ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ ކުންފުނިން ފަށާފައިވާ މުވައްޒަފުން މަދުކުރުމުގެ ޕްރޮގްރާމްގެ ދަށުން، މާލީ އިނާޔަތްތަކާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމަށް 97 މުވައްޒަފަކު ހުށަހަޅާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ކުންފުނީގެ ޚަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް ފެނަކައިން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، ހަތަރު މަހުގެ މުސާރައާ އެއްވަރުގެ އިނާޔަތަކާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ފެނަކައިގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، މި ފުރުސަތަށް މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، މިހާރު ކުރިއަށްދަނީ އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އިދާރީ މަރުހަލާތަކެވެ.
މިކަމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވީ، މިއީ ރައްޔިތުންނަށް ދޭ ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ކުންފުނީގެ ވަސީލަތްތައް ހަމަހަމަކޮށް ބޭނުންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ޕްރޮގްރާމަށް މުވައްޒަފުންގެ ފުރިހަމަ ތާއީދު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ރިޑަންޑަންސީގެ މައިގަނޑު ބޭނުމަކީ މަސައްކަތްތައް ހަރުދަނާކުރުން. އެއްބަޔަކު ބުރަ މަސައްކަތް ކުރާ އިރު އަނެއް ބަޔަކު ކާޑު ޖަހާފައި ގެއަށް ދިއުމަކީ ފެއާ ގޮތެއް ނޫން،" އެމްޑީ އަފީފު ވިދާޅުވިއެވެ.
ފެނަކައިން ބުނެފައިވާ ގޮތުގައި، ބައެއް ރަށްރަށުގައި ކުރާނެ އަމަލީ މަސައްކަތެއް ނެތް ނަމަވެސް ބޭނުންވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ތިބިކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، މި ބަދަލަކީ ކުންފުނީގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މަގުފަހިވެގެންދާނެ ބަދަލެއް ކަމަށް އެ ކުންފުނިން ދެކެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ފެނަކައަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.