ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން އިންތިޒާމު ކޮށްގެން ބޭއްވި މުޅި ރާއްޖެއަށް ހުޅުވާލި ފަރުމަސް ބޭނުމުގެ މުބާރާތުގެ އެއްވަނަ ބ. ތުޅާދޫ "ދޮން އިސްމާޢީލް" ޓީމުން ހޯދައިފިއެވެ.
ކަނޑުތަކުގެ މުހިންމުކަމާއި، މަސްވެރިކަމުގެ ދާއިރާއަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 109 ޓީމަކުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ގްރޭޓަރ މާލެ ސަރަހައްދުން ވާދަކުރި 18 ޓީމެއްވެސް ހިމެނެއެވެ.
މުބާރާތުގެ ވަނަތަކަށް ހޮވުނު ޓީމުތަކަށް އިނާމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މުޅި ރާއްޖެއިން އެއްވަނަ ހޯދި ބ. ތުޅާދޫ "ދޮން އިސްމާޢީލް" ޓީމަށް ވަނީ 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މުބާރާތުގެ ދެވަނަ 25,000 ރުފިޔާގެ އިނާމާއެކު ޏ. ފުވައްމުލަކު "މެޖިކްލީން" ޓީމު ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ 20,000 ރުފިޔާގެ އިނާމާއެކު ތ. ހިރިލަންދޫ "ކަޅަކައުންޑު" ޓީމެވެ.
މުޅި މުބާރާތުން "އެންމެ ބަރު މަސް" ބޭނުމުގެ ޝަރަފު ހޯދީ އެއްވަނަ ހޯދި "ދޮން އިސްމާޢީލް" ޓީމުގެ މުހައްމަދު ހާބީބް ރިޔާޒްއެވެ. އޭނާ ބާނާފައިވަނީ 50.65 ކިލޯގެ މަހެކެވެ. މި ކާމިޔާބީއާއެކު އޭނާއަށް ވަނީ 5,000 ރުފިޔާގެ އިނާމެއް ދީފައެވެ.
މީގެ އިތުރުން، މާލެ ސަރަހައްދުން ވާދަކުރި ޓީމުތަކުގެ ތެރެއިން ވަނަތައް ހޯދި ފަރާތްތަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ވަނީ ފައިސާގެ އިނާމު ދީފައެވެ. އެގޮތުން މާލެ ސަރަހައްދުން އެއްވަނަ "ޗިލް ބްރޯޒް" (15,000 ރުފިޔާ)، ދެވަނަ "އެންޒީ މޯލްޑިވްސް" (10,000 ރުފިޔާ) އަދި ތިންވަނަ "ސިލްވަރ ގްރަންޓަރ" (5,000 ރުފިޔާ) ހޯދާފައިވެއެވެ. މާލެ ސަރަހައްދުން އެންމެ ބަރު މަސް ބޭނި މަސްވެރިއަކީ "އޭވިއަން" ޓީމުގެ ކިޔާން އަލްވީއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މިފަދަ މުބާރާތްތަކުގެ ސަބަބުން މަސްވެރިކަމަށް އޮންނަ ޝައުގުވެރިކަން އިތުރުވެ، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ މުހިންމުކަން އާންމުންނަށް ބޮޑަށް ހާމަވެގެންދާ ކަމަށެވެ.