މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ވިލިމާލޭގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ވިލިމާލޭގައި ފަށައިފި

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލޭގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ. ވިލިމާލޭގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އޮނަރަބަލް މުޙައްމަދު ސަޢީދުއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލްއާއި، އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ސަޢުދީގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޚިދުމަތް ތަޢާރަފުކުރުމުގެ މައިގަނޑު މަޤުޞަދަކީ ރައްޔިތުންނަށް އިތުބާރު ހުރި، ރައްކާތެރި އަދި ފެންވަރު ރަނގަޅު ޓެކްސީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ވިލިމާލޭގައި ބޭނުންކުރާ ހުރިހާ ވެހިކަލްތަކަކީވެސް ތިމާވެއްޓާ ރައްޓެހި އީ.ވީ (އިލެކްޓްރިކް) ވެހިކަލްތަކެކެވެ.

ވިލިމާލޭގައި މިވަގުތު ޚިދުމަތަށް ނެރެފައިވަނީ ޖުމުލަ 4 ކާރެވެ. މީގެ ތެރޭގައި ހިމެނެނީ ޗަންގަންގެ ލުމިން މޮޑެލްގެ 2 ކާރާއި އެސް.ޒީރޯ 7 މޮޑެލްގެ 2 ކާރެވެ. މި ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށާއި، ދަތުރުތަކަށް ނަގާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރަސްމީ އަގުތައް ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ކަސްޓަމަރުންނަށް ޓެކްސީ ބުކް ކުރެވޭނީ މިކަމަށް ޚާއްސަކޮށް އުފައްދާފައިވާ "މާލެ ޓެކްސީ އެޕް" މެދުވެރިކޮށެވެ. މީގެ އިތުރުން، ޚިދުމަތާ ގުޅޭ އެހީތެރިކަން ހޯދުމަށް ޚާއްސަ ހޮޓްލައިން ނަންބަރު 1655 އަށް ގުޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން، މި ލައިންގައި މަސައްކަތްކުރާ ހުރިހާ ޑްރައިވަރުންނަކީ ޚާއްސަ އިންޓަވިއުއަކަށްފަހު ހޮވައި، ތަމްރީނު ދީފައިވާ މުވައްޒަފުންނެވެ. އެމްޓީސީސީގެ އަމާޒަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ އަދި އަގުހެޔޮ ޚިދުމަތްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމެވެ.

މިއަދު އޮންލައިން