މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވާ ޤައުމުތައް އެކަމުން އަރައިގަތުމުގެ ގޮތުން ވިލުންތެރިވުމަށް ކުރެވޭ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަމާއި ކްލައިމެޓް ފައިނޭންސިންގ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ފެށުމުގެ ގޮތުން ބޭއްވި ހައިލެވެލް ސެގްމަންޓްގައި ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސްގެ މައްޗަށް ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށާއި، ޤައުމުގެ ކުރިމަގަށާއި ތަރައްޤީގެ މަޝްރޫޢުތަކަށް އަސަރުކުރާކަމަށް ވިދާޅުވިއެވެ. އަދި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދެމެހެއްޓެނިވި ޙައްލުތަކެއް ގެނައުމަކީ ހައްސާސް މައްސަލައެއްކަމަަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ފަރުތައް ހިމާޔަތްކުރުމާއި، ވިލުންތެރިކަމަށް ބޭނުންވާ ބިނާރާއި، ވިލުންތެރިކަމުގެ މަޝްރޫޢުތައް ރަށްރަށުގައި ހިންގާ، އެކަމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ހުޅުމާލެ އަކީ މިފަދަ މިސާލެއް ކަމަށާއި، މިހާރު ތަރައްޤީކުރަމުންދާ ރަސްމާލެއަކީވެސް މިއުސޫލުތަކުގެ މައްޗަށް ބިނާކުރަމުންދާ، އިންސާނީ އަދި އިޤްތިސާދީ ތަރައްޤީއަށް ފަހިވެފައިވާ ސަރަޙައްދެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކްލައިމެޓް މޮބިލިޓީގެ މަސައްކަތްތަކުގައި އިސްކަންދޭންޖެހޭނީ ވިލުންވެރިކަމާއި، ގެއްލުން ކުޑަކުރުމަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، ރަށްރަށުގެ ރައްޔިތުންގެ ވަޒަންވެރިކަން ދަމަހައްޓަން ބޭނުންވާ ޙާލަތުގައި، ރައްކާތެރިކަމާއެކު ރަށުގައި ތިބުމުގެ ފުރުޞަތު ފަހިކޮށްދޭންވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ރަށެއްގެ ރައްޔިތުން، ހިޖުރަކުރަންޖެހޭ ޙާލަތުގައި، އެއީ ރޭވިގެން، އަމިއްލަ އިސްނެގުމާއެކީ، އިންސާނީ ކަރާމާތް އުނިނުވާނޭ ގޮތަށް ހިންގޭ މަޝްރޫޢަކަށް ވާންވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށް، މާލީ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި، މިފަދަ ކަންކަމަކީ ނުރައްކަލަށް ހުށަހެޅިފައިވާ ޤައުމުތަކަށް އެކަނި ކުރެވޭނޭ މަސައްކަތްތަކެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ވަކި ޝަރުތުތަކާއެކު ދޭ އެހީއާއި ހިލޭ އެހީގެ ގޮތުގައި ދެވޭ މާލީ އެހީތެރިކަން އިތުރުކުރުމާއި، ޓެކްނޮލޮޖީ ފުޅާކުރުމާއި ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމަށް ތަރައްޤީގެ ބައިވެރިންނަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސްއަށް މަރުޙަބާ ދެންނެވިއެވެ. އަދި، ޙައްޤުތަކުގެ މައްޗަށް ބިނާވެފައިވާ، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރާ މަޝްރޫޢުތަކާއި ނުރައްކަލާއި ކުރިމަތިވެފައިވާ އާބާދީތަކަށް ލުއި ހޯދައިދީ، ވިލުންވެރި ކުރިމަގެއް ހޯދައިދިނުމަށް ވަކާލާތުކުރާ އުސޫލުތަކަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.