މާލޭގައި މިހާރު ހުރި މަސްމާރުކޭޓުގެ ބަދަލުގައި، ޒަމާނީ ވަސީލަތްތަކާއެކު އައު އިމާރާތެއް އެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މާލޭ ސިޓީ ކައުންސިލުން ހުރަސްއަޅަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ މި އެޕިސޯޑުގައި، "މިހާރު" ނޫހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އައު މާރުކޭޓު އެޅުމަށް ބޭނުންވާ ފައިސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ހަމަޖައްސައި، މަސައްކަތް ކުރާނެ ފަރާތެއް ހޯދާފައިވާތާ މިހާރު ހަތަރު މަސް ދުވަސް ވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި މަޝްރޫޢު ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކުން ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ނިމިފައެވެ. ނަމަވެސް، މާލޭ ސިޓީ ކައުންސިލުން އެއްބާރުލުން ނުދިނުމުގެ ސަބަބުން އަމަލީ މަސައްކަތް ކުރިއަށް ނުގެންދެވި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިހާރު ދަންނަވަންޏާ ގާތްގަނޑަކަށް ހަތަރު މަސް ދުވަސް މިދިޔައީ އެއްވެސް މަސައްކަތެއް ނުކުރެވި. ސަރުކާރުން ކަމާބެހޭ މިނިސްޓްރީން އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދާ، ބޭންކް އޮފް މޯލްޑިވްސްއިން އެރޭންޖްމެންޓެއް ހަދާ، މި ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް، ފައިސާ ހަމަޖެހި، މި ތައްޔާރަށް ކުންފުނި އޮތީ، މިނިސްޓްރީ އޮތީ، ހުރިހާ ކަމެއް އޮތީ ތައްޔާރުވެފައި،" ރައީސް ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ހުރަސްތަކެއް ކުރިމަތިކުރުވި ނަމަވެސް، އެކަމަށް ހައްލެއް ހޯއްދަވައިގެން މަޝްރޫޢު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ބިނާކުރާ އައު އިމާރާތަކީ ހަމައެކަނި މަސްމާރުކޭޓެއް ނޫން ކަމަށާއި، އެއީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ޚިދުމަތްތައް ވެސް ހިމެނޭނެ "މިކްސްޑް މާކެޓް" އެއް ކަމަށް ރައީސް ވިދާޅުވިއެވެ. މި މާރުކޭޓު ފަރުމާކޮށްފައިވަނީ ތަރުކާރީ އާއި މޭވާ ވިއްކުމުގެ އިތުރުން، އެންމެ ޒަމާނީ 'ސްޓޭޓް އޮފް ދި އާޓް' ފެންވަރުގެ ވަސީލަތްތަކާއެކު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.