އަމާޒަކީ 2028 ގެ ކުރިން، މާލޭގެ ދަތުރުފަތުރުގެ ދާއިރާއަށް ޤަބޫލުކުރެވޭ ފަދަ ޙައްލުތަކެއް ހޯދާދިނުން: ވަޒީރު ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
އަމާޒަކީ 2028 ގެ ކުރިން، މާލޭގެ ދަތުރުފަތުރުގެ ދާއިރާއަށް ޤަބޫލުކުރެވޭ ފަދަ ޙައްލުތަކެއް ހޯދާދިނުން: ވަޒީރު ސައީދު

ސަރުކާރުގެ އަމާޒަކީ 2028ގެ ކުރިން، ގްރޭޓަރ މާލޭގެ ދަތުރުފަތުރުގެ ދާއިރާއަށް ރައްޔިތުންނަށް ޤަބޫލުކުރެވޭ ފަދަ ޙައްލުތަކެއް ހޯދާދިނުން ކަމަށް އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މާލެ ޓެކްސީލައިންގެ ޚިދުމަތް ވިލިމާލޭގައި ފެށުމަށް، ވިލިމާލެ ފެރީ ޓަރމިނަލް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއިއެކު، މާލެ ސަރަހައްދުގެ ދަތުރުފަތުރަށް މީގެ ކުރިން ޙައްލެއް ލިބިފައި ނެތް މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ވުޒާރާތަކުން ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ. މީގެ ތެރޭގައި ޕާކިންއާއި ވެހިކަލް ރަޖިސްޓްރީއާއި، ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުން ހިމެނޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މާލެ ޓެކްސީލައިންގެ ޚިދުމަތް ވިލިމާލޭގައި ފެށުމަކީ، ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިލިމާލެއަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ފުރިހަމަ ހެއްކެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ގްރޭޓަރ މާލޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމް ވަށާޖެހޭ ނިޒާމަކަށް ހެދުމަކީ ރައީސްގެ އެންމެ މުހިންމު އެއް ތަސައްވުރު ކަމަށް ސައީދު ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެކަމާއި ގުޅުން ހުރި ތަފްސީލީ ޕްލޭނެއް އާއްމުންނާއި ޙިއްސާކުރައްވާނެ ކަމަށެވެ.

މިއަދު އޮންލައިން