މަސް ފިނިކޮށް ރައްކާކުރެވޭ މިންވަރު 25,000 ޓަނަށް އިތުރުކުރުމަށް ސަރުކާރުން އަމާޒު ހިފައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
މަސް ފިނިކޮށް ރައްކާކުރެވޭ މިންވަރު 25,000 ޓަނަށް އިތުރުކުރުމަށް ސަރުކާރުން އަމާޒު ހިފައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި މަސް ފިނިކޮށް ރައްކާކުރެވޭ މިންވަރު ނުވަތަ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 25,000 ޓަނަށް އިތުރުކުރުމަށް ސަރުކާރުން ބޮޑު އަމާޒެއް ހިފާފައިވާކަން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރ މުއްޠަލިބް ވިދާޅުވީ، ރާއްޖޭގައި މިހާރު ހުރީ 9,500 ޓަނުގެ މަސް ރައްކާކުރެވޭނެ ކެޕޭސިޓީއެއް ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މި މިންވަރު އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޯލްޑް ސްޓޯރޭޖްތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރުގަނޑެއްގައި ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތުން ފެލިވަރު، ކޫއްޑޫ، ގދ. ތިނަދޫ، މ. މުލަކު، ގދ. ފިޔޯރީ، ފ. ނިލަންދޫ އަދި ށ. ފުނައްޑޫގައި ކޯލްޑް ސްޓޯރޭޖްތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުތައް 2027 ވަނަ އަހަރުގެ ނިޔަލަށް ނިމި ބޭނުންކުރަން ފެށޭނެއެވެ. މިއާއެކު، ގިނަ ދުވަހު މަސް ރައްކާކޮށްގެން ބޭރުގެ ބާޒާރުތަކުގައި ވާދަވެރި އަގުތަކެއްގައި މަސް ވިއްކުމުގެ ފުރުޞަތު ރާއްޖެއަށް ފަހިވެގެންދާނެއެވެ. މީގެ ސަބަބުން މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ނަފާ ސީދާ މަސްވެރިންނަށް އެންމެ އެދެވޭ ގޮތެއްގައި ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބަދަލަކީ މަސްވެރިކަމުގެ ސިނާޢަތަށް އަންނާނެ އެންމެ ބޮޑު އެއް ކުރިއެރުން ކަމަށް ވުޒާރާއިން ދެކެއެވެ. ސަރުކާރުގެ މި އަމާޒަކީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށާއި، މަސް ކިރުވުމުގައި ހުރި ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން