ޢިބްރަތްތެރި ވާހަކަ: 5 އަހަރުވަންދެން ޚަރަދުކޮށްފަ ކައިވެންޏަށް އެދުމުން ބޮޑާވި އަންހެނަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޢިބްރަތްތެރި ވާހަކަ: 5 އަހަރުވަންދެން ޚަރަދުކޮށްފަ ކައިވެންޏަށް އެދުމުން ބޮޑާވި އަންހެނަކަށް ޖެހުނު ޙާލުގެ ވާހަކަ-

ސްކޫލް އިރުންސުރެ އަހުރެންދެކެ ލޯބިވާކަމަށް ބުނަމުންއައި އަންހެން ކުއްޖަކަށް އައީ ޚަރަދުކުރަމުންނެވެ. ބޭނުންތައް ފުއްދައިދިނުމުގެ އިތުރަށް ކިޔެވުމަށްވެސް ޚަރަދުކުރީމެވެ. މަންމަގެ ހުރި ހަމައެކަނި ދަރިއަކީ އަހުރެންކަމަށްވުމުން އަހުރެންބުނާއިރަށް މަންމަ ފައިށާދެއެވެ. އޭނާއަށް ޚަރަދުކުރީ މަންމަދިން ފައިސާއިންނެވެ. އެއިން އެއްވެސް ކަމެއް މަންމަގެ ގާތަކު ނުބުނަމެވެ.

އެއްރޭ މަންމަ ބުނީ ވަރަށް ބޮޑު ކަމަކު ކިޔަން ބޭނުންކަމަށެވެ. އެކަމެއް ކަމަށްބުނީ އަވަހަށް ކައިވެނިކުރުމެވެ. އެއީ މާމަދަރިއަކަށް ބޭނުންވާވަރުން ކަމަށެވެ. އެހެންބުނުމުން އަނެއް ދުވަހު ލޯބިވެރިޔާގެ ގެއަށްގޮސް ބައްދަލުކޮށްފައި ކައިވެނި އަވަސްކުރަންޖެހިއްޖެކަމަށް ބުނީމެވެ. އެކަމަކު އޭނާއަށް އަޑުއިވުނު ކަމަކަށްވެސް ނުހެދިއެވެ.  

ގެއަށް އައުދެވުނުއިރު މެސެޖެއްކޮށްފައި އޮތުމުން ބަލައިލިއިރު ލިޔެފައި އޮތީ ކައިވެނީގެ ކުރިން އޭނާއަށް ބޭނުންވާ ކަންކަމުގެ ލިސްޓެވެ. އަހުރެން މެސެޖަކަށް ޖަވާބެއް ނުދެމެވެ. މަންމަގާތުން އެދުނީ ކައިވެނިކުރާނެ އަންހެނަކު ދެއްކުމަށެވެ. ހަފްތާއެއްވެސް ނުވަނީސް މަންމަ އަންހެންކުއްޖަކު ދެއްކިއެވެ. ވަރަށް ފަޤީރު ޢާއިލާއެއްގެ ކުއްޖެކެވެ. ރީތިވެސް ކުއްޖެކެވެ.  

އަހުރެން އޭނާއާއި ކައިވެނިކުރީމެވެ. ލޯބިވެރިޔާއަށް އެކަން އެނގުނީ ކައިވެނިކުރި ފަހުންނެވެ. އެނގުމުން ގުޅާފައި ބުނީ ބޭވަފާތެރިވީ ކަމަށެވެ. ޖަވާބުގައި ބުނީމެވެ. "ވަފާތެރިކަމާ ބޭވަފާތެރިކަން އޮޅިއްޖެއެވެ. ލޯބިވެ ކައިވެނިކުރަން ބޭނުންވެގެން 5 އަަހރުވަންދެން ހުރިހާ ޚަރަދެއްކޮށްފައި ކައިވެންޏަށް އެދުމުން ފޮނުވި ލިސްޓުން އެނގެނީ މިހައިތަނަށް އެއްވެސް ކަމެއް ކޮށްނުދެވިއޮތްކަމެވެ. ވީމާ ދުވަހަކުވެސް ކަމެއްކޮށްނުދެވޭނެކަމަށް ބަލައި ކައިވެނިކުރުމުގެ މަތިން ހަނދާން ނައްތައިލީއެވެ. އެކަމަށް ކިޔާނެ ނަމެއް ކިޔާށެވެ."  

ކޮންމެއަކަސް އަހުރެންނަށް ކައިވެނިކުރެވުނީ އެއްވެސް ކަމަކު އެދޭ އަންހެނަކާއެއް ނޫނެވެ. އަތަށް ފައިސާދިނަސް ޚަރަދެއް ނުކުރެއެވެ. ޖެހޭނީ ގަނެގެން ގެންގޮސްދޭށެވެ. ނޫނީ ގޮވައިގެން ބާޒާރަށްގޮސް ގަނެދޭށެވެ. ޚާދިމުން ރަސްކަލަކަށް އިޙްތިރާމްކުރާވަރަށް އަހުރެންނަށް އިޙްތިރާމްކުރެއެވެ. ޚިދުމަތްވެސް ކުރެއެވެ. އެކަމަކު އަދިވެސް ފުރަތަމަ ލޯބިވެރިޔާގެމަތިން ހަނދާންވެއެވެ. އެކަމަކު ފޮނުވި ލިސްޓްމަތިން ހަނދާންވުމުން ނަފްރަތުކުރެވެއެވެ.  

މިހާރު އެދެމުންދަނީ ދެއަންތބަށް ނަމަވެސް ކައިވެނިކުރުމަށެވެ. ނަމަވެސް އުންމީދަކީ ދުވަހަކުވެސް އޭނާއާއި އެބާވަތުގެ އެއްވެސް ގުޅުމެއް ނުބޭއްވުމެވެ.

 

- އަފްޒަލް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން