މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިނގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)' ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފަނަރަ މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމްގެ ދެވަނަ ބުރު ކުރިއަށްގެންދިއުމަށް، މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ވަނީ ނިންމާފައެވެ.
"ދަނޑުވެރި މަންފާ" ގެ ނަމުގައި ކުރިއަށްގެންދާ މި ސްކީމް އަމާޒުކުރެވެނީ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)'ގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.
މިގްރާންޓް ޕްރޮގްރާމް ގެ ފުރަތަމަ ބުރު ނިމިގެންދިޔައީ ވަރަށް ކާމިޔާބުކަމާއިއެކުއެވެ. ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރު ވެސް މި ހުޅުވާލެވެނީ ހަމައެކަނި ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަންއަށެވެ. މިއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ޤާއިމްކޮށްގެން ދަނޑުވެރިކަންކުރުމަށެވެ. އެގޮތުން މި ގްރާންޓް ސްކީމްގެ މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ޕްރޮޖެކްޓްގެ ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދަނޑުވެރި މަންފާ ގްރާންޓް ސްކީމްއަކީ އެސްއެމްއީ ޑިޖިޓަލް އާއިއެކު ކުރިއަށްދާ ސްކީމްއެއް ކަމުން ގްރާންޓް އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލްއިން 21 ޖުލައި 2026 އިން ފެށިގެންނެވެ. އިޢުލާން ކުރާތާ އެއްމަސްދުވަހުގެ މުއްދަތެއް އެޕްލިކޭޝަން ހުށަހެޅުމާއި ދެމެދު ދެވިފައިވަނީ މި ސްކީމަކީ ފުރަތަމަ ހުށަހަޅާ އެޕްލިކޭޝަންތަކަށް ފުރަތަމަ ގްރާންޓް ދޫކުރާގޮތަށް ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމުން، ދަނޑުވެރިންނަށް އެޕްލިކޭޝަނަށް ބޭނުންވާ ހުރިހާ ލިޔެކިއުންތައް ތައްޔާރުކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)އަކީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާއި ދިވެހި ސަރުކާރާއި ގުޅިގެން ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިގޮތުން 26 ރަށުގައި އެރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާރމާ ފޯރަމް ގްރޫޕްތަކެއް ޤާއިމްކޮށް އެފަރާތްތަކަށް ދަނޑުވެރިކަމާއި އަދި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މަޢުލޫމާތު އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވެމުންގެންދެވެއެވެ.
ޕްރޮޖެކްޓްގެ މައިގަނޑު އެއް މަސައްކަތެއްގެ ގޮތުން 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ، މެލަން، މިރުސް އަދި ކަރާ ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިއަށް އެބަ ދެއެވެ. މީގެ ބޭނުމަކީ ކްލައިމެޓް ސްމާރޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އަދި އަޙުލުވެރިކުރުވުމެވެ. އަދި މި ޕްރޮޖެކްޓުން މިކުރާ މަސައްކަތުން ކުރެވޭ އުންމީދަކީ ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުމެވެ.
ހަބަރު: ސަރުކާރު