ދެމަފިރިންގެ ކަންކަމުގައިވެސް އަދި އެހެން ކަންކަމުގައިވެސް ތިމާއަށް ފައިދދާހުރި ގޮތަށް ނިންމްވައިދެއްވެވުން އެދި އާދޭސްކުރަން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެއިރުން އެމީހާއަށް ލައްވަވާ ރަޙްމަތް ބޮޑުވެ ހިތްފުރިގެންދާނެކަން އެއީ ޔަޤިންކުރަންޖެހޭ ކަމެކެވެ.
އެއީ ނިކަމެތި ފަޤީރު އަންހެނެކެވެ. އޭނާގެ ފިރިމީހާއަކީ ޤަދަރުހުރި އަދި ތަނަވަސްކަންވެސް ލިބިފައިވާ މީހެކެވެ. ފިރިމީހާގެ ކިބައިގައި ހުރި ނުރަނގަޅު ކަންތައްތައް އިޞްލާޙްކުރޭތޯ އާދޭސްކުރިއެވެ. އެކަމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއެވެ. ނަމަވެސް ކާމިޔާބުނުވެ ގޮސް ވަރިކުރަން އުޅެމުން ފިރިމީހާ ބުނީ އޭނާއަށް އާދޭސްކޮށްފިނަމަ ވަރިނުކޮށް ބައިންދާނެ ކަމަށެވެ.
އަނބިމީހާ ދިން ޖަވާބުއެނގޭހެއްޔެވެ؟ އޭނާގެ ޖަވާބަކަށްވީ އަހުރެން މިހައިތަނަށް ތިބާއަށް އާދޭސްކުރީ ތިބާގެ ކިބައިގައި ހުރި ނުރަނގަޅު ސިފަތައް އިޞްލާޙްކުރުމަށެވެ. މިހާރުވެސް އެކަމަށް އެދިގެން ޢާދޭސްކުރަމެވެ. އެއީ ތިބާއަށް އެކަމުން ފައިދާކުރާނެތީއެވެ. އަހުރެންގެ ފައިދާއަކަށް ނޫނެވެ.
ބުނަންހެއްޔެވެ؟ ވަރިކޮށްފައި ޢިއްދައިގެ ޚަރަދު ނުދިންނަމަ މާދަމާ ކައިބޮއިހެދޭނެ ފަދަވެސް ނެތެވެ. ގެއިން ނެރެލައިފިނަމަ ގޮސް ވަންނާނެ ތަނެއްވެސްނެތެވެ. އެހީތެރިވާނެ މީހަކުވެސް ނެތެވެ. އެކަމަކުވެސް ބުނަމެވެ. ވަރިނުކުރުން އެދި އާދޭހެއް ނުކުރާނަމެވެ. އަހުރެންގެ ބޭނުމަކަށް އެދި ﷲ ތަޢާލާ ނޫން ދެވަނަ އެއްވެސް ފަރާތަކަށް އާދޭހެއް ނުކުރާނަމެވެ.
މިވަޤުތު މިތަނުގައި ހިނގަމުން މިދާ ކަންކަންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަހުރެން މިހުރީ ﷲ ތަޢާލާއަށް އިޚްލާޞްތެރިކަންމަތީގައެވެ. ވަކީލުކުރަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. ތިބާ ޢަމަލުކުރަން ބޭނުންވާ ގޮތަކަށް ތިބާ ޢަމަލުކުރާށެވެ! މިހާރު މިވަޤުތުވެސް މިގެންދަނީ ހިތުން ﷲ ތަޢާލާއަށް އާދޭސް ދަންނަވަމުންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ އަހުރެންނަށް މޮޅެއްވެސް އަދި އުފަލެއްވެސް އަދި ހިތްދަތިކަމެއްވެސް ނުލިބޭނެއެވެ. އިހުބަހާއި ފަހުބަސްވެސް ބުނެ މިނިމުނީއެވެ.
އަނބިމީހާ ދެއްކި ވާހަކަތަކަށް ފިރިމިހާއަކަށް ކެތެއް ނުކުރެވުނެވެ. އެހިލަ ހިތަށްވެސް އަސަރުކުރީއެވެ. އަނބިމީހާގެ ގާތަށް ޖެހިލާފައި ބައްދާލާފައި އަތުގައި ހިފައިގެންގޮސްވަނީ ކޮޓަރިއަށެވެ. އެރެއިން ފެށިގެން ފިރިމީހާ ހުރީ މުޅިން ތަފާތު މީހަކަށް ބަދަލުވެފައެވެ. އިޞްލާޙްވެ ހެޔޮލަފާ މީހަކަށް ބަދަލުވެފައެވެ.
މިކިޔައިދިން ވާހަކަކޮޅުން ޢިބްރަތް ޙާޞިލްކުރާށެވެ! ތިބާގެ އަމިއްލަ ނަފްސަށް ކޮށްދެވޭނެ އެންމެ ބޮޑުހެޔޮކަމަކީ ތިބާގެ ޙަޔާތުން ދުރަށްދާން އުޅޭ މީހާއަށް އާދޭސްކޮށްގެން ހިފަހައްޓަން ނުއުޅުމެވެ. އާދޭސްކުރިވަރަކަށް އޭނާގެ ނުބައިކަންވާނީ ބޮޑެވެ. ހަމައެއްވެސް ކަމެއްގައި އެއްވެސް މީހަކަށް ޢާދޭސްނުކުރާށެވެ! ވީހާގިނައިން ﷲ ތަޢާލާއަށް އާދޭސްދަންނަވާށެވެ! މާއުސް ހަރުފަތަކަށް ތިބާ އުފުއްލަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން