ ވަޙީބަސްފުޅުގެ) ތަފްސީރުގައި ވިދާޅުވެފައިވެއެވެ.

اتَّخَذُوا أَحْبَارَ‌هُمْ وَرُ‌هْبَانَهُمْ أَرْ‌بَابًا مِّن دُونِ اللَّـهِ

(މާނައިގެ ތަރުޖަމާ: އެބައިމީހުން (ޔަހޫދީންނާއި ނަޞާރާއިން) އެބައިމީހުންގެ އަޙްބާރުން(ޔަހޫދީންގެ ޢިލްމުވެރިން)ނާއި އަދި ފާދިރީން(ނަޞާރާ ދީނުގެ ޢިލްމުވެރިން)، ﷲ ފިޔަވައި އަޅުކަންކުރާ އިލާހުންތަކެއް ކަމުގައިހެދިއެވެ.) 

"އެބައިމީހުން ގެ މައްޗަށް ޙަރާމްކަންތައްތައް ހަލާލްކުރެވުމުން، އަދި ޙަރާމްކަންތައްތައް ހަލާލްކުރެއްވުމުން އެކަންތައްތަކަށް ކިޔަމަންތެރިކަން އަދާކުރީއެވެ." 

އިމާމް ޝަޢުކާނީ ރަޙިމަﷲ އެކަލޭގެފާނުގެ ތަފްސީރުގައި މިއާޔަތުގެ މާނަ ބަޔާންކުރައްވަމުން ވިދާޅުވެފައިވެއެވެ. 

اتَّخَذُوا أَحْبَارَ‌هُمْ وَرُ‌هْبَانَهُمْ أَرْ‌بَابًا مِّن دُونِ اللَّـهِ

"އެބައިމީހުންގެ މައްޗަށް އެބައިމީހުންގެ ޢިލްމުވެރިން އަމުރުކުރާ ކަންކަމުގެ މައްޗަށް ބޯލަނބައި އަދި ނަހީކުރައްވާފައިވާ ކަންކަމުގެ މައްޗަށް (ﷲ އަމުރުކުރައްވާފައިވާ ގޮތާއި ޚިލާފަށް) ރުހި ތިބުމުގެ ސަބަބުން އެބައިމީހުން އެވަނީ އެހެން އިލާހެއް ނެގިފަދަ ހާލަތެއްގައެވެ. ސަބަބަކީ އެބައިމީހުން ކިޔަމަންތެރިކަން އަދާކުރީ އިލާހުންތަކަކަށް ކިޔަމަންތެރިކަން އަދާކުރިފަދައިންނެވެ." 

އިމާމު އަޙުމަދާއި ތިރުމިޛީ އަދި އިބުނު ޖަރީރު ރިވާކުރައްވާފައިވެއެވެ. 

އެއްފަހަރެއްގައި ﷲގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މި އާޔަތް ކިޔަވާ ވިދާޅުވަމުންދަނިކޮށް އަދިއްޔު ބިން ޙާތިމް ރަޟިޔަﷲ އަންހުވިދާޅުވިއެވެ. "އޭ ﷲގެ ރަސޫލާއެވެ. އެބައިމީހުން (ޔަހޫދީންނާއި ނަޞާރާއިން) އެބައިމީހުންނަކަށް (އެއީ ރައްބީންނާއި ފާދިރީންނަށް) އަޅުކަމެއްނުކުރެއެވެ."

އެހިނދު ރަސޫލުﷲ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

"އެބައިމީހުން ހަމަ ޔަޤީނުންވެސް އެބައިމީހުންނަށް އަޅުކަންކުރެއެވެ. އެބައިމީހުން(ރައްބީން –ޔަހޫދީޢިލްމުވެރިން އަދި ފާދިރީން) ޙަލާލްކަންތައްތައް ޙަރާމްކޮށް، އަދި ޙަރާމްކަންތައްތައް ޙަލާލުކޮށް ހެދުމުން، އެބައިމީހުން(ޔަހޫދީންނާއި އަދި ނަޞާރާއިން) އެބައިމީހުންނަށް ކިޔަމަންތެރިކަން އަދާކުރިއެވެ. އަދި އެކަންތައް އެގޮތަށް ކުރުމުގެ ސަބަބުން ހަޤީޤަތުގައި އަޅުކަންކުރެވުނީއެވެ." 

(އިމާމު ޢަހުމަދު، ތިރުމިޛީ: 3095 (ޝައިޚު އަލްބާނީ: ޙަސަން ޙަދީޘެއް)،  އިބުނު ޖަރީރު)

އޭ ވިސްނާ ފިކުރުކުރައްވާ ޢިއްޒަތްތެރި ބުއްދީގެ އަހުލުވެރިންނޭވެ. ﷲގެ ޙުކުމްފުޅުތަށް ބަދަލުކުރެވިއްޖެނަމަ، ހަރާމްކަމެއް ހަލާލުކުރެވި ހަރާމްކަމެއް ހަލާލުކުރެވިއްޖެނަމަ، އެކަމަކަށް ބޯލަނބައިފިނަމަ އެއީ މަތީގައިވާ އާޔަތުން އެނގޭފަދައިން ކިޔަމަންތެރިވުމުގައި ޝަރީކުކުރެވުނީއެވެ. އެބައިމީހުންނަށް އަޅުކަންކުރެވުނީއެވެ. ﷲ ފިޔަވައި އެހެންފަރާތަކަށް އަޅުކަންކުރެވުނީއެވެ. އެއީ ﷲގެ އަމުރުފުޅު ބަދަލުކޮށް އެއިލާހަށް ކިޔަމަންތެރިވުމުގެ ބަދަލުގައި އެބައިމީހުންނަށް ކިޔަމަންތެރިކަން އަދާކުރުމުގައެވެ. ﷲފިޔަވައި އެހެންފަރާތަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދޭ ދަރަޖަ ދެވުނީއެވެ. މިފަދައިން އެނގިހުރިހާލު ކަންތައްކޮށްފިނަމަ އެއީ އެމީހަކު ދީނުން ބޭރުވެދާފަދަ ކަމެކެވެ. މިއީ ބޮޑުވެގެންވާ ޝިރުކު ބެހޭ ހަތަރުބައިގެ ތެރެއިން އެއްބަޔެވެ. 

ނިންމުން: 

ކީރިތި ޤުރުއާނުގެ ސާބިތު ހުކުމަކަށް އިންކާރު ކުރުމުން އެކަމަށް ތާއީދުކުރުމުން އަދި ކިހާވަރެއްވާނެތޯއެވެ؟ އެފޮތުގައިވާ ޙުކުމްތަކަކާއި ބެހޭގޮތުން ސުވާލު އުފެއްދުމުން އެކަމަށް ތާއީދުކުރުމުން އަދި ކިހާވަރެއްވާނެބާވައެވެ؟ އަދި އެފޮތުގެ ޙުކުމްތަކާ ދެކޮޅަށް ދެއްކޭ ވާހަކަތަކާއި ﷲ ގެ ބަސްފުޅުގެ މައްޗަށް ކިޔޭ ބަހަށް ތާއީދުކުރުމުން އަދި ކިހާވަރެއްވާނެބާވައެވެ؟ 

ﷲ ސުބުޙަނަހޫ ވަތަޢާލާ ވަޙީކުރައްވައެވެ. 

وَمَا يَجْحَدُ بِآيَاتِنَا إِلَّا الْكَافِرُ‌ونَ

އަދި ތިމަންއިލާހުގެ އާޔަތްތަކާއި މެދު ކާފަރުންމެނުވީ އިންކާރުނުކުރެއެވެ.

(އަންކަބޫތު ސޫރަތުގެ 47 ވަނަ އާޔަތުން)

އޭ ބުއްދީގެ އަހުލުވެރިންނޭވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިބަސްފުޅުތަކާއި މެދު ނުވިސްނަމު ހެއްޔެވެ؟ ވިސްނާ ފިކުރުކޮށް ތައުބާވާ ބަޔެއްކަމުގައި އަޅުގަނޑުމެން ވުމަކީ އޮތް އެންމެ ހެޔޮމަގެވެ. ﷲ ސުބުޙަނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ތަޢުބާ ޤަބޫލުކުރައްވާ އިލާހެވެ. އެއިލާހު ބޭނުންވެވޮޑިގެންވަނީ އަޅުގަނޑުމެންގެ ފާފަތައް ފުއްސަވައި ދިނުމަށެވެ. އެއިލާހު ވަހީކުރައްވާ މިބަސްފުޅު ނާހަމުހެއްޔެވެ؟ 

وَاللَّـهُ يُرِ‌يدُ أَن يَتُوبَ عَلَيْكُمْ

"އަދި ﷲ ސުބުޙަނަހޫ ވަތަޢާލާ ބޭނުންވެވޮޑިގަންނަވަނީ ތިޔަބައިމީހުންގެ ތަޢުބާތައް ޤަބޫލުކުރެއްވުމަށެވެ." 

ނަމަވެސް އެއީ ތަޢުބާވާ މީހުންގެ މައްޗަށެވެ.  އަޅުގަނޑުމެންނަކީ ﷲއަށް ކިޔަމަންތެރިކަން އަދާކޮށް ޠާޣޫތުންނަށް އަޅުކަން ކުރުމުން ބަރީއަވެގެންވާ  ބަޔެއްކަމުގައި ލައްވާށިއެވެ.  އަދި މުޅި އިސްލާމީ ޢުއްމަތަށް ނަސްރު ދެއްވައި މުސްލިމުންނާއި ދެކޮޅަށް މުސްލިމުން ބަލިކަށި ކުރުމަށް ރާވަމުންދާ ފަރާތްތައް ބަލިކުރައްވައި އެބައިމީހުންގެ ސަފުތައް ވިއްސިވިހާލު ކުރައްވައި އެބައިމީހުންގެ ހިތްތަކަށް ބިރުވެރިކަމާއި ބަލިކަށިކަން ލައްވާށިއެވެ. އަދި އެބައިމީހުންގެ ކިބައިން މުސްލިމުންގެ ހިތްތަކަށް ހަމަޖެހުން ދެއްވާށިއެވެ. އާމީން

والله أعلم

وصلى الله وسلم على نبينا محمد و أله و صحبه أجمعبن.

ނިމުނީ

_____________________________

ހަވާލާތައް

1.    ތަފުސީރު އިބުނު ކަޘީރު، އިމާމު އިބުނު ކަޘީރު

2.    ފަތުޙުލްޤަދީރު، އިމާމު ޝައުކާނީ

3.    ސުނަނުއްތިރުމިޛީ، (ޝައިޚު އަލްބާނީ ޙަދީޘްތަކަށް ހުކުމްކުރައްވާފައިވާ)

4.    ޤުރުއާން ތަރުޖަމާ ހިލާލީ އަދި ޚާން

5.    ޚުލާސަތުލް ކަލާމް ފީ އަރުކާނިލް އިސްލާމް. ޕުރޮފެސަރު އަބްދުﷲ ބިން މުހައްމަދު ބިން އަޙުމަދުއް ތައްޔާރު

6.    ދުރޫސް ފިލް ޤިރާއަތި، ހަތަރުވަނަ ސެމިސްޓަރ، މައުހަދުއްލުޣާ

7.    ޤުރުއާން ތަރުޖަމާ ދިވެހި، 2007 ވަނަ އަހަރުގެ ޗާޕު ރައީސް އޮފީސް

 

 

- އައްޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދު

 

މިއަދު އޮންލައިން