ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މ. އަތޮޅުގެ އަށް ރަށަކަށް ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީގެ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ މިއަދު ރަސްމީކޮށް ޙަވާލުކޮށްފިއެވެ. މި ބަދަލާއެކު އެ އަތޮޅުގެ ބޮޑު ބައެއްގެ ކަރަންޓާއި ޔުޓިލިޓީ ޚިދުމަތްތައް ދެން ބަލަހައްޓަމުންދާނީ ސްޓެލްކޯއިންނެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ބަދަލުގެ ދަށުން އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ މ. އަތޮޅުގެ ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލި، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށުގެ ޔުޓިލިޓީ ޚިދުމަތްތަކެވެ. މި ރަށްތަކުގައި ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމުގައި ދެ ކުންފުނީގެ މެދުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު އެވެ. ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަފީފް ހުސައިން އެވެ.
މި ބަދަލަކީ ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވަމުންދާ އިޞްލާޙީ ބަދަލުތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު މަސައްކަތެއް ކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ.
ފެނަކައިން ކުރިން ދެމުން އައި މި ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކުރުމުގެ މައިގަނޑު މަޤްޞަދަކީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.