ޢިބްރަތްތެރި ވާހަކަ: ﷲ އަށް ބިރުވެތިވެ ޢިއްފަތްތެރިކަން ހިފެހެއްޓުމުން ތަނަވަސް ފިރިއަކު ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ޢިބްރަތްތެރި ވާހަކަ: ﷲ އަށް ބިރުވެތިވެ ޢިއްފަތްތެރިކަން ހިފެހެއްޓުމުން ތަނަވަސް ފިރިއަކު ލިބުނު އަންހެނެއްގެ ވާހަކަ-

އެގޭގައި އުޅެނީ ދެމައިންނެވެ. އިތުރަށް އުޅެނީ ޚާދިމާއަކަށް ގޭގައި ގެންގުޅޭ އަނަހެން ކުއްޖެކެވެ. އެއީ ތަނަވަސް ދެމައިންނެވެ. އެދެމައިންނަށް ލިބިފައިވާ ތަނަވަސްކަމުގެ ބޭނުން ހިފަނީ އެންމެ ހެޔޮ ގޮތުގައެވެ. ތަނަވަސް ނަމަވެސް ދިރިއުޅެނީ އެންމެ ރަނގަޅު ގޮތުގައެވެ. ރިވެތި އަޚްލާޤުގެ މަތީގައެވެ.  

ޢުމުރުން 50 އަހަރުގައި މަންމަ ނިޔާވިއިރު ދަރިފުޅުގެ ޢުމުރަކީ 30 އަހަރެވެ. މަންމަ ނިޔާވުމުން ދެމީހުންނަށް އެކަނި ގޭގައި އުޅެންޖެހުމުން ޒުވާނާ ޚާދިމާއަށް ކަޅިއަޅަންފެށިއެވެ. ގާތްކުރަން މަސައްކަތްފެށިއެވެ. ނަމަވެސް އޭނާގެ ބަހަކީ ވަޒިފާ ގެއްލުނަސް ލޯބީގެ ގުޅުން ނުހިންގާނެ ކަމެވެ. ޢިއްފަތްތެރިކަން ނަގައިނުލާނެ ކަމެވެ. ޒުވާނާ އޭނާގެ ނިންމުމަށް އިޙްތިރާމް ކުރިއެވެ.  

ޒުވާނާ ލޯބިވެރިއަކު ހޯދިއެވެ. ނަމަވެސް ލޯބިވެވުމާއިއެކު ހުރަހަކާއި ނުލައި (ދުރުމިނެއް ނެތި) ގުޅުން ހިންގަން މަސައްކަތްކުރުމުން އެއީ ރަނގަޅު އަންހެނަކު ނޫންކަން އެނގުމުން ވަކިވީއެވެ. ދެވަނައަށް ގުޅުނު ލޯބިވެރިޔާއާއި ގުޅުނުތަނުން ފައިސާއަށް އެދެން ފެށުމުން އެއީވެސް ރަނގަޅު އަންހެނަކު ނޫންކަން ވިސްނި ވަކިވީއެވެ. މިހުރިހާ ކަމެއްވެސް ޚާދިމާއަށް އެނގެއެވެ. ނަމަވެސް އެނގޭކަމަށްވެސް ނުހަދައި ހުރީއެވެ.  

އެއްރެއަކު ޒުވާނާއަށް ކާންހަދައިދިނުމުން އެދުނީ ކުރިމަތީގައި އިށީނުމަށެވެ. އިށީނުމުން ޒުވާނާ ވާހަކަދައްކަން ފެށިއެވެ. "މަންމަ އެންމެ ގިނައިން ވަޞިއްޔަތްކުރި އެއްކަމަކީ ރަނގަޅަށް ވިސްނުމަށްފަހުގައި ނޫނީ ކައިވެނި ނުކުރުމެވެ. އަހުރެންނަށް އަންތބަކު ބޭނުންވެއެވެ. އެހެންވެ ދެއަންހެނަކާއި ގުޅެން މަސައްކަތްކޮށްފީމެވެ. އެކަމަކު ނަތީޖާ ސުމެކެވެ. އެހެންވެ ތިބާއާއި ކައިވެނިކުރަން ނިންމައިފީމެވެ. ތިއައީ މިހާރުވެސް އުޚުތެއް ފަދަ އަންހެނެކެވެ. ޢިޝްޤީ ލޯބި ނޫން ހުރިހާ ލޯތްބެއް ތިބާގެ މައްޗަށް އަބަދުވެސް އޮތެވެ. ތިބާގެ ރިވެތި އަޚްލާޤުގެ ސަބަބުން ޢިޝްޤީ ލޯބިވެސް އުފެދިއްޖެއެވެ. އަހުރެންނާއި ކައިވެނިކުރަން އެއްބަސްވާށެވެ!"  

ޚާދިމާގެ ޖަވާބަކީ ނޯކަރަކަސް އޮންނަނީ ހިތެކެވެ. ތިއަ ހުރިހާ ޖަޒުބާތުތަކެއް މިހިތުގައިވެސް ހިނގައެވެ. އަހުރެންގެ ނިކަމެތިކަން ޤަބޫލުކޮށްގެން ﷲ އަށްޓަކައި ކައިވެނިކުރާނަމަ މިހުރީ ރުހިގެންނެވެ."  

ޒުވާނާ، ރަށުގައި ތިބި ޚާދިމާގެ މައިންބަފައިންނާ ޢާއިލާގެ އެންމެން މާލެ ގެނެސް ކައިވެނިކުރީއެވެ. އެންމެ ބޮޑަށް ފާހަގަކުރަންޖެހޭ ކަމަކީ ކައިވެނިކުރަން ނިންމުމަށްފަހުގައިވެސް، ދެމޙުން އެކަނި އެއްގޭގައި އުޅުނިއިރުވެސް ކައިވެނީގެ ކުރިން ގައިގައި ބީހިވެސް ނުލާކަމެވެ.  

އެކައިވެންޏަށް މިހާރު 20 އަހަރުވެއްޖެއެވެ. އުފާވެރިކަން ހަމަ ފުރަތަމަ ދުވަސްފަދައެވެ. ނާޝާ ﷲ

 

- ޒުލްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން