ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއީ އެ ރަށާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ޕާސްޕޯޓުގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތެކެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ބ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށްޓަކައި "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި އޭދަފުށީގެ އިތުރުން ދަރަވަންދޫ ވެސް މިހާރު ޚިޔާރުކުރެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
މި ޚިދުމަތް ދަރަވަންދޫގައި ފެށުމާއެކު، ބ. އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ޕާސްޕޯޓު ނެގުމަށްޓަކައި ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މިއީ ސަރުކާރުން ޚިދުމަތްތައް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު ފިޔަވަޅެކެވެ.