އެއީ ތަނަވަސް މީހެކެވެ. އަނބިމީހާވަނީ މަރުވެފައެވެ. 20 އަހަރުގެ އަންހެން ދަރިއަކު ހުރެއެވެ. ދެވަނަ ކައިވެނިކުރީ 2 އަންހެންދަރިން ތިބި އަންހެނަކާއިއެވެ. އެކުދިންގެ ޢުމުރަކީ 18 އަހަރާއި 19 އަހަރެވެ.
އަނބިމީހާގެ ކިބައިގަ އުނިސިފަތަކެއް ހުއްޓެވެ. ކަންކަން އިޞްލާޙްކުރަން ބުނެ އަހަރުދުވަސްވުމުންވެސް ބަދަލެއް ނައުމުން ވަރިކުރީއެވެ. އެކަންހިނގީ 3 ދަރިންގެ ކުރިމަތީގައެވެ. 3 ދަރިން ބަލަހައްޓައިގެންތިބީއެވެ. ތިބީ އެކުއެކުގައެވެ.
އޭނާ ގެއިން ނުކުންނަންވެގެން 2 ދަރިންގެ ގާތުގައި ފޮށިތައްޔާރުކުރަން ބުނުމުން އަޑުއިވުނު ކަމަށްވެސް ދެކުދިން ނުހެދިއެވެ. ތިންބެއިން އެކުގައި ތިބި ގޮތަށް ތިބީއެވެ. އެންމެ ފަހުން ނުކުންނަމުން "ތިއަތިބީ މަންމައާއިއެކުގަ ނުދާންވެގެންތޯ؟" ސުވާލުކުރުމުން ބޮލުގެ އިޝާރާތުން ބުނީ ނުދާންވެގެން ކަމަށެވެ.
ދޮންބައްޕައަށް ޙައްޤުނޫން ބަސްތައް ބުނެ އެންމެ ނުބައި އިލްޒާމް އެޅުވުމުންވެސް ދެކުދިން ގުޑައިވެސްނުލައި ތިބީއެވެ. 18 އަހަރު ފުރިފައިތިބުމުން ގަދަކަމުން ނުގެންދެވޭނެކަން ވިސްނޭތީއާއި ގަދަކަމުން ގެންދަން އުޅެފިނަމަ ވާނީ ފަޟީޙަތްކަން އެނގޭތީ އެކަނި ނުކުމެގެން ދިއައީއެވެ.
ދެބެން މަންމައާއިއެކުގަ ނުދިއަ ސަބަބު ބޮޑުދައިތައަށް ކިޔައިދިނެވެ. "ބޮޑުދައިތާއެވެ. މިއީ ބައްޕަޢާއި ވަކިވިފަހުން މަންމަކުރި 3 ވަނަ ކައިވެންޏެވެ. ތަނަވަސް ހެޔޮލަފާ ފިރިއަކު ލިބުމުންވެސް ޝުކުރުވެރިއެއް ނުވިއެވެ. މަންމަ ގޯސްކަމެއް ކުރާތަނެއް ނުފެނެއެވެ. އެކަމަކު އަބަދު އިންނަނީ ފޯނުގައެވެ. ކަމަކު ބޭނުންވިޔަސް ދޮންބައްޕައަށް ޖެހެނީ އާދޭސްކުރާށެވެ.
އެތަން ފެންނާތީ އަހުރެމެން ދެބެއިން އައީ މިދުވަހަށް ތައްޔާރުވަމުންނެވެ. އަހުރެމެން ގުޅުން އުފެއްދީ ދޮންބައްޕަގެ ދަރިފުޅާއެވެ. އަހުރެމެން މިގޭގައި މަޑުކުރީ އެދައްތަ ދިން ޔަޤީންކަމަށެވެ. 3 ބެއިންގެ ގޮތުގައި އަބަދުވެސް އުޅެވޭނެކަމަށް ދިން ޔަޤީންކަމުގައެވެ. ދޮންބައްޕައާއި އެއްވެސް މަޝްވަރާއެއްވެސް ނުކުރަމެވެ. އަހުރެމެންނަށް ޔަޤީންކަމަކީ ދޮންބައްޕަ އޭނާގެ ދަރިފުޅު ފަދައިން އަހުރެމެންދެކެވެސް ލޯބިވާކަމެވެ.
މަންމައަށް ހިތްބުރައެއް ނޫނެވެ. މަންމައާއިއެކުގައި ދިއަނަމަ އަހުރެމެންނަށް ކިޔަވައިވެސް ނުދެވޭނެއެވެ. ދޮން އިންނާނީ ކޮންކަހަލަ މީހަކާކަންވެސް އެނގެނީއެއް ނޫނެވެ."
މިއީ މީގެ 5 އަހަރުކުރީގެ ބައެވެ. މިއަދު އެދެބެއިން ތިބީ ކިޔަވައިގެންނެވެ. މަސައްކަތްކުރަނީ ދޮންބައްޕަގެ ގާތުގައެވެ. 3 ބެއިން އެކުގައެވެ. 3 ބެއިންވެސް ތިބީ ކައިވެނިކޮށްގެންނެވެ. އުޅެނީ ހަމަ އެގޭގައެވެ.
މިޙާދިސާ ރަނގަޅަސް ދިރާސާކޮށްލާށެވެ. މަންމަވިޔަސް ބައްޕަވިޔަސް ނުރަނގަޅު ދިރިއުޅުމެއް އުޅޭނަމަ އެކަމަށް ދަރިންވިސްނާވަރު އެނގޭނެއެވެ. އަދި ދޮންބައްޕައިންގެ ތެރޭގައި މިފަދަ ރަނގަޅު މީހުން ތިބޭކަންވެސް އެނގޭނެއެވެ.
- -ވާޞިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް