ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރައްވަމުން ގެންދެވި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން، އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން (ސނ: 5536) މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ.
ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭކަލެކެވެ. އެގޮތުން އޭނާ ވަނީ އެމްއެންޑީއެފްގައި 21 އަހަރާއި 7 މަހާއި 16 ދުވަހު އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައެވެ.
މި ފުން ހިތާމައިގެ ވަގުތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނުގެ ލޮބުވެތި ޢާއިލާއަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިންނަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ. "މާތްﷲ، ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި ލޮބުވެތި ޢާއިލާއަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން" ރައީސް ވިދާޅުވިއެވެ.