ރ. މާކުރަތުގެ ކުޑަކުދިންތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދުނު ފަދައިން، އެ ރަށުގައި ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ދަނޑަކީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މާކުރަތަށް ވަޑައިގަތުމުން އެ ރަށުގެ ކުޑަކުދިންތަކެއް އެމަނިކުފާނާ ވަކިން ބައްދަލުކޮށް އެދުނު އެދުމަކަށް ބިނާކޮށް ބިނާކުރި ދަނޑެކެވެ. އެ ކުދިން އެ ދުވަހު ރައީސްގެ އަރިހުގައި އެދުނީ އެ ރަށުގެ ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭނެ ފުޓްސަލް ދަނޑެއް އަޅައިދިނުމަށެވެ.
ކުޑަކުދިންގެ މި އެދުމާއެކު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް އަވަސްކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއަށް ވަގުތުން އިރުޝާދު ދެއްވާފައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ކުރީކޮޅު ވަނީ ނިންމާލާފައެވެ. ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި މި ވަޢުދުފުޅު ފުއްދަވައި، މާކުރަތުގެ ކުދިން އެދުނު ގޮތަށް މި ދަނޑު އިއްޔެ ވަނީ ރަސްމީކޮށް ހުޅުވާފައެވެ.
މާކުރަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން މި ދަނޑު ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު އެވެ. މި ދަނޑު ހުޅުވުމާއެކު، މާކުރަތުގެ ކުޑަކުދިންނާއި ޒުވާނުންނަށް ވަނީ ކުޅިވަރުގެ ފުރުޞަތުތައް ފަހިވެ، ރައީސްގެ ވަޢުދުފުޅު އަކުރުން އަކުރަށް ފުދިގެން ގޮސްފައެވެ.