ޞިއްޙީ ދާއިރާގައި ފަންނީ މީހުން މަދު 3 ދާއިރާއަކަށް ޚާއްސަކޮށްގެން އެމްއެންޔޫއިން އައު 3 ޑިގްރީ ކޯސްތަކެއް ތަޢާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ
ޞިއްޙީ ދާއިރާގައި ފަންނީ މީހުން މަދު 3 ދާއިރާއަކަށް ޚާއްސަކޮށްގެން އެމްއެންޔޫއިން އައު 3 ޑިގްރީ ކޯސްތަކެއް ތަޢާރަފުކޮށްފި

ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގައި ފަންނީ މީހުން ބޭނުންވެފައިވާ މުހިއްމު ތިން ދާއިރާއަކުން މީހުން ބިނާކުރުމަށްޓަކައި، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން މުޅިން އައު ތިން ޑިގްރީ ކޯހެއް މިއަދު ތަޢާރަފުކޮށްފިއެވެ. މި ކޯސްތައް ތަޢާރަފުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު އެ ޔުނިވަރސިޓީގައެވެ.

މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒުގެ އިތުރުން ފެކަލްޓީ އޮފް ހެލްތު އެންޑް ސައިންސަސްގެ ޑީން ޑރ. އާއިޝަތު ޝަރޫނާއާއި، އެމްއެންޔޫގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ކޯސްތަކަކީ ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްގެ ގޮތުގައި ޔުނިވަރސިޓީން ފާހަގަކުރެއެވެ.

އެމްއެންޔޫއިން އަލަށް ތަޢާރަފުކުރި ތިން ކޯހަކީ ބެޗެލާރސް އޮފް ސައިންސް އިން ޕެރަމެޑިކްސް އާއި ބެޗެލާރސް އޮފް ސައިންސް އިން ސްޕީޗް ލެންގުއޭޖް ޕަރތޮލޮޖީ އޮނާރސް އަދި ބެޗެލާސް އިން އޮކިޔުޕޭޝަނަލް ތެރަޕީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޗާންސެލަރ ޑރ. ޝެހެނާޒު ވިދާޅުވީ، "މިއަދު މި ތަޢާރަފު ކުރެވިގެންދިޔަ 3 ކޯހަކީ ހަމައެކަނި އައު 3 ޑިގްރީއެއްނޫން. މިއީ ޤައުމުގެ މުސްތަޤުބަލުގެ ޞިއްޙަތާ ދުޅަހެޔޮކަމަށްޓަކައި ކުރާ އިންވެސްޓްމެންޓެއް. މިއީ މުޅިން އަލަށް ރާއްޖޭގެ ތާރީޚުގައި 3 ފަންނެއް ކުރިއަރައި ދިޔުމަށް ބޭނުންވާ ބިންގާ. މިއީ، ޤައުމީ ޔުނިވަރސިޓީއަށް ލިބިގެންދިޔަ ފަޚުރެއް."

ކޯސްތަކުގެ ތަފްސީލަށް ބަލާއިރު، ޕެރާމެޑިކް ސައިންސް ކޯހަކީ 3 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި ބަލިމީހުން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދޭންޖެހޭ އަވަސް ފަރުވާތަކުގެ ފަންނީ ތަމްރީނު ދަރިވަރުންނަށް ލިބިގެންދާނެއެވެ. ސްޕީޗް ލެންގުއޭޖު ޕެތޮލޮޖީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ކޯހަކީ 4 އަހަރު ދުވަހުގެ ކޯސްތަކެކެވެ.

އޮކިއުޕޭޝަނަލް ތެރަޕީ ކޯހުގެ މަޤްޞަދަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް، އެމީހުންގެ ދިރިއުޅުމުގެ އާންމު ކަންތައްތަކުގައި އަމިއްލައަށް ބައިވެރިވެ އުޅުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ފަންނީ މީހުން ބިނާކުރުމެވެ. މި އައު ކޯސްތަކާއެކު ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ދިވެހި ފަންނީ މަސައްކަތްތެރިން އިތުރުވެގެންދާނެ ކަމަށް އެމްއެންޔޫއިން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން