އަލީ އިހްސާން ފިރާގް
އިސްލާމީ ފުތޫޙާތުގެ ދާއިރާ ފުޅާކުރުމަށްޓަކައި ކުރެވުނު ހަނގުރާމަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ހަނގުރާމައަކީ ޤާދިސިއްޔާ ހަނގުރާމައެވެ. އޭރުގެ ވަރުގަދަ ފާރިސީ ރަސްކަން ނުވަތަ ފާރިސީ އެމްޕަޔަރ ވެއްޓިގެން ދިޔައީ މިހަނގުރާމައިގެ ސަބަބުންނެވެ. މިހަނގުރާމައިގެ ސަބަބުން ޢިރާޤާއި ޚުރާސާނާއި ތުރުކިސްތާނު ފަތަޙަ ކުރަން މުސްލިމުންނަށް ފަސޭހަވެގެންދިޔައެވެ. އެކަމުގެ ދޮރުތައް ހުޅުވި މަގުތައް ފަސޭހަވެގެން ދިޔައެވެ. އިސްލާމީ ތާރީޚުގެ ފަތްފުއްތަކުގައި ރަން އަކުރުން ލިޔެވިފައިވާ މި ހަނގުރާމަ ހިނގީ ދެވަނަ ޚަލީފާ ޢުމަރު ބްނުލް ޚައްޠާބު ރަޟިޔަ ﷲ ޢަންހުގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. ހިޖްރައިން 15 ވަނަ އަހަރުގެ ޝަޢުބާންމަހުގެ ތެރޭގައެވެ. މީލާދީ ސަނަތުން 636 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ޚުލަފާއުއް ރާޝިދޫންގެ ދައުރަކީ މުސްލިމު މުޖާހިދުން އިސްލާމީ ފުތޫޙާތު ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވި ދުވަސްވަރެކެވެ. އިސްލާމީ ލަޝްކަރު ގެންދިޔައީ ތަންތަން ފަތަޙަކޮށް އެތަންތަނުގައި އިސްލާމްދީން ފަތުރުއްވަމުންނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ނުބުއްވަތުގެ ޙަޤީޤަތް ހާމަކުރައްވަމުންނެވެ. އިސްލާމްދީން ކުރިއަރައި ފާޅުކަން ބޮޑުގޮތެއްގައި ފެތުރޭނެކަމުގައި ޙަދީޘް ކުރެއްވި ބަސްފުޅުގެ ތެދުކަން ހާމަކޮށްދެއްވަމުންނެވެ. އަރަހުށި الله ގެ ކުޅަދުންވަންތަކަމާއި އިނާޔަތްތެރިކަމުގެ ބޮޑުކަމެވެ. އިސްލާމީ ލަޝްކަރު ކުރިއަށް ދިޔަ ކޮންމެ ދިމާލަކުން އެބޭކަލުންނަށް ނަޞްރާއި ފަތަޙަ މިންވަރު ކުރެއްވިއެވެ.
ޢުމަރު ބްނުލް ޚައްޠާބު ރަޟިޔަ ﷲ ޢަންހުގެ ޚިލާފަތުގެ ދުވަސް ތަކެއް ކުރިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ގެ ޒަމާނުގައި އެކަލޭގެފާނު އޭރުގެ ރަސްރަސްކަލުންނަށް ފަތްކޮޅުތަކެއް ފޮނުއްވިއެވެ. އެ ރަސްރަސްކަލުންނަށް އިސްލާމްދީނުގެ ދައުވަތު ދެއްވުމަށްޓަކައެވެ. އެގޮތުން ފާރިސްކަރައިގެ ރަސްގެފާނު ކިސްރާއަށްވެސް ފަތްކޮޅެއް ލިޔުއްވައިފައި ފޮނުއްވިއެވެ. މި ފަތްކޮޅު ކިޔުމަށްފަހު ކިސްރާއަށް ކުރީ މާ ރީތި އަސަރުތަކެއް ނޫނެވެ. އޭނާ ގާތަށް ރުޅިއައިސް ރަތްވެގެން ރަސޫލާ صلّى اللّـه عليه وسلّم ސިޓީފުޅު ވީދާ ކުދިކުދިކޮށްލިއެވެ. މި ޚަބަރު ރަސޫލާ صلّى اللّـه عليه وسلّم އަށް ލިބިވަޑައިގަތުމުން ޙަދީޘް ކުރެއްވިއެވެ.
[އޭނާ ހިތުން އޭނާ އެ ވީދައިލީ އަހަރެންގެ ސިޓީއެވެ. ނަމަވެސް އޭނާ އެ ވީދާ ކުދިކުދިކޮށްލީ އޭނާގެ ރަސްކަމެވެ.]
އަދިއްޔު ބިން ޙާތިމު ރަޟިޔަ ﷲ ޢަންހަކީ ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިސް ޞަޙާބީއެކެވެ. މާތް ރަސޫލާ އެއްފަހަރަކު އަދިއްޔު ބިން ޙާތިމުއަށް ވިދާޅުވިއެވެ. [ކަލޭގެފާނު އުމުރުފުޅު ދަންމަވައިފިއްޔާ މުސްލިމުން ފާރިސްކަރަ ފަތަޙަކޮށް ކިސްރާގެ ޚަޒާނާތައް މިލްކުކޮށްގެން އުޅޭ މަންޒަރު ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ.]
ކިސްރާއަކީ ޢަރަބިން އާއްމުކޮށް ފާރިސްކަރަޔާއި އީރާނުގެ ރަސްރަސްކަލުންނަށް ދީއުޅޭ ނަމެކެވެ. ވަކި ރަސްކަލަކަށް ކިޔޭ ޚާއްޞަ ނަމެއް ނޫނެވެ. (ނުނިމޭ)