"ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) އަށް ވަންނަ އުޅަނދުތަކަކީ އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަކަށް ވާންޖެހޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި ނިންމުމަކީ އެ ސަރަޙައްދުގެ ތިމާވެށި ރައްކާތެރިކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
މިކަމާބެހޭގޮތުން މައުލޫމާތުދެއްވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ އޮފް ޕްރޮޓެކްޓެޑް އޭރިއާސް، މުހްސިނާ ޢަބްދުއްރަޙްމާން ވިދާޅުވީ 2025 ވަނަ އަހަރު ސަންޕާ ސަރަޙައްދު ބެލެހެއްޓުމުގެ ޚާއްޞަ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މި ޕްލޭންގެ ދަށުން އެކުލަވާލެވިފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މުހްސިނާ ވިދާޅުވި ގޮތުގައި މިފަދަ ޕްލޭނެއް އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމެވެ. އެގޮތުން، އެއްވަގުތެއްގައި އެ ސަރަޙައްދަށް ވަންނަ އުޅަނދުތަކާއި މީހުންގެ އަދަދު ކޮންޓްރޯލްކުރުމުގެ އިތުރުން، އުޅަނދުތައް ދުއްވަންޖެހޭ ބާރުމިން ވަނީ ވަކި މިންގަނޑެއްގައި ހިފަހައްޓަން ނިންމާފައެވެ.
ސަންޕާ ސަރަހައްދަށް ވަންނަ އުޅަނދުތައް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކުރަންޖެހޭނެކަން ފާހަގަކުރައްވަމުން މުހްސިނާ ވިދާޅުވީ، "މިހާރު އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ބައެއް އުޅަނދުތަކަކީ ޓްރާންސްޕޯޓް ގަވާއިދުތަކާ ޚިލާފަށް އަދި ލައިސަންސް ނެތް ފަރާތްތަކުން ދުއްވާ އުޅަނދުތަކެއް" ކަމަށެވެ.
މި ޕްލޭންގެ ދަށުން ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ފިޔަވަޅުތަކެއްވެސް ވަނީ އެޅިފައެވެ. އެގޮތުން، ސަންޕާ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުގެ ބުރަފަތީގައި "ޕްރޮޕެލާ ގާޑް" ހަރުކުރުން މިމަހުގެ 30 އިން ފެށިގެން ވަނީ މަޖުބޫރުކޮށްފައެވެ.
މި އައު އުސޫލުތަކަކީ އެ ސަރަޙައްދުގައި މިހާރު ހުރި ތިމާވެށީގެ މައްސަލަތަކަށް ރިއާޔަތްކޮށް، އެންމެ އިސްކަންދޭންޖެހޭ ކަންކަމަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ އުސޫލުތަކެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.