ދެއިރުގެ ޛިކުރުތައް ކިޔުމަކީ މާފަހުން ކުރިމަތިވާން ހުންނަ ނުރައްކާތަކުންވެސް ސަލާމަތްކުރައްވަވާ ކަމެއްކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 41ސ
ދެއިރުގެ ޛިކުރުތައް ކިޔުމަކީ މާފަހުން ކުރިމަތިވާން ހުންނަ ނުރައްކާތަކުންވެސް ސަލާމަތްކުރައްވަވާ ކަމެއްކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-

މިއަދުގެ ގިނަ ބައަކަށް ވިސްނެނީ ޛިކުރުތައް ކިޔުމަކީވެސް ޢުމުރުން ދުވަސްވުމުން ކުރަން އޮތްކަމެއް ކަމަށެވެ. އެހެންވެ ނަމާދުން އަވަދިވުމާއިއެކު ނިސްކިތުން ފައިބައިގެންދެއެވެ. މުސައްލަމަތިން ތެދުވެއެވެ.  

ކޮންމެ ޙާލެއްގައި ދިރިއުޅުނަސް ނަމާދުތަކަށް ރައްކައުތެރިވެ ޛިކުރުކުރުންމަތީގައި، ޚާއްޞަކޮށް 2 އިރު ކިޔަންޖެހޭ ޛިކުރުތައް ކިޔުންމަތީގައި ތިބުމަށް ޢިލްމުވެރިން ނަޞޭޙަތް ދެއްވަނީ އެކަމުން ކުރާނެ ފައިދާ ބޮޑުކަމުންނެވެ. ޛިކުރުކުރުމަކީ މީހާގެ ސަލާމަތާއި ރައްކައުތެރިކަމާއި ގުޅިފައިވާ ކަމަކަށްވާތީއެވެ.

ތިރީގައިވާ ވާހަކަވިދާޅުވެލައްވާށެވެ. ފިލާވަޅަކަށް ފުދޭނެއެވެ. އިން ޝާ ﷲ  

އަޅުގަނޑަށް ކައިވެނިކުރެވުނީ ކުޑަކުޑަ ފިހާރައެއް ހިންގާ މިހަކާއިއެވެ. ކިއްލި އާއި ހެދިބިލަތާއި ޖޫސްޕެޓީ ފަދަ ތަކެތި ވިއްކައިގެން ދުވާލެއްގެ ވިކުރާއަށް ލިބެނީ 300 ވަރަކަށް ރުފިޔާއެވެ. ފިހާރަ ހިންގެނީ ފިރިމީހާގެ ގޭގައި ފިހާރަ ހުންނާތީއެވެ. ކުލި ދައްކަންޖެހޭނަމަ ނުވެސް ހިންގޭނެއެވެ.  

ކައިވެނިކޮށްގެން ފިރިމީހާގެ ގެއަށް ބަދަލުވުމަށްފަހު ހެދިކާ ފަދަ ތަކެތި ހަދަންފެށީމެވެ. ވިކުރާ ވަރަށް ބޮޑުތަނުން އިތުރުވާން ފަށައިފިއެވެ. ބާޒާރުން މުދައުކޮޅު ގަނެގެން ގެނެވެން ފަށައިފިއެވެ. އެގޮތަށް މަޑުމަޑުން ކުރިއަރަމުން ގޮސް ފިހާރައަކީ ހަމަ ރަނގަޅަށް ވިޔަފާރިވާ ފިހާރައަކަށް ވެއްޖެއެވެ.  

އެއްދުވަހަކު ގެއަށް އައިސް ބުނީ މައިންބަފައިންގެ ކިބައިން ވާރުތަވި 1000 އަކަފޫޓުގެ ބިންކޮޅު ވިއްކާލައިފިން ކަމަށާއި އެއީ 2000 އަކަފޫޓުގެ ބިމެއް ގަންނަން ކަމަށެވެ. އަޅުގަނޑު ދިއައީ ސިއްސައިގެންނެވެ. އެއީ އެހައިގިނަ ފައިސާ ވިޔަފާރިން ފައިދާނުވާކަން އަޅުގަނޑަށް ރަނގަޅަށް އެނގޭތީއެވެ.  

ކޮންމެއަކަސް އެބުނި ބިންގަނެފިއެވެ. އެބިމުގައި ގެއެއްވެސް ހުއްޓެވެ. އެގެއަށް ބަދަލުވެސްވީއެވެ. އެގެއަށް ބަދަލުވެވުމާއިއެކު އަޅުގަނޑު ކަމުނުދާން ފަށައިފިއެވެ. ޒަމާނީ ފެޝަންތަކަށް ހެދުން ނުލާތީއެވެ. އިސްކޮޅުން ކުރުކަމުންނެވެ. އިސްކޮޅާ އަޅައިބަލާއިރު މާފަލަކަމަށްވެސް ވެއްޖެއެވެ. މިހެންގޮސް އަޅުގަނޑުގެ ކިބައިގައި ރަނގަޅު، ރީތި އެއްވެސް ސިފައެއް ހުރިކަމަށް ނުވެއެވެ.  

އެހެނަސް އަޅުގަނޑު ހުރީ ހަމަ މީގެ 5 އަހަރުކުރިން ކައިވެނިކުރިއިރުވެސް ހުރި ސިފައިގައެވެ. އިތުރު އެއްވެސް ބަދަލެއް ނާދެއެވެ. އިސްކޮޅުން ކުރެއްވެސް ނުވެއެވެ. އިތުރަށް ފަލަވެ ބަރެއްވެސް ނުވެއެވެ. ލަނީވެސް ހަމަ އެއް ޒާތެއްގެ ހެދުމެވެ. 

އެހެންކަމާއިއެކުވެސް ފިރިމީހާގެ ޝަކުވާތަކަށް ކެތް ނުކުރެވުމުން ވަރިވެގެން ގެއިން ދިއައީއެވެ. އެދުވަހުވެސް ކުރީ މަލާމާތެވެ. "މާމޮޅުތަކެއް ވާނެކަމަށް ތިއަދަނީ ތިއަ ސިފައިގަ ހުއްޓާ އިންނާނީ ކާކު؟" ޖަވާބުގައި ކަލޭ ކައިވެނިކުރީ ހަމަ މިސިފައިގަ ހުއްޓާކަމަށް ބުނަން ބޭނުންވިއެވެ. އަދި ކަލޭފަދަ އެހެން މީހުންވެސް އުޅޭނެ ނޫންތޯ ސުވާލުކުރަންވެސް ބޭނުންވިއެވެ. ނަމަވެސް އަޅައެއް ނުލަމެވެ. އޭނާގެ ފެންވަރަށް ނުވެއްޓެން ވެގެން އަނގައިން ނުބުނެ ނުކުމެގެން ފިއައީއެވެ.  

އަޅުގަނޑަކީވެސް ރާއްޖެތެރެއަށް ނިޞްބަތްވާ އަންހެނަކަށްވާތީ ނުކުމެގެން ގޮސް ވަންނާނެ ޢާއިލީގެއެއްވެސް ނެތުމުން ދިއައީ ރަހްމަތްތެރި ދެމަފިރިއެއްގެ ގާތަށެވެ. އެދެމަފިރިންގެ 2 ދަރިން ބަލައިދޭން އިންނާށެވެ.  

އެގޭގައި އިންނަތާ އަހަރެއްހައި ދުވަސްފަހުން ގަޔާވާފަދަ މީހަކު ކައިވެންޏަށް އެދުމުން ރުހި ޤަބޫލުވީމެވެ. ނަމަވެސް ކައިވެނިކުރުމުގެ ކުރިން ކައްޓާއެއް ގެނެސް ބަރުދަން ކިރައި އަދި ފީތާއަކުން އިސްކޮޅުގައި މިންއަޅަންވެސް ބުނީމެވެ. މިންތައް ޖަހައި ކަލްކިޔުލޭޓަރުން ހިސާބުހަދައި ދިމާވޭތޯ ރަނގަޅަށް ބަލަންވެސް ބުނީމެވެ. 

ކޮންމެއަކަސް ދެވަނަ ކައިވެނިކުރެވިއްޖެއެވެ. އެނާއަކީ އަމިއްލަ ކުންފުންޏެއްގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ މުވައްޒިފެކެވެ. އިސްމަޤާމެއްގައެވެ. ދިރިއުޅެމުން ދިއައީ ހަމަ އުފަލުގައެވެ.  

ކައިވެނިކުރިތާ 3 ވަނަ މަހު އެއްދުވަހަކު ގުޅާފައި ބުނީ މިއީ ފުލުހުން ކަމަށާއި ބަންދުގައި ހުރި މީހަކު ގުޅާލަން ބޭނުންވާތީ ކަމަށެވެ. ވަކިމީހަކު ނުބުނެއެވެ. ހީކުރީ އެވާނީ ޢާއިލާގެ ކޮންމެވެސް މީހަކު ކަމަށެވެ. ވާހަކަދައްކަން އެއްބަސްވުމުން ގުޅައިދިންއިރު އޭނާއަކީ އަޅުގަނޑުގެ ކުރީގެ ފިރިމީހާއެވެ. ބުނީ ގޯތި ގަންނަންވެގެން ސޫތަށް ފައިސާދޭ މީހަކު އަތުން ނެގި ފައިސާ ނުދެއްކިގެން ގޮސް ދަރަނިވެރިވެގެން ގެވެސް ވިއްކާލައިފިކަމަށެވެ. ވިޔަފާރިވެސް ބަނގުރޫޓުވެއްޖެ ކަމަށެވެ. އަދި މިހާރުވެސް ބަންދުގައި ހުރީ މަކަރާ ހީލަތުގެ މައްސަލައެއްގައި ކަމަށާއި ގުޅީ ފައިސާ ނެތުމުން ވަކީލަކު ހަމަޖެއްސެންވެސް ނެތިގެން އަޅުގަނޑުގެ ކޮއްކޮ ހަމަޖައްސައިދޭތޯ ކަމަށެވެ. އަދި ސަލާމަތްވީމާ އަގުދައްކާނެ ކަމަށެވެ.

އަޅުގަނޑު ބުނީ ކޮއްކޮ މިހާރުވެސް އުޅެނީ އަގުދައްކާފައި ތިބި މީހުންގެ މައްސަލަތައްވެސް ގިނަވެގެން ކަމަށެވެ. އަދި ޖަލުގައޮތުން މާރަނގަޅުވާނެ ކަމަށެވެ. "އެއިރުން ސަރުކާރުން ކާންދޭނެ. ނިދާނެ ތަންވެސް ދައްކާނެ. މިނިވަން ވެއްޖިއްޔާ އަނެއްކާ ޖެހޭނީ އެތައް ބައިވަރުކަންތައްތަކެއް. އުޅޭނެ ތަނެއްވެސް ދެން ޖެހޭނީ ކުއްޔަށް ހިފަން." ކަމަޥެސް ބުނެފައި ފޯނު ބޭއްވީއެވެ.  

އެގޮތަށް ވާހަކަ ދެއްކުނީތީ ފަހުން ކުޑަކޮށް ދެރަވެސްވިއެވެ. އެގޮތަށް ވާހަކަދެއްކުނީ ހަމަ ރުޅިގަދަވިވަރުންނެވެ. އަޅުގަނޑުގެ ސިފައަށް ކުރި މަލާމާތަށް މައްސަލައެއް ނެތެވެ. ނަމަވެސް އަޅުގަނޑާއި ކައިވެނިކުރާނެ މީހަކު ނުވާނެކަމަށް ބުނެ ކުރި ފުރައްސާރަ ދުވަހަކުވެސް ހިތަކުން ނުފިލާނެއެވެ. އަޅުގަނޑުގެ ހިތަކު އޭނާއަށް އެއްވެސް ޝަކުވާއެއް ނެތެވެ. އެހާލުގައި ޖެހުމުން މާފުވެސް ކޮށްފީމެވެ.

މިއަދުނޫހުގެ ކިޔުންތެރިން ގާތު ބުނެލަން ބޭނުންވަނީ ދެއިރު ކިޔަންޖެހޭ ޛިކުރު ކިޔާނަމަ ރައްކައުތެރިކަން ދެއްވަވާނެއެވެ. ކޮންމެ ކަމަކުންވެސް ރައްކައުތެރިކަން ދެއްވަވާނެއެވެ. އަޅުގަނޑަކީ އުމުރުން 20 ވަރަކަށް އަހަރުން ފެށިގެން ކޮންމެ ދުވަހަކުވެސް (ވަރަށް މަދު ދުވަހަކު ނޫނީ) ގަދަވެ ސަލާމަތުން ހުރިނަމަ ޛިކުރުކުރަމުން އަންނަ އަންހެނަކީމެވެ.  

އެއިގެ 2 އަހަރުކުރިން އަޅުގަނޑުގެ އެފިރިމީހާ އަޅުގަނޑު ވަރިކޮށްފައި އެއްލައި ނުލާ އިންނަމަ އެދުވަހު އަޅުގަނޑުގެ ޙާލަކީ ކޮބައިތޯއެވެ؟ ގެ ވިއްކާލީމާ ޖެހޭނީ މަގުމަތީގައި ރޯން އިންނަން ނޫންތޯއެވެ؟ އަދި އެފަދަ ޙާލަތެއްގައި އެހައި ނުބައި ފިރިން އަނބިމީހާ ވަރިވެސް ނުކުރާނެއެވެ. ބަލާނީ ހަށިވިއްކުވައިގެންވެސް އެމީހުންގެ ބޭނުންތައް ފުއްދުވޭތޯއެވެ. މިއީ ބުނި ޖޯކްވާހަކައެއް ނޫނެވެ. އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ 4 އަންހެނަކަށް ވަނީ އެޙާލަތު މިހާރުވެސް ކުރިމަތިވެފައެވެ. އުޅެނީ ސަލާމަތްނުވެވިގެންނެވެ. ބްލެކްމޭލްކޮށްގެން ހިފަހައްޓާތީއެވެ.    

- ނަފީސާ ސަލީމް / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން