ޤަވާއިދާ ޚިލާފަށް އުޅެމުން އައި 12 ބިދޭސީން ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޤަވާއިދާ ޚިލާފަށް އުޅެމުން އައި 12 ބިދޭސީން ހައްޔަރުކޮށްފި

ޤަވާއިދާ ޚިލާފަށް، ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 12 ބިދޭސީން ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ ހިނގަމުންނެވެ.

އެގޮތުން އިމިގްރޭޝަނުން ވަނީ މި މަހުގެ 15ވަނަ ދުވަހު ހުޅުމާލެ ފޭސް 1ގައި ހުރި ގަރާޖެއްގައި ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 20 ބިދޭސީއަކު ހިފަހައްޓައި، އެމީހުންގެ ވިސާއާއި ރަސްމީ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައެވެ.

އަދި މި މީހުންގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 12 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާތަނަށް ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހު ކުރިއަށްދާނެއެވެ.

އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށްދާނީ 2895 މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުުރުމުގެ އިތުރުން ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތެވެ.

ވިޔަފާރިތަކުގަ މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ މުއްދަތު ހަމަވުމުގެ ކުރިއަށް ދެއްކުމަށް ބާރު އެޅުމުގެ ގޮތުން އެ ފަރާތްތަކަށް އެކަން އަންގައިދީ އަދި މިހާރު ވޯކް ޕާމިޓް ފީ ނުދެއްކިވާ ފަރާތްތައްވެސް ހިމެނޭ ގޮތަށް ވޯކް ޕާމިޓް ފީ ދައްކާ ފަރާތްތަަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް މި ފޭސްގެ ތެރެއިން ލިބިގެންދާނެއެވެ.

މިއާއެކު ދިވެހި ވިޔަފާރިވެރިންނަށް އެ މީހުން ގެންގުޅޭ ބިދޭސީ މަސައްކަތްތެރިން ޤަވާއިދުގެ ތެރޭގައި މަސައްކަތް ކުރުމަށް ހިތްވަރަކަށް ވެގެންދާނެއެވެ.

ހަބަރު: ސަރުކަރު

މިއަދު އޮންލައިން