ޢާއިޝަތު ރަފާޙް ޢަލީ
ޔާ ﷲ! އަޅަމެންގެ ހިތްތައް އިބަރަސްކަލާނގެއަށް ކިޔަމަންގަތުމުގެ މައްޗަށް އަނބުރާލައްވަވާނދޭވެ!
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، މި ދުޢާއިން އަޅުގަނޑުމެންނަށް ދޭހަކޮށްދެނީ ވަރަށް މުހިންމު ކަމެކެވެ. ތިބާ ﷲ ސުބްހާނަހޫ ވަތަޢާލާ ގެ ހަޟްރަތުން ސާބިތުކަމަށް އެދޭއިރު، އެ އެދެވެނީ އިސްލާމްދީނުގެ ތެދުމަގުގައި ލެހެއްޓެވުމަށާއި އިސްލާމްދީނާ ފުށުއަރާ ކަންކަމުން ސަލާމަތްކޮށްދެއްވުމަށެވެ. އަދި މި ދެވަނަ ދުޢާގައި ތިބާ އެދެނީ، ﷲ ﷻ ރުހިވޮޑިގަންނަވާ ހެޔޮ ޢަމަލުތަކާ ދިމާލަށް ތިބާގެ ހިތް ސީދާކޮށްދެއްވުމަށެވެ.
ކީރިތި ރަސޫލާ ﷺ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވަނީ ހަށިގަނޑުގައި މަސްކޮޅެއްވާ ކަމަށެވެ. އެ މަސްކޮޅު އިޞްލާޙުވެއްޖެނަމަ މުޅި ހަށިގަނޑު އިޞްލާޙުވެދެއެވެ. އަދި އެ މަސްކޮޅު ފާސިދުވެއްޖެނަމަ މުޅި ހަށިގަނޑު ފާސިދުވެދެއެވެ. އެކަލޭގެފާނު ހަދީޘްކުރެއްވީ އެއީ "ހިތް" ކަމުގައެވެ. ވީއިރު، ތިބާ ދުޢާކުރާއިރު ތިބާގެ ހިތް ބަލިކަށިވެފައިވާނަމަ، ތިބާއަށް ފައިދާއެއް ކުރާނީ ހިތް އިޞްލާޙުކުރުމަށް ކުރާ ދުޢާ ނޫން އެހެން ކޮން ދުޢާއަކުން ހެއްޔެވެ؟
ހިތުގެ މިސާލަކީ ވައިރޯޅިއަކަށް ބަދަލުވަމުންދާ ލުއި ފަތެއްގެ މިސާލެވެ. އެ ފަތް މިކޮޅަށާއި އެކޮޅަށް އެނބުރި އެނބުރި ހުރެއެވެ. މީގެ މާނައަކީ ކޮބައި ހެއްޔެވެ؟ ތިބާގެ ހިތުގެ ވަށައިގެންވަނީ ރަނގަޅު މާޙައުލެއް (ރަނގަޅު ވައިރޯޅިއެއް) ކަން ކަށަވަރުކުރަންޖެހެއެވެ. އަދި ހުރިހާ ހިތްތަކެއް މިލްކުވެގެންވާ ﷲ ގެ ހަޟްރަތުގައި، ތިބާގެ ހިތް މި ތެދުމަގުގައި ސާބިތުކޮށްދެއްވުމަށް އެދި އަބަދުމެ ދަންނަވަންޖެހެއެވެ.
ހިތް ސާބިތުކުރުމުގެ އެންމެ ކާމިޔާބު މަގު:
އެއްބަޔަކު އަނެކަކަށް ތެދުމަގު ލިބުމަށް އެދޭ މީހަކަށްވުމަކީ، ތިމާގެ އަމިއްލަ ހިތް ތެދުމަގުގައި ސާބިތުވުމަށް އޮތް އެންމެ ރަނގަޅު މަގުކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އަޅުގަނޑުމެންގެ މާތް ރަސޫލާ ﷺ އަކީ އަބަދުވެސް އެހެން މީހުންނަށް ތެދުމަގު ދެއްވުމަށް އެދި ދުޢާކުރެއްވި ބޭކަލެކެވެ.
ޠުފައިލް އެކަލޭގެފާނުގެ ޤައުމުގެ މީހުން (ދައުސް ވަތަނުގެ މީހުން) ދެކެ ކަންބޮޑުވެގެން ރަސޫލާ ﷺ ގެ އަރިހަށް ވަޑައިގެން، އެމީހުންގެ މައްޗަށް ބަދުދުޢާކޮށްދެއްވުމަށް އެދުނު ހަނދާން އައުކޮށްލައްވާށެވެ. އެހިނދު ރަސޫލާ ﷺ ހަދީޘްކުރެއްވިއެވެ:
"اللَّهُمَّ اهْدِ دَوْسًا وَأْتِ بِهِمْ"
(އޭ ﷲ! ދައުސް ވަތަނުގެ މީހުންނަށް ތެދުމަގު ދައްކަވާނދޭވެ! އަދި އެމީހުން ތިމަންކަލޭގެފާނުގެ އަރިހަށް ގެންނަވާނދޭވެ!)
ވިސްނާލަބަލާށެވެ. ތިބާ ލޯބިވާ މީހަކަށް، ތިބާގެ ދަރިންނަށް ނުވަތަ ޢާއިލާގެ މީހަކަށް ތެދުމަގު އެދި ދުޢާކުރާ ވަގުތު، ތިބާގެ ކައިރީގައި މަލާއިކަތަކު ހުންނަވައެވެ. އަދި ވިދާޅުވެއެވެ: "އާމީން، އަދި ތިބާއަށްވެސް އެފަދައިންލައްވާށިއެވެ!" އެހެން މީހުންނަށް ތެދުމަގު ލިބުމަށް އެދޭ އެދުމަކީ، ތެދުމަގަށް ތިބާގެ ހިތުގައި އޮތް މާތްކަމާއި ކަންބޮޑުވުމުގެ ސަބަބުން އުފެދޭ ކަމެކެވެ. އެހެން މީހުންނަށް ހަމްދަރުދީވެ، އާޚިރަތުގެ ޢަޛާބުން އެމީހުން ސަލާމަތްވުމަށް އެދޭ އެދުމަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާ ތިބާގެ ހިތް މި ތެދުމަގުގައި ސާބިތުކޮށްދެއްވާ ސަބަބު ކަމުގައި ވެދާނެއެވެ.
ﷲ ތަޢާލާ އަޅުގަނޑުމެންގެ ހިތްތައް އެކި ގޮތްގޮތުން ގުޅުވައިދެއްވާ ފަދައިން، އަޅުގަނޑުމެންގެ މެދުގައިވާ ގުޅުން ވަރުގަދަކުރުމަށް އޮތް އެންމެ ރަނގަޅު މަގަކީ، އެންމެންގެ ހިތްތަކަށް ﷲ ތެދުމަގު ދެއްވުމަށް އެދި ދުޢާކުރުމެވެ. އޭރުން އަޅުގަނޑުމެންގެ ހިތްތައް އެކަލާނގެއާ ދިމާލަށް ސީދާވެ، އެކަކު އަނެކަކަށް ހިތްތައް ލެނބިގެންދާނެއެވެ.
އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހު، އަޅަމެންގެ ހިތްތައް އެއްކިބާ ނުކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ ހަޟްރަތުން އަޅަމެންނަށް ރަޙްމަތް މިންވަރުކުރައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ދެއްވާ އިލާހެވެ.
- ޑރ. ޢުމަރު ސުލައިމާންގެ ދަރުސަކުން