ރާޒުވާ މެޗެއްގައި ބޮނދުބުޑަށް ސައިކިޔުން ކިޔަނީ އަނެއް ކޮޅުންތެރިޔާއަށް ކުޅެވެންހުރި ގޮޅިތައް ބަންދުކޮށް ބޮނދު ބައްދައިލުމަށެވެ. ސަލާމަތްވާން އެރޭނެ ގޮޅިއެއް ނެތުމުންނެވެ.
މިސަރުކާރުން އެކަން ވަރަށް ފުރިހަމައަށް ކޮށްފިއެވެ. ސަލާމަތްވެވެން ނެތްވަރަށް ފައިސާ ޗާޕުކުރުމުގެ އިތުރަށް އެންމެ ފަސް އަހަރުތެރޭގައި ރާއްޖޭގެ ތާރީޚުގެ ހުރިހާ އަހަރުތަކާއި ނުބައްދަލުވަރަށް ދަރަނިވެރިކުރުވާފައި ވަނިކޮށް ހަރުމުދައު ނުވިއްކައި ޤައުމުގެ އިޤްޠިޞޯދުކޮޅަށް ޖަހައިފިއެވެ. ދުނިޔޭގެ މާލީ އިދާރާތަކުގެ ތަޢްރީފް އަންނަނީ އިތުރުވަމުންނެވެ.
އެހީތެރިކަމަށް ބޭނުންވެގެން ތިބި މީހުންނަށް ދޭ ޢިނާޔަތްތައް ބޮޑުތަނުން އިތުރުކޮށްފިއެވެ. ޒަކާތު ފައިސާއިން އެއިގެ ޙައްޤުވެރިންނަށް ދޭފައިސާ އެތައް ގުނައަކަށް އިތުރުކޮށްފިއެވެ. ހުރިހާ ކަމެއް ބޮއްސުންލާފައި އޮތް ދައުލަތެއްގެ ހިންގުން އެންމެ ފުރިހަމަކުރުމަކީ އެންމެ 2 އަހަރުން ކުރެވޭނެ ކަމަކަށްނުވާތީ އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުރިނަމަވެސް ގިނަ ކަންތައްތަކެއް ރަނގަޅުކޮށްފިއެވެ. މުޅި ފުރާޅު ފޫގޮސް ވާރޭވެހޭނަމަ ޓިނުގައި މަލަންކޮޅެއް އަޅައިގެން ނުފުދޭނެތާއެވެ!
ޚާރިޖީ ސިޔާސަތު ގެންގޮސް ކުޑަގޮޅިއަށްލައި ބަންދުކޮށްފައި ވަނިކޮށް ޚާރިޖީ ސިޔާސަތު މިނިވަންކޮށް ދުނިޔެއަށް ބަސްވިކޭ ޤައުމަކަށް ހަދައިފިއެވެ. ވަކި ޤައުމަކަށް ބަރޯސާވުން ކުޑަކޮށް ހުރިހާ ޤައުމަކުން އެހީތެރިކަން ލިބޭ ޤައުމަކަށްވެއްޖެއެވެ. ތުރުކީންނާއި އޮސްޓްރޭލިޔާއިން ހަދިޔާގެ ގޮތުގައި ލިބުނު 2 މަނަވަރާއި ރާއްޖޭގެ ސަރަޙައްދު ބަލަހައްޓަން އަމިއްލައަށް އުދުއްސަމުން ގެންދާ ޑްރޯނުތަކުން ބައަކުވާ ހާދަވަރަކަށް މޭކަރައިފިއެވެ.
ހާމަކުރަންހުރި ޕްލަސްތައް ވަރަށް ގިނައެވެ. ބޮނދު ބުނޑަށް ސައިކިޔާފައިވަނީ ކޮން ކުޅުންތެރިއަކުކަން އޮޅުވާލަން ބައަކު އުޅުނަސް އެކަމެއް ނުކުރެވޭނެއެވެ. ރީތި ގޮތަކަށް ރައީސް މުޢިއްޒުގެ ސަރުކާރުން އެވަނީ ބޮނދުބުނޑަށް ސައިކިޔައިފައެވެ. އެރޭނެ ގޮޅިއެއް ނެތުމުން ދެން ރަނގަޅުވާނީ ބާރަށް އަޑުގަދަކުރަމުން ކުޅިބައި ބަންޑުން ޖަހައިލުމެވެ.