ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިއްޖެ

ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް އާމްދަނީ ލިބިފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި، ދަޢުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި އާންމުކުރި މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައެވެ.

މާލީ ވުޒާރާއިން މިއަހަރަށް ހުށަހެޅި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 373.6 މިލިޔަން ރުފިޔާއެވެ. ނަމަވެސް، ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާގޮތުގައި މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި 393.6 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އަންދާޒާކުރި އަދަދަށްވުރެ 5.3 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ލިބުނު ހިލޭ އެހީގެ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 128.7 މިލިޔަން ރުފިޔާއެވެ.

މިއަހަރުގެ ބަޖެޓުގައި ޓެކްސް އާމްދަނީއާއި، ޓެކްސް ނޫން އާމްދަނީ އަދި ހިލޭ އެހީ ހިމެނޭހެން ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 40.3 ބިލިޔަން ރުފިޔާއެވެ. މާލީ ވުޒާރާއިން އަންނަނީ ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ތަފާސްހިސާބުތައް ގަވާއިދުން އާންމުކުރަމުންނެވެ.

މިއަދު އޮންލައިން