ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތައް، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިފްތިތާޙްކުރުމަށް ތައްޔާރުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މާލެ ސަރަޙައްދުން ބޭރުން ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުތައް ފެށުމަށް މިހާރު ކުރަންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވި ގޮތުގައި މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ މައިގަނޑު ދެ މޮޑެލްއަކަށެވެ. އެއީ:
އެފޯޑަބަލް ހައުސިންގ: ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ ގޮތަށް ތަރައްޤީކުރާ މަޝްރޫޢުތައް. ގެދޮރު ބިނާކުރުމުގެ ސްކީމް: މާލީ އިދާރާތަކުގެ ފައިނޭންސިންގއަށް ކުރިމަތިލެވޭނެ ނިޒާމެއް ޤާއިމުކޮށް، އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް އެހީތެރިވެދޭ ސްކީމްތައް.
ނާޒިމް ވިދާޅުވީ މި ދެ މޮޑެލްގެ ސަބަބުން ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ބޭނުންވާ ފެންވަރުގެ ހައުސިންގއަކަށް ކުރިމަތިލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
"މި ދެ މަޝްރޫޢަކީ މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ރަށްރަށުގައި ކުރިއަށްގެންދިޔުމަށް ރާވާފައިވާ މަޝްރޫޢުތަކަކީ. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ދެ މަޝްރޫޢު އަޅުގަނޑުމެނަށް އިފްތިތާޙްކުރެވިގެންދާނެ،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކުގެ އެއް މައިގަނޑު މަޤްޞަދަކީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް، އެމީހުން މަސައްކަތްކުރާ ސަރަޙައްދާ ގާތް ރަށްރަށުގައި ޢާއިލާއާއެކު ދިރިއުޅެވޭނެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.
މީގެ އިތުރުން، މާލެ ސަރަޙައްދަށް ބަރޯސާވުން ކުޑަކޮށް، ރަށްރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަކީވެސް ސަރުކާރުގެ އަމާޒެކެވެ. މިގޮތުން ސަރުކާރުން ކަނޑައަޅާފައިވާ އަރބަން ސެންޓަރުތަކަށް ރައްޔިތުން ބަދަލުވުމަށް ބޭނުންވާ ބޯހިޔާވަހިކަމުގެ ފުރުސަތުތައްވެސް މި މަޝްރޫޢުތަކުގެ ތެރެއިން ފަހިވެގެންދާނެ ކަމަށް ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ ވަޢުދުތައް ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.